ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ބޭއްވުމަށް 44 މިލިޔަން ރުފިޔާ ޚަރަދުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
އިލެކްޝަންސް ކޮމިޝަންގެ ނައިބްރައީސް އިސްމާއިލް ޙަބީބް ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ބޭއްވުމަށްޓަކައި ބޭނުންވާ ފައިސާ ހޯދުމަށްޓަކައި ފިނޭންސް މިނިސްޓްރީއަށް މާދަމާ ހުށައަޅުއްވާނެކަމަށެވެ. އަދި އިންތިޚާބަށް ބޭނުންވާ ވޯޓު ކަރުދާސްތައް ޕްރިންޓްކުރުމަށާއި އޮފިޝަލުންނަށް އުޖޫރަ ދިނުމުގެ އިތުރަށް ކުރަން ޖެހޭ ދަތުރުތައް ހިމެނޭހެން 44 މިލިޔަން ރުފިޔާގެ ބަޖެޓެއް ބޭނުންވާކަމަށް ހަބީބް ވިދާޅުވިއެވެ.
"މިމަސައްކަތް ކުރެވޭނީ ބަޖެޓް ލިބިގެން. އޮފިޝަލުންނަށް އުޖޫރަ ދިނުމާއި ދަތުރުފަތުރާއި ވޯޓް ކަރުދާސް ޕްރިންޓް ކުރުމަށް ބަޖެޓް ބޭނުންވޭ. ޤަބޫލުކުރަން އެބަޖެޓް ފިނޭންސް މިނިސްޓްރީން ހަމަޖައްސަވައި ދެއްވާނެކަމަށް." އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އިސްމާއިލް ޙަބީބު ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން މަޖިލީހަށް ހުށައެޅީ 120 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. އިލެކްޝަނުން ބަޖެޓް ކަނޑައެޅުއްވީ އިންތިޚާބުގައި ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެ ހާލަތުގައި އެކަމަށްވެސް ބެއްލެވުމަށްފަހުއެވެ. އެގޮތުން އިންތިޚާބުގެ ފުރަތަމަ ބުރަށް 95 މިލިޔަން ރުފިޔާ އަދި ދެވަނަ ބުރު ބާއްވަން ޖެހިއްޖެނަމަ 25 މިލިޔަން ރުފިޔާގެ ބަޖެޓެއް ކަނޑައެޅުއްވިއެވެ. އެހެންނަމަވެސް ރައްޔިތުންގެ މަޖިލީހުން މިއަހަރުގެ ބަޖެޓުގައި ހިމެނުމަށް ފާސްކުރީ 90 މިލިއަން ރުފިޔާގެ ބަޖެޓެކެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައި ވޯޓު ފޮށި ބަހައްޓާ އަދި އާންމުކޮށް ދިވެހިން ދިރިއުޅޭ ގައުމުތަކުގައި ވެސް ދިވެހިންނަށް ވޯޓު ލެވޭނެ އިންތިޒާމުތައް ހަމަޖައްސާއިރު އެންމެ ބޮޑު ޚަރަދެއް އާންމުކޮށް ހިނގަނީ ދަތުރުފަތުރަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. މީގެ ތެރެއިންވެސް އެންމެބޮޑު ޚަރަދެއް ހިނގާނީ ރާއްޖެއިން ބޭރުގެ ޤައުމުތަކަށް ކުރަންޖެހޭ ދަތުރުތަކަށް ކަމަށް ކޮމިޝަނުން ވިދާޅުވެއެވެ. އިންތިޚާބުތަކުގައި ހިނގާ ބޮޑެތި ޚަރަދުތަކުގެ ތެރޭގައި، އިންތިޚާބުގައި ހަރަކާތްތެރިވާ އޮފިޝަލުންނަށް ކުރާ ހޭދައާއި، ވޯޓު ކަރުދާސްތައް ޗާޕުކުރުމުގެ އިތުރުން އިދާރީ ކަންކަމަށް ކުރާ ޚަރަދު ހިމެނެއެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރެއް ބާއްވަނީ ފުރަތަމަ ބުރުން އެއްވެސް ކެންޑިޑޭޓަކަށް 50 އިންސައްތައަށްވުރެ ގިނައިން ވޯޓު ލިބިވަޑައި ނުގެންނެވުމުންނެވެ. މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުން އެންމެ ގިނަ ވޯޓު ހޯއްދެވީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒުއާއި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙެވެ.
ރާއްޖޭގެ ތާރީޚަށް ބަލާއިރު މިހާތަނަށް އެންމެ ބުރަކުން އިންތިޚާބު ކާމިޔާބުވެފައި ވަނީ އެންމެ ރިޔާސީ އިންތިޚާބެއްގައެވެ. އެއީ 2018 ވަނަ އަހަރުގެ އިންތިޚާބެވެ.