ޚަބަރު

ވޯޓުގެ ސައްހަކަމަށް ހުރަސް އެޅިދާނެފަދަ ކަމެއް ފާހަގަކުރެވިފައި ނުވޭ: ޓްރާންސްޕޭރެންސީ


  • 400 އަށްވުރެ ގިނަ އޮބްޒާވަރުން ހަރަކާތްތެރިވި

  • ޖުމްލަ ގޮތެއްގައި އިންތިޚާބު ދިޔައީ ރަނގަޅަށް

  • ދެވަނަ ބުރުގެ އިންތީީޚާބުގައި ބައެއްކަންކަން ރަނގަޅުކުރުމަށް ގޮވާލި

އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގައި އޮޅުވާލުމުގެ މައްސަލައެއް ނުވަތަ ވޯޓުގެ ސައްޙަ ނަތީޖާއަަށް އަސަރުކުރާ ވަރުގެ ކަމެއް ހިނގާފައި ނުވާކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ބުނެފިއެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ވަނީ ރިޔާސީ އިންތިޚާބު އޮބްޒާވްކުރުމަށް ރާއްޖޭގެ ހުރިހާ ސަރަހައްދަކާއި ވޯޓު ފޮށި ބަހައްޓާފައިވާ ޤައުމުތަކުގައި 400 އަށްވުރެ ގިނަ އޮބްޒާވަރުންނާއެކު އިންތިޚާބް އޮބްޒާވްކޮށްފައެވެ.

ޓްރާންސްޕޭރެންސީގެ އޮބްޒާވަރުން ހޯދި ހޯދުންތަކުގެ މައްޗަށް ތައްޔާރުކޮށްފައިވާ ރިޕޯޓުގައިވަނީ އިންތިޚާބުގެ ހުރިހާ މަރުހަލާއެއްގެ ކަންތައްތައް ކުރިއަށް ގޮސްފައިވަނީ ރަނގަޅަށް ކަމަށެވެ. އަދި ކުދި ކުދި މައްސަލަތައް ފާހަގަކުރެވުނުނަމަވެސް ވޯޓުުގެ ސައްޙަކަމަށް ސުވާލު އުފެދޭވަރުގެ ކަމެއް ފާހަގަވެފައިނުވާކަމަށް އެރިޕޯޓުގައި ވެއެވެ.

އެ ރިޕޯޓުގައި ވޯޓުލާ މަރުކަޒުތަކުގެ ލޭއައުޓްތައް އެއްގޮތަކަށް ހުރި ނަމަވެސް އެކި މަރުކަޒުތަކުގެ ކުޑަބޮޑުމިން ތަފާތުވުމުން ބައެއް މަރުކަޒުތަކުގައި މަންދޫބުންނާއި އޮބްޒާވަރުން އަދި މޮނީޓަރުން ތިބެންޖެހުނީ ބޫތާ ކައިރީގައި ކަމަށާއި އޭގެ ސަބަބުން ވޯޓުކަރުދާހުގައި ފާހަގަޖަހާ މަންޒަރު ފެނުމުގެ ފުރުސަތު އޮތް ކަމަށެވެ. އަދި ގިނަ ދާއިރާތަކުގައި ވޯޓުލުމަށް ހޭލުންތެރިކުރުން އިތުރުކުރުމުގެ ހަރަކާތްތައް ވެސް އެންމެ ފުރިހަމަ ގޮތެއްގައި ކުރިއަށް ގެންގޮސްފައިނުވާ ކަމަށާއި ސޯޝަލް މީޑިއާ މެދުވެރިކޮށް އީސީން ފޯރުކޮށްދިން އެފަދަ މައުލޫމާތުތައް ލިބެންޖެހޭ ފަރާތްތަކަށް ލިބުނުކަން ޔަގީން ނުވާކަމަށް ރިޕޯޓުގައިވެއެވެ.

ޓްރާންސްޕޭރެންސީގެ ރިޕޯޓުގައި ވަނީ މިފަދަ މައްސަލަތައް ހައްލުކުރަން އިލެކްޝަންސް ކޮމިޝަނަށް ގޮވާލާފައެވެ. އަދި ދެވަނަ ބުރުގެ އިންތިޚާބުގައި ވޯޓު ކަރުދާހުގެ ސިއްރު ނުގެއްލޭނެ ގޮތަކަށް ވޯޓު މަރުކަޒުތަކުގެ ލޭއައުޓް ބަދަލުކޮށް ޖާގަ ތަނަވަސް ތަންތަނަށް މަރުކަޒުތައް ބަދަލުކުރުމަށްވެސް ރިޕޯޓުގައި ގޮވާލާފައިވެއެވެ. އަދި ވޯޓު ކަރުދާހުގައި ފާހަގަޖަހާ ވަގުތު ފޮޓޯ އަދި ވީޑިއޯ ނުނަގާކަން ކަށަވަރުކުުރުމަށް ޓްރާންސްޕޭރެންސީން ވަނީ ގޮވާލާފައެވެ.