ޚަބަރު

2 ވަނަ ބުރަށް ތައްޔާރުވާން ފަށައިފިން، ބަޔަކާއި ގުޅެން ޖެހޭނެ: ރައީސް


  • ފުރަތަމަ ބުރުގައި ވިސްނިފައި ނެތް ބައެއް ކަންތައްތައް އެބަހުރިކަމަށް

  • ބަޔަކާއި ގުޅެން ޖެހޭނެކަމަށް ވިދާޅުވި

  • ލިބިވަޑައިގެންނެވީ %39.09 ވޯޓު

ރިޔާސީ އިންތިހާބުގެ ދެވަނަ ވަނަ ބުރަށް ތައްޔާރުވުމުގެ މަސައްކަތް ފަށްޓަވާފައިވާކަމަށާއި، އެހެންބަޔަކާއި ގުޅިވަޑައިގަންނަވަން ޖެހޭނެކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވެފައިވަނީ ރޭ އިންތިހާބުގެ ވަގުތީ ނަތީޖާއާއެކު ދެވަނަ ބުރަކަށް ދާންޖެހޭނެކަން ޔަޤީންވުމުންނެވެ. އޭގެ ކުޑައިރުކޮޅެއްފަހުން އެމަނިކުފާނުގެ ރަސްމީ ކެމްޕޭން އޮފީސް ހުންނަ ޝައިންޓްރީ އިމާރާތުން ނުކުމެވަޑައިގެންނެވި ވަގުތު ނޫސްވެރިން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

ރައީސް ވިދާޅުވީ އިންތިހާބުގެ 2 ވަނަ ބުރަށް ތައްޔާރުވުމުގެ މަސައްކަތް އަނެއްކާވެސް ޕްލޭންކޮށްގެން ފަށްޓަވާނެކަމަށެވެ. މިއީ އުންމީދު ކުރެއްވި ނަތީޖާތޯ ސުވާލުކުރެއްވުމުން ރައީސް ވިދާޅުވީ، ވިސްނިފައި ނެތް ބައެއް ކަންތައްތައް އެބަހުރިކަމަށެވެ. އެކަންކަމަށް 2 ވަނަ ބުރަކަށް ތައްޔާރުވާއިރު ވިސްނާވަޑައިގަންނަވާނެކަމަށް ރައީސް ވިދާޅުވިއެވެ.

2 ވަނަ ބުރެއްގައި ރައީސް ނަޝީދާއި ގުޅިވަޑައިގަންނަވާނަންތޯ ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ބަޔަކާއި ގުޅިވަޑައިގަންނަވަން ޖެހޭނެކަމަށެވެ.

"އަޅުގަނޑުމެންނަށް ކޮންމެ ގޮތެއްވިއަސް ބަޔަކާއި އެކީގައި ބައިވެރިވާންޖެހޭނެ. އަޅުގަނޑު ހިތުން ޕީޕީއެމްވެސް (ބަޔަކާއި ގުޅުމަށް) މަސައްކަތް ކުރާނެ. އަޅުގަނޑުމެންވެސް ކުރާނެ." ރައީސް ވިދާޅުވިއެވެ.

އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ރައީސް އިބްރާހިމް މުހައްމަދު ޞާލިހްއަށް ލިބިވަޑައިގަތީ 85900 އެއްހައި ވޯޓެެވެ. މިއީ ވޯޓުލީ މީހުންގެ %39.09 އެވެ.