ޚަބަރު

ރިޔާސީ އިންތިޚާބު: ހަވީރު 4:00 ޖެހުމާއެކު ކިއުތައް ބަންދު، މިފަހަރު ވަގުތު އިތުރެއް ނުކުރި


  • ވޯޓުލުން ހެނދުނު 8:00 އިން ހަވީރު 4:00 އަށް

  • ރާއްޖެއާއި ރާއްޖޭން ބޭރުގައި ޖުމްލަ 574 ވޯޓުފޮށި

  • ވޯޓުލުމުގެ ހައްޤު 282،395 މީހަކަށް

  • ކިއުގައި މީހަކު ނެތްނަމަ 4:30 ގައި ވޯޓު ގުނަން ފެށޭނެ

16:00 - މިއަދު ކުރިއަށްދާ ރިޔާސީ އިންތިހާބުގެ ވޯޓްލުމަށް ހުޅުވާލި ވަގުތު ހަވީރު 4:00 ޖެހުމާއެކު ހަމަވާނެކަމަށާއި، އޭގެފަހުން ކިޔުއަކަށް ނޭރޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވޭ. މިހާރުވެސް ބައެއް ވޯޓް ފޮށިތަކުގެ ވޯޓްލުން ނިމި، ވޯޓް ފޮށި ވަނީ ބަންދުކޮށްފައި.

15:30 - މިއަދު ކުރިއަށްދާ ރިޔާސީ އިންތިހާބުގެ ވޯޓްލުމުގައި، މެންދުރު 14:00އާ ހަމައަށް 164981 މީހުން ވޯޓްލާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި. މިއީ އިންތިހާބުގައި ވޯޓްދިނުމުގެ ހައްގު ލިބިފައިވާ 58.4 އިންސައްތަ މީހުންނެވެ. ވޯޓްލީ މީހުންގެ ތެރޭގައި ހިމެނެނީ 82798 ފިރިހެނުން (%29.3) އަދި 82183 އަންހެނުން (%29.1)

14:13 އިލެކްޝަންސް ކޮމިޝަނުން ނައިބު ރައީސްވިދާޅުވީ މިހާތަނަށް 39 ޕަސެންޓް މީހުން ވޯޓުލާފައިވާ ކަމަށް. އެއީ 129،975 މީހުން

13:41 އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ ކުދިކުދި ހާދިސާތައް ހިނގި ނަމަވެސް ވޯޓުލުން ކުރިއަށްދަނީ އަމާންކަމާއި އޮމާންކަމާއެކު ކަމަށް

10:49 ރިޔާސީ އިންތިޚާބުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވޯޓުލައްވައިފި

10:55 އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވޯޓްލައްވައިފި. ރައީސް ސާލިހު ވޯޓްލެއްވުމަށް ވަޑައިގަތީ ޖަމާލުއްދީން ސްކޫލަށް.

10:45 ރިޔާސީ އިންތިޚާބުގައި އަމިއްލަގޮތުން ވާދަކުރައްވާ ކެންޑިޑޭޓް ފާރިސް މައުމޫން ވޯޓުލައްވައިފި

10:40 ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް ވޯޓުލައްވައިފި

10:20 ރިޔާސީ އިންތިޚާބުގެ ވޯޓުލުން ހދ.ނެއްލައިދޫގައި ކުރިއަށްދަނީ

10:00 ރިޔާސީ އިންތިހާބުގައި މިހާތަނަށް ވޯޓްލާފައިވާ މީހުންގެ އަދަދަށް ބަލާއިރު، ހެނދުނު 10:00 ޖެހުމާއި ހަމައަށް 36163 މީހުން ވަނީ ވޯޓްލާފައި. އެއީ ވޯޓްލުމުގެ ހައްގު ލިބިފައިވާ މީހުންގެ 12.81 އިންސައްތަ. ވޯޓްލާފައިވާ މީހުންގެ ތެރޭގައި ހިމެނެނީ 22403 ފިރިހެނުންނާއި 13760 އަންހެނުން.

10:17 ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެނޑިޑޭޓް އިލްޔާސް ލަބީބް ވޯޓް ލައްވައިފި. އިލްޔާސް ވޯޓްލެއްވުމަށް ވަޑައިގަތީ ކަލާފާނު ސްކޫލަށް.

9:55 ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވޯޓްލައްވައިފި.

9:45 ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވޯޓްލައްވައިފި. މުއިއްޒު ވޯޓްލެއްވީ ތާޖުއްދީން ސްކޫލްގައި ބަހައްޓާފައިވާ 214 ނަމްބަރު ފޮއްޓަށް

9:32 ރާއްޖެއާއި ރާއްޖޭން ބޭރުގައި ބަހައްޓާފައިވާ 574 ވޯޓުފޮށީގެ ތެރެއިން، 2 ފޮއްޓެއް ފިޔަވައި ހުރިހާ ފޮއްޓެއްގެ ވޯޓުލުން ފަށައިގެން ކުރިއަށް އެބަދޭ. ވޯޓްލުން ނުފެށި އޮތީ ލަންޑަން އަދި އަބޫދާބީގައި ބަހައްޓާފައިވާ ފޮށިތަކުގެ. އެ ފޮށިތަކުގެ ވޯޓްލުން ނުފެށެނީ އެކަމަށް ކަނޑައަޅާފައިވާ ވަގުތު ނުޖެހޭތީ.

9:15 ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓްގެ ރަނިންމޭޓް، ހުސައިން މުހައްމަދު ލަތީފް ވޯޓްލެއްވުން

9:11 ރިޔާސީ ކެނޑިޑޭޓުންގެ ތެރެއިން، ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހީމް ވޯޓްލައްވައިފި.

9:11 ރިޔާސީ ކެނޑިޑޭޓުންގެ ތެރެއިން، އަމިއްލަގޮތުން ވާދަކުރައްވާ ކެނޑިޑޭޓް ހަސަން ޒަމީލް ވޯޓްލައްވައިފި

9:00 ރާއްޖެއިން ބޭރުގައި ބަހައްޓާފައިވާ ފޮށިތަކުގެ ތެރެއިން ލަންޑަން އާއި އަބޫދާބީ ފިޔަވައި، އެހެން ހުރިހާ ތަނެއްގައި ބަހައްޓާފައިވާ ފޮށިތަކުގެ ވޯޓުލުން ފެށިގެން ކުރިޔަށް އެބަދޭ.

ކުރިއަށްއޮތް 5 އަހަރު ރާއްޖޭގެ ވެރިކަން ކުރައްވާނެ ބޭފުޅަކު ކަނޑައެޅުމަށް ބާއްވާ ރިޔާސީ އިންތިޚާބުގެ ވޯޓުލުން ރާއްޖޭގެ ހުރިހާ ހިސާބެއްގައި ފެށިއްޖެއެވެ.

މިއަދު ހެނދުނު 8 ޖެހުމާއެކު މާލެއާއި އަތޮޅުތަކުގައި ވޯޓުލުމުގެ ކަންކަން ވަނީ ފަށާފައެވެ. ރިޔާސީ އިންތިޚާބުގެ ވޯޓުލުން މިއަދު ހެނދުނު 8 ފެށިގެން ހަވީރު 4 ޖެހުމާއި ހަމައަށް ކުރިއަށްދާނެއެވެ.

ހެނދުނު 7:30 އިން ފެށިގެން ވޯޓުލާ މަރުކަޒުތަކުގައި އާއްމުން ވަނީ ކިޔުތައް ހަދަން ފަށާފައެވެ. ވޯޓުލާން ފުރަތަމަ އައި 2 މީހުންގެ ހާޒިރުގައި ސެކިޔުރިޓީ އުރަ ކެނޑުމަށްފަހު، 8 ޖަހާއިރު ވަނީ ވޯޓުލުން ފަށާފައެވެ. ހަވީރު 4 ޖަހާއިރު ވޯޓުލުމަށް ކިއޫގައި މީހަކު ނެތްނަމަ، ކިޔޫ ބަންދުކުރުމަށްފަހު 30 މިނެޓްފަހުން ވޯޓު ގުނަން ފަށާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. ވޯޓުލާން ފެށުމާއެކު ވީހާވެސް އަވަހަކަށް ވޯޓުލުމުގެ ޙައްގު އަދާކުރެއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އިލްތިމާސްކުރައްވާފައެވެ.

މިފަހަރުގެ ރިޔާސީ އިންތިޚާބަކީ ތާރީޚީ ރިޔާސީ އިންތިޚާބެކެވެ. މި އިންތިޚާބު ޚާއްސަވާ އެންމެ ބޮޑު އެއް ސަބަބަކީ، މިއީ ރާއްޖޭގެ ތާރީޚުގައި އެންމެ ގިނަ ކެންޑިޑޭޓުން ރިޔާސީ އިންތިޚާބެއްގައި ވާދަކުރާ އިންތިޚާބެވެ. 2008 ވަނަ އަހަރު ރާއްޖެއަށް ތަޢާރަފްވި މަލްޓި ޕާޓީ ނިޒާމާއެކު، ބާއްވާ 4 ވަނަ ރިޔާސީ އިންތިޚާބުގައި 8 ކެންޑިޑޭޓުން ވާދަކުރެއެވެ. އޭގެ ތެރޭގައި ސިޔާސީ ޕާޓީތަކުން ވާދަކުރައްވާ 5 ކެންޑިޑޭޓަކާއި އަމިއްލަގޮތުން ވާދަކުރައްވާ 3 ކެންޑިޑޭޓުން ހިމެނިވަޑައިގަންނަވައެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ޖުމްލަ 282،395 މީހަކަށް ވޯޓުލުމުގެ ހައްޤު ލިބިފައިވެއެވެ. މީގެ ތެރޭގައި އަލަށް ވޯޓުލާ 27000 އަށްވުރެ ގިނަ މީހުން ހިމެނެއެވެ. އަދި ޤާނޫނަށް ގެނެވުނު އިސްލާޙާއެކު މިފަހަރުގެ އިންތިޚާބުގައި ލޯފަން މީހުންނަށް އިތުރު މީހެއްގެ އެހީއަކާއި ނުލާ، އަމިއްލައަށް ވޯޓުލުމުގެ ފުރުޞަތު ވަނީ ލިބިގެންގޮސްފައެވެ.

މި އިންތިޚާބުގައި ރާއްޖެއާއި ރާއްޖޭން ބޭރުގައި ވޯޓުލުމަށްޓަކާ ޖުމްލަ 574 ފޮށްޓެއް ވަނީ ބަހައްޓާފައެވެ. މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ރާއްޖޭން ބޭރުގެ 5 ޤައުމެއްގައި ވަނީ ވޯޓު ފޮށި ބަހައްޓާފައެވެ. އެއީ ސްރީލަންކާގެ ކޮލަމްބޯއާއި، އިންޑިއާގެ ޓްރެވެންޑްރަމާއި، މެލޭޝިއާގެ ކުއަލަލަމްޕޫރުގެ އިތުރުން އިނގިރޭސިވިލާތުގެ ލަންޑަނާއި، ދުބާއީގައެވެ. އަދި 65 ރިސޯޓަކާއި 5 ޖަލެއްގައި ވޯޓު ފޮށި ބަހައްޓާފައިވެއެވެ.

ރިޔާސީ އިންތިޚާބުގެ މަސައްކަތްތަކުގައި އޮފިޝަލުންގެ ގޮތުގައި 5000 އަށްވުރެ ގިނަ މީހުން ހަރަކާތްތެރިވެއެވެ. އަދި މޮނިޓަރުންނާއި އޮބްޒާވަރުންގެ ގޮތުގައި 1700 އަށްވުރެ ގިނަ މީހުން ހަރަކާތްތެރިވެއެވެ.

އިންތިޚާބާ ގުޅޭ މަސައްކަތްތަކުގައި ހަރަކާތްތެރިވާ، އިލެކްޝަންސް ކޮމިޝަންގެ ފާސް އޮތް މީހުންނަށް ކިއުގައި ނުޖެހި ވޯޓު ލެވޭނެއެވެ. އަދި އާއްމު ޚިދުމަތްތަކުގައި ޔުނީފޯމް އެޅި މުވައްޒަފުންނަށްވެސް ކިއުގައި ނުޖެހި ވޯޓު ލެވޭނެއެވެ. މީގެއިތުރުން އުމުރުން ދުވަސްވީ މީހުންނާއި، މާބަނޑު މީހުންނާ އަދި އެކިކަހަލަ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ކިއުގައި ނުޖެހި ވޯޓު ލެވޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.

އިންތިޚާބުގެ އަމާންކަމާއި، ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ހިންގާ އޮޕަރޭޝަން ބްލޫ ވޭވްގެ ދަށުން ވޯޓުލާ ހުރިހާ މަރުކަޒުތަކެއްގައިވެސް ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ. މިފަހަރުގެ އިންތިޚާބުގައި ސަލާމަތީކަންކަން އިތުރަށް ކަށަވަރުކުރުމަށް ފުލުހުން އަންނަނީ ބޮޑީވޯން ކެމެރާވެސް ބޭނުންކުރަމުންނެވެ.