ޚަބަރު

ރާއްޖެއިން ބޭނުންވަނީ ދެމެހެއްޓެނިވި ޓޫރިޒަމް މަންޒިލަކަށްވާން: މައުސޫމް


  • 2 ރިސޯޓެއްގައި ކުނި މެނޭޖުކުރުމުގެ ގޮތްތައް ދެނެގަތުމަށް ދިރާާސާއެއް ކުރި

  • ދެމެހެއްޓެނިވި ޓޫރިޒަމް މަންޒިލަކަށް ހެދުމަށް ކުނި މެނޭޖުކުރުން މުހިންމު

  • ކާބޯތަކެއްޗާއި ކުނި މެނޭޖުކުރުމަށް އިންޑަސްޓްރީގެ އެންމެންވެސް މަސައްކަތްކުރަންޖެހޭކަމަށް

ދިވެހިރާއްޖެއިން މަސައްކަތްކުރަނީ ދުނިޔޭގެ އެންމެ ކުރީ ސަފުގައި ދެމެހެއްޓެނިވި ޓޫރިޒަމް މަންޒިލަކަށްވުމަށްކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ.ޢަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ޓޫރިޒަމް ދާއިރާގެ ސިނާޢަތުގެ މަސައްކަތްކުރާ ތަންތަނުން އުކާލާ ކުނި ރަނގަޅުގޮތުގައި މެނޭޖުކުރުމަށް އެހީތެރިވުމަށްޓަކައި ޓޫރިޒަމް ދާއިރާގެ ފަރާތްތަކަށް މައުލޫމާތު ދިނުމަށް މީރުމާ ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ޓޫރިޒަމް މިނިސްޓަރ ޑރ. މައުސޫމް ވިދާޅުވީ ކާބޯތަކެތި މަދުވުމާއި ކުނީގެ މައްސަލައަކީ ވިސްނާލަން ޖެހިފައިވާ މުހިންމު މައްސަލައެއްކަމަށެވެ. ފަތުރުވެރިމުގެ ސިނާއަތުގައި ކާބޯތަކެތި މަދުވުމާއި ކުނީގެ މައްސަލަ ބޮޑުކަން ފާހަގަކުރައްވާ މިނިސްޓަރ ވަނީ އެފަދަ މައްސަލަތައް ޙައްލުކުރެވޭނެ ކަންކަމާއި ގުޅޭގޮތުން، މިރިހި އައިލެންޑް ރިސޯޓާއި، ރޯޔަލް އައިލެންޑް ރިސޯޓުގައި 10 ދުވަހުގެ މުއްދަތަކަށް ދިރާސާއެއް ކުރިއަށް ގެންދެވުނުކަމަށް ވިދާޅުވެފައެވެ. މި ދިރާސާ ކޮށްފައިވަނީ ސީނިއަރ ކޮންސަލްޓަންޓް އޮފް ފުޑް ލޮސް އެންޑް ވޭސްޓް ސްޕެޝަލިސްޓް، ޑރ.ލުސިއާނާ ޑެލްގާޑޯއެވެ.

ޑރ.ލުސިއާނާއަކީ އިންޓަރނޭޝަނަލް ފުޑް ޕޮލިސީ ރިސާޗް އިންސްޓިޓިއުޓްގެ ފުޑް ލޮސް އެންޑް ވޭސްޓް ސްޕެޝަލަިސްޓެކެވެ.

މިރިހި އައިލެންޑް ރިސޯޓު އަދި ރޯޔަލް އައިލެންޑް ރިސޯޓުގައި ކުރިއަށް ގެންދިޔަ ދިރާސާގެ ބޭނުމަކީ ރާއްޖޭގެ ރިސޯޓުތަކުގެ އުކާލާ ކުނި ނައްތާލުމުގެ އިންތިޒާމު ހުންނަ ގޮތް ބެލުމެވެ. ހަމަ އެއާއެކު ދިރާސާއިން ލިބުނު މައުލޫމާތު ބޭނުންކުރީ މައްސަލައިގެ މިންވަރު ތަހުލީލުކޮށް ދެނެގަތުމަށާއި، އެ އުސޫލުތައް ދެނެގަނެ ތިމާވެއްޓާއި ކާބޯތަކެއްޗަށް ކުރާ އަސަރު ދެނެގަތުމަށެވެ. މި ދިރާސާގެ މަޤްސަދަކީ ހުރިހާ ދާއިރާއަކުން ސަރުކާރުގެ ދެމެހެއްޓެނިވިކަން ހާސިލްކުރުމަށްޓަކައި، ރިސޯޓުތަކުގައި ކާބޯތަކެތީގެ ކުނި ނައްތާލުމުގެ ރަނގަޅު ނިޒާމުތައް ޤާއިމްކުރުމެވެ.

ޓޫރިޒަމް މިނިސްޓަރ ޑރ.މައުސޫމް ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާއަތައް ބޮޑެތި ބަދަލުތަކެއް އަންނަމުންދާކަމަށާއި، ކުނި ނައްތާލުމަށް ހުރިހާ ރިސޯޓުތަކަކުންވެސް މަސައްކަތްކުރާކަމަށެވެ. ނަމަވެސް ފާހަގަކޮށްލެވޭވަރުގެ އެދެވޭ ޙައްލެއް މިހާތަނަށް ނުލިބޭކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"ކުނި މެނޭޖުކުރުމަށް ކުރެވޭނެ ކަންކަން އެބަހުރި. ނަމަވެސް ހުރިހާ ކުންޏެއް މެނޭޖެއް ނުކުރެވޭ. ކާބޯތަކެތީގެ ކުނީގެ ސަބަބުން ސިއްޙަތަށާއި ތިމާވެއްޓަށް އެތަކެއް ނޭދެވޭ އަސަރުތަކެއް ކުރޭ. މިކަމަކީ ޓޫރިޒަމް އިންޑަސްޓްރީއަށް ޖެހިފައިފާ އެންމެ ބޮޑު ގޮންޖެހުން. އަޅުގަނޑުމެން އެކިއެކި ގަވާޢިދުތައް ހެދިފައި އޮތް ނަމަވެސް، ގިނަ ރިސޯޓުތަކާއި، ހޮޓެލްތަކާއި، ގެސްޓް ހައުސްތައް އަދި، ސަފާރީތަކުގައި މަސައްކަތްކުރާ ފަރާތްތަކަަކީ ކުނި މެނޭޖުކުރުމުގައި ޒިންމާދާރުބައެއް" ޓޫރިޒަމް މިނިސްޓަރ ޑރ.ޢަބްދުﷲ މައުސޫމް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ތިމާވެށި ދެމެހެއްޓުމުގެ ޗެމްޕިއަންއަކަށް ރާއްޖެއިންވުމަށްޓަކައި ރައްކާތެރިގޮތުގައި ކުނި މެނޭޖުކުރަންޖެހޭކަމަށެވެ. މިގޮތުން ކާބޯތަކެއްޗާއި ކުނި މެނޭޖުކުރުމަށްޓަކައި ކުރާ ކަންކަން އިޝްތިހާރުކުރުމަކީ ޓޫރިޒަމް ސިނާޢަތަށް ފައިދާވާނެ ކަމެއްކަމަށެވެ. އަދި މި ސިނާއަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ސިނާޢަތުގައި މަސައްކަތްކުރާ ކޮންމެ ފަރާތެއްވެސް ހިއްސާ އޮންނަންވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓަރ ވިދާޅުވީ ކުރެވުނު ދިރާސާގެ ސަބަބުން ކާބޯތަކެތި މަދުވުމާއި ކުނި މެނޭޖުކުރުމުގެ މައްސަލައަށް އިތުރު މަގުދައްކައިދޭނެކަމަށް ޔަގީންކަކުރައްވާކަމަށެވެ. އަދި ރާއްޖޭގެ ޓޫރިޒަމް ސިނާޢަތަކީ ހުރިހާ ގޮތަކުންވެސް، ޚާއްސަކޮށް ކާބޯތަކެތި މަދުވުމާއި ކުނީގެ މައްސަލަ ހައްލުކޮށް ދެމެހެއްޓެނިވި ސިނާޢަތެއްގެ ގޮތުގައި ބްރޭންޑް ކުރެވިގެން ދިއުމަކީ އުންމީދެއްކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވިއެވެ.