ޚަބަރު

ޓޫރިޒަމް ޖަމްޢިއްޔާގެ ތާޢީދު ރައީސް ޞާލިޙަށް


  • މުވައްޒަފުންނަށް ރަނގަޅުގޮތް ދެންވެސް ވާނީ މި ސަރުކާރު އައިސްގެންކަމަށް ބުނި

  • މި ދައުރުގައި ގިނަ ކަންތައްތަކެއް ކޮށްދިންކަން ޓީމް އިން ބުނޭ

ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންގެ ހައްޤުގައި މަސައްކަތްކުރާ ޖަމުޢިއްޔާ، ޓޫރިޒަމް އެމްޕްލޯއީސް އެސޯސިޝަން އޮފް މޯލްޑިވްސް (ޓީމް) އިން ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް ތާއީދުކުރަން ނިންމައިފިއެވެ.

ޓީމް އިން ނެރުނު ބަޔާނެއްގައި ބުނީ، ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ވެރިކަމުގެ 5 އަހަރުގައި މީގެކުރިން އެހެން އެއްވެސް ސަރުކާރެއްގައި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންގެ ހައްޤުތައް ކަށަވަރުނުކޮށްދޭ މިންވަރަށް ހައްޤުތައް ކަށަވަރުކޮށްދީފައިވާކަމަށެވެ. އެހެންކަމުން އެ ޖަމުޢިއްޔާއިން ރައީސަށް ތާއީދުކުރަން ނިންމާފައިވާކަމަށް ޓީމްއިން ބުންޏެވެ.

މުވައްޒަފުންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގޮތުން، ބޭރުގެ ބައިނަލްއަގްވާމީ ޖަމްޢިއްޔާތަކާއި ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރި ކަމަށް ޓީމް އިން ވަނީ ބުނެފައެވެ. މިނިމަމްވޭޖު ތަންފީޒުކޮށް، ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް މި ވެރިކަމުގައި އައިސްފައިވާކަން އެ ޖަމްޢިއްޔާއިން ވަނީ ފާހަގަކޮށްފައެވެ.

މީގެއިތުރުން ރިސޯޓުތަކުން 10 ޕަސެންޓް ސާވިސް ޗާޖު ދޭން ޤާނޫނުން ލާޒިމުކޮށް، މޮނިޓަރ ކުރެވޭނެ ހަރުދަނާ ނިޒާމެއް ގާއިމްކޮށްފައިވާކަމަށާއި، އުސޫލެއް އަދި ހަމައެއް ނެތި މުވައްޒަފުން ވަކިކުރުން ހުއްޓުވަން ގާނޫނު އިސްލާހު ކުރިކަންވެސް ޓީމް އިންވަނީ ފާހަގަކޮށްފައެވެ.

ރިސޯޓު މުވައްޒަފުން ބޭނުންވި ގޮތަށް ސްކޫލް ޗުއްޓީ އަށް ބޮޑު ބަދަލެއްވެސް ގެނެސްދީފައިވަނީ މި ސަރުކާރުންކަން ޓީމްގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ. ރިސޯޓު މުވައްޒަފުންގެ މަސައްކަތު ވަގުތު ފިޔަވައި، އެހެން ވަގުތު ތަކުގައި ހުއްދަ ނެތި ރިސޯޓުން ނުކުރެވޭނެ ގޮތަށް ގާނޫނަށް ބަދަލު ގެނެސްދީފައިވަނީވެސް މި ސަރުކާރުންކަން ޓީމްއިން ވަނީ ފާހަގަކޮށްފައެވެ.

ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންނަށް ރަނގަޅު ގޮތެއް އޮތީ މި ސަރުކާރަށް 2 ވަނަ ދައުރެއް ދީގެންކަމަށް ޓީމްގެ ބަޔާނުގައި ވަނީ ބުނެފައެވެ. އެގޮތުން އަންނަ ދައުރެއްގައި ރިސޯޓު މުވައްޒަފުންނަށް ޚާއްޞަ ބޯހިޔާވަހިކަމުގެ ސްކީމެއް ފަށައި ބޯހިޔާވަހިކަން ކަށަވަރުކޮށްދޭނެކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެފައިވާ ވިދާޅުވުން އެ ޖަމްޢިއްޔާއިން ވަނީ ފާހަގަކޮށްފައެވެ.