ޚަބަރު

އޭއައި ދާއިރާއިން ރިސާޗް ހަދަން މާލީ އެހީ ދޭނަން: އިލްޔާސް


  • އައިޓީ ދާއިރާއިން ރިސާޗް ހެދުމަށް ފައިސާއާއި ތަކެތި ފޯރުކޮށްދޭނެ

  • ޑިމޮކްރެޓްސްއިން ވެފައިވާ ވައުދުތައް ފުއްދަދޭނެ

  • އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެ މަގު ފަހިކޮށްދޭނެ

އާޓިފިޝިއަލް އިންޓެލިޖެންސްގެ ދާއިރާއިން ރިސާޗް ހަދަން ބޭނުންވާ ދަރިވަރުންނަށް ފަންޑު ކޮށްދޭނެކަމަށް ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބް ވިދާޅުވެއްޖެއެވެ. އިލްޔާސް މިހެން ވިދާޅުވީ ދަ ޑިމޮކްރެޓްސް ހަރުގޭގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އިލްޔާސް ވިދާޅުވީ، ޑިމޮކްރެޓްސްގެ ސަރުކާރެއްގައި ހަމައެކަނި އިސްކަންދޭނީ ރަނގަޅު ތައުލީމެއް ދިނުމަށް އެކަނި ނޫންކަމަށެވެ. މީގެއިތުރުން އާޓިފިޝިއަލް އިންޓެލިޖެންސްގެ ދާއިރާއިން ރިސާޗް ހަދަން ބޭނުންވާ ކުދިންނަށް އެ ފުރުސަތުވެސް ފަހިކޮށްދޭނެކަމަށް އިލްޔާސް ވިދާޅުވިއެވެ. މިއީ ރާއްޖެ ބަދަލުކޮށް އައު މިސްރާބަކަށް ގެންދިއުމަށްވެސް އެހީތެރިވެދޭނެކަމެއްގެ ގޮތުގައި އިލްޔާސް ފާހަގަކުރެއްވިއެވެ.

އެހެންކަމުން މިފަދަ ރިސާޗް ހަދަން ބޭނުންވާ ކުދިންނަށް އެކަމަށް ބޭނުންވާ ފައިސާއާއި ތަކެތިވެސް ފޯރުކޮށްދޭނެކަމަށް އިލްޔާސް ވިދާޅުވިއެވެ. މިއީ އެ ފައިސާ އަނބުރާ ހޯދަން ކުރާކަމެއްނޫންކަމަށްވެސް އިލްޔާސް ވިދާޅުވިއެވެ.


“އަޅުގަނޑު މިއަންނަނީ އެ ސްކޫލް ކުދިންނަށް އެ ރިސާޗް ހަދާ ކުދިންނަށް، ޔުނިވަރސިޓީ ކުދިންނަށް ބޭނުންވާ ފައިނޭންސްއާއި އިކުއިޕްމަންޓް ހޯދަދޭން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ސަރުކާރެއްގައި އައު އިނޮވޭޝަންތަކާއި އައު އާޓިފިޝިއަލް އިންޓެލިޖެންސްތަކަށް އޭގެ ރިސާޗް އިންސްޓިޓިއުޓްތަކަށް ފަންޑުކޮށް އެކަން ކޮށްދޭނެ. އެކުދިން އެތަންތުގައި ވަޒީފާ އަދާކުރެވޭނެ ގޮތްތައް އަޅުގަނޑުމެން ހޯދަދޭނަން. އެއީ މި ރާއްޖޭގައި ސިކުނޑިތައް އުފައްދަން އަޅުގަނޑުމެން ކުރާނެކަމެއް.” އިލްޔާސް ވިދާޅުވިއެވެ.

އިލްޔާސް ވިދާޅުވީ، ދަ ޑިމޮކްރެޓްސްގެ ސަރުކާރެއްގައި ވެފައިވާ ވައުދުތައް ފުއްދަދޭނެކަމަށެވެ. އަދި ރިސޯޓް މުވައްޒަފުންނަށް މުސާރައާއި، އިނާޔަތްތަކާއިއެކު އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެ މަގު ފަހިކޮށްދޭނެކަމަށްވެސް ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބު ވިދާޅުވިއެވެ.