ޚަބަރު

ޢުމަރު ނަޞީރަށް މަރުގެ އިންޒާރު ދީފި


  • ޢުމަރު ނަސީރަށް މަރުގެ އިންޒާރުދީ މީހަކު ވަނީ މެސެޖްކޮށްފައި

  • މީގެކުރިންވެސް ކެންޕެއިން ހަރަކާތެއްގައި އޭނާއަށް ހަމަލާދީފައިވޭ

މިއަހަރުގެ ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓް ޢުމަރު ނަސީރަށް މަރުގެ އިންޒާރު ދީފިއެވެ. ޢުމަރުގެ ކެމްޕެއިން ޓީމުން ވަނީ މިކަން ސޯޝަލް މީޑިއާގައިވެސް އާންމުވެސް ކޮށްފައެވެ.

އެ ޓީމުން ބުނީ މިކަހަލަ އިންޒާރުތައް މި ފަހަކަށް އައިސް ވަރަށް ގިނައިން ޢުމަރު ނަސީރަށް ލިބޭކަމަށެވެ. އަދި ކެމްޕެއިން ޓީމުގައި ހަރަކާތްތެރިވާ ބައެއް ފަރާތްތަކަށްވެސް އިންޒާރު އަންނަކަމަށެވެ.

ޢުމަރު ނަސީރަކީ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ފާޅުކަން ބޮޑުކޮށް ޑްރަގާއި މަސްތުވާތަކެއްޗާއި ދެކޮޅަށް ވަކާލާތުކުރާ އެއް ކެންޑިޑޭޓެވެ. އޭނާގެ ސަރުކާރެއްގައި ގޭންގުތަކުގެ މީހުންގެ ކިބައިން މަގުތައް އަމާންވާނެ ކަމާށާއި ރާއްޖެއިން މަސްތުވާތަކެތީގެ ވަބާ ފުހެލާނެކަމަށް ވަނީ ވިދާޅުވެފައެވެ.

މީގެކުރިންވެސް ޢުމަރު ނަސީރުގެ ކެމްޕެއިން ހަރަކާތެއްގައި މީހަކު ވަނީ އޭނާއަށް ދަގަނޑު ބުރިއަކުން ހަމަލާދިނުމަށް މަސައްކަތް ކޮށްފައެވެ. ރިޔާސީ އިންތިޚާބަށް ކުރިމަތިލާފައިވާ އެންމެހައި ކެންޑިޑޭޓުންނަށާއި ރަނިންމޭޓުންނަށް ދައުލަތުގެ ޚަރަދުގައި ސަލާމަތާއި ރައްކާތެރިކަމުގެ ޚިދުމަތް ދޭން ޤާނޫނު ލާޒިމްކުރެއެވެ.

އެއްވެސް ކެންޑިޑޭޓެއްގެ އަދި ރަނިންމޭޓެއްގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރަސް އެޅިދާނެ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ކުރުމަކީ ކުށެކެވެ. މިފަދަ ނާތަހުޒީބު އަމަލުތަކުން ދުރުހެލިވުމަށް ހުރިހާ ފަރާތްތަކަށް އިލެކްޝަންސް ކޮމިޝަނުން މީގެކުރިންވެސް ވަނީ އިލްތިމާސްކުރައްވާފައެވެ.