ޚަބަރު

މިއަހަރު ނިމުމުގެ ކުރިން ޕޭމަންޓް ސިސްޓަމްގައި ހުރިހާ ބެންކަކުން ބައިވެރިވާނެ


  • އިތުރު 4 ބޭންކަކާއެކު ޓެސްޓްކުރުމުގެ މަސައްކަތް ކުރިއަށްދަނީ

  • އަންނަމަހުގެ ނިޔަލަށް ޓެސްޓިން މަރުހަލާ ނިމޭނެ

  • 'ފަވަރަ' އެޕްލިކޭޝަންއެއް ހަަދަނީ

މިއަހަރު ނިމުމުގެ ކުރިން މޯލްޑިވްސް އިންސްޓަންޓް ޕޭމަންޓް ސިސްޓަމް 'ފަވަރަ'ގައި ހުރިހާ ބޭންކްތައް ހިމެނުމަށް މަސައްކަތްކުރަމުން އަންނަކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭއިން ބުނެފިއެވެ.

'ފަވަރަ'އަކީ ރައްކާތެރި އަދި އަވަސް މާލީ މުއާމަލާތްތަކެއް ހިންގުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ތައްޔާރުކޮށްފައިވާ ޕޭމަންޓް ސިސްޓަމްއެކެވެ.

އިންސްޓަންޓް ޕޭމަންޓް ސިސްޓަމްގެ ފުރަތަމަ ބައިވެރި 3 ބެންކަކީ ބޭންކް އޮފް މޯލްޑިވްސް، މޯލްޑިވްސް އިސްލާމިކް ބޭންކް އަދި ސްޓޭޓް ބޭންކް އޮފް އިންޑިޔާއެވެ.

'ފަވަރަ'ސިސްޓަމާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެެމްއެމްއޭގެ އެގްޒެކެޓިވް ޑިރެކްޓަރ ޕޭމެންޓް ސިސްޓަމްސް އެންޑް އޯވަރސައިޓް ޑިވިޝަން ހައްވާ ލަތީފު ވިދާޅުވީ 'ފަވަރަ' ސިސްޓަމް އިފްތިތާޙްކިށްފައިވަނީ ގިނަ ދުވަސްތަކެއް ވަންދެން ޓެސްޓިން މަރުހަލާ ކުރިއަށްގެންދިޔުމަށްފަހުކަމަށެވެ. އަދި މިހާރު އިތުރު 4 ބޭންކެއް އެ ސިސްޓަމްގެ ތެރެއަށް ހިމެނުމަށްޓަކައި ޓެސްޓްކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށާއި ޓެސްޓިން މަރުހަލާ އަންނަ މަހުގެ ނިޔަލަށް ކުރިއަށްދާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހައްވާ ލަތީފު ވިދާޅުވީ އަންނަ މަސް ނިމޭއިރަށް ބޭންކުތައް އެކަމަށް ތައްޔާރުވާނެކަމަށް އުއްމީދުކުރައްވާކަމަށާއި އަދި މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގައި ހުރި ހުރިހާ ބޭންކްތަކެއް ސިސްޓަމްއާ ގުޅުވާލުމަށް މަސައްކަތް ކުރަމުން އަންނަކަމަށެވެ.

"ޓެސްޓިންގެ މަސައްކަތް ގިނަ ދުވަސްވަންދެން ކުރިއަށް ގެންދަނީ ސިސްޓަމްއަކީ ވަރުގަދަ އެއްޗެއް ކަން ކަށަވަރުކުރުމަށް. އަދި އަވަހަށް ޓްރާންސްސެކްޝަންތައް ހެދޭތޯ ބަލާ ސިސްޓަމްގައި ހުރި މައްސަލަތައް ދެނެގަނަ އިތުރަށް ރަނގަޅުކުރުމަށްޓަކައި." އެެމްއެމްއޭގެ އެގްޒެކެޓިވް ޑިރެކްޓާ، ޕޭމެންޓް ސިސްޓަމްސް އެންޑް އޮވަސައިޓް ޑިވިޝަން ހައްވާ ލަތީފު ވިދާޅުވިއެވެ.

މޯލްޑިވްސް އިންސްޓަންޓް ޕޭމަންޓް ސިސްޓަމް 'ފަވަރަ' އަކީ މާލީ ނިޒާމާއި ބީރައްޓެހި ފަރާތްތަކަށާއި، ބޭންކް އެކައުންޓެއް ނެތް ފަރާތްތަކާއި ރާއްޖޭގެ ކޮންމެ ބޭންކެއްގައި އެކައުންޓް ހުޅުވާފައިވީނަމަވެސް، މި ސިސްޓަމް މެދުވެރިކޮށް ހިނގާ ކޮންމެ މުއާމަލާތެއްގެ ފަސޭހަތައް އެއްހަމައެއްގައި ލިބިދިނުމަށް މަގު ފަހިވާގޮތަށް ފަރުމާކޮށްފައިިވާ ސިސްޓަމެކެވެ.

ހައްވާ ލަތީފު ވިދާޅުވީ މިވަގުތު 'ފަވަރަ' އެޕްލިކޭޝަން ތައްޔާރު ކުރުމުގެ މަސައްކަތްވެސް ކުރަމުން އަންނަކަމަށެވެ. އޭނާ ވިދާޅުވީ ދެވަނަ މަރުހަލާގައި ފަވަރަ އެޕްލިކޭޝަން މެދުވެރިކޮށް އީ-ވޮލެޓްތައް ބޭނުންކޮށްގެން ވެސް ހިދުމަތްތައް ހޯދޭނެކަމަށެވެ. އަދި މި ވަގުތު އީ-ވޮލެޓްތަކުގެ ހިދުމަތް ދޭ އުރީދޫ އާއި ދިރާގާއެކުވެސް މަސައްކަތްތައް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

"ރެޑިލީ މޭޑް ވައިޓް ލޭބަލް އެޕްލިކޭޝަނެއް. ވައިޓް ލޭބަލް އެޕްލިކޭޝަން މިއީ ކަސްޓަމަރުންނަށް އެންމެ ފަސޭހަވާނެ ގޮތަށް ޑިޒައިންކޮށްގެން ނެރޭ އެޕްލިކޭޝަނެއް. އޭގަ ހަމަ މި ހުރިހާ ހިދުމަތްތަކެއް ލިބިގެންދާނެ. އަދި އޭގެ އިތުރުން ކިއުއާރް ކޯޑު ބޭނުންކޮށްގެން ވެސް ޕޭމެންޓްތައް ހެދޭނެ." އެެމްއެމްއޭގެ އެގްޒެކެޓިވް ޑިރެކްޓާ، ޕޭމެންޓް ސިސްޓަމްސް އެންޑް އޮވަސައިޓް ޑިވިޝަން ހައްވާ ލަތީފު ވިދާޅުވިއެވެ.

ފަވަރައިގެ ފުރަތަމަ މަރުހަލާގައި މިވަގުތު ދެނީ މައިގަނޑު ހަތަރު ހިދުމަތެކެވެ. އެއީ، 'ފަވަރަ' އައިޑީއެއް ހެދުމާއި 'ފަވަރަ' ޓްރާންސްފާ އާއި 'ފަވަރަ' ރިކުއެސްޓްގެ އިތުރުން ވެރިފިކޭޝަން ހިދުމަތެވެ.

ފަވަރަ އައިޑީއެއް ހެދުމުން، ބޭންކުތަކުގެ އެކައުންޓު ނަންބަރުގެ ބަދަލުގައި އީމެއިލް ނުވަތަ ފޯނު ނަންބަރު ބޭނުންކޮށްގެން އެ އެކައުންޓުން އަނެއް އެކައުންޓަށް ފައިސާ ޖަމާކުރެވޭނެއެވެ.

'ފަވަރަ' ޓްރާންސްފާއިން މަދު ސިކުންތުކޮޅެއްގެ ތެރޭގައި އެއް ބޭންކުން އަނެއް ބޭންކަށް ފައިސާ ޖަމާކުރެވޭނެއެވެ. އަދި 'ފަވަރަ' ރިކުއެސްޓް މެދުވެރިކޮށް، އަމިއްލަ ފަރާތްތަކާއި ވިޔަފާރިތަކަށްވެސް ބިލް ފޮނުވައިގެން ފައިސާގެ މުއާމަލާތްތައް ހިންގޭނެކަމަށް އެމްއެމްއޭއިން ބުނެއެވެ.