ޚަބަރު

ދ.އަތޮޅު ހޮސްޕިޓަލުގެ އައު އިމާރާތް އަޅަން ބޭނުންވާ ސާމާނު ގެންގޮސްފި


  • 5 ފަންގިފިލާގެ މިއިމާރާތަކީ 50 އެނދުގެ ހޮސްޕިޓަލެއް

  • މަޝްރޫޢުގެ މަސައްކަތް ކުރަނީ އާރްޑީސީއިން

ދ.ކުޑަހުވަދޫ އައު ހޮސްޕިޓަލް އިމާރާތުގެ މަސައްކަތް ފެށުމަށް ބޭނުންވާ ސާމާނު އެރަށަށް ގެންގޮސްފިއެވެ.

މި މަސައްކަތް ހަވާލުކޮށްފައިވަނީ ރޯޑު ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރްޑީސީއާއެވެ.

ސަރުކާރުގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމުގެ ދަށުން ދ.ކުޑަހުވަދޫގައި ހުންނަ ދ.އަތޮޅު ހޮސްޕިޓަލުގައި ތަރައްޤީކުރަނީ 50 އެނދުގެ ހޮސްޕިޓަލެކެވެ. މި މަސައްކަތް އާރްޑީސީއާ ހަވާލުކުރީ، މިދިޔަ އަހަރުގެ ފެބްރުއަރީ މަހުއެވެ.

އާރްޑީސީން ވިދާޅުވީ، ހޮސްޕިޓަލުގެ މަސައްކަތަށް ބޭނުންވާ ފުރަތަމަ ޝިޕްމަންޓުގެ އަސާސީ ސާމާނާއި، ލޭބަރ އެކޮމޮޑޭޝަން ބްލޮކް އިމާރާތް ކުރުމަށް ބޭނުންވާ ސާމާނު އެރަށަށް މިހާރު ގެންގޮސްފައިވާ ކަމަށެވެ.

މި ހޮސްޕިޓަލަކީ، 5 ފަންގިފިލާގެ އިމާރާތެކެވެ.

އިމާރާތުގެ ގްރައުންޑް ފްލޯގައި ހިމެނެނީ އީއާރު، ރޭޑިއޮލޮޖީ، ސީޓީ ސްކޭން ސަރވިސް އަދި އިންޕޭޝަންޓް ފަރުވާއަށް 20 އެނދުގެ ވާޑެކެވެ. އިމާރާތުގެ ފުރަތަމަ ފަންގިފިލާގައި ހިމެނޭނީ އޯޕީޑީ، ސައިކިއަޓްރީ، ފިޒިއޮތެރަޕީ، ލެބޯޓްރީ އަދި ޑެންޓަލް ޑިޕާރޓްމަންޓުގެ ޚިދުމަތްތަކެވެ. ދެވަނަ ފަންގިފިލާގައި އައިސީޔޫ، އެންއައިސީޔޫ، ސަރޖިކަލް ވަރޑް ހިމެނޭހެން 25 އެނދުގެ ކެޕޭސިޓީ ހިމެނެއެވެ.

3 ވަނަ ފަންގިފިލާގައި ޖެނެރަލް ވާޑާއި، ޕްރައިވެޓް ރޫމުތަކާއެކު 22 އެނދު ހިމެނެއެވެ.

168.3 މިލިޔަން ރުފިޔާގެ މިމަޝްރޫޢުގެ މަސައްކަތް އެކުންފުންޏާއި ހަވާލުކޮށްފައިވަނީ، 1 އަހަރާ 5 މަސް ދުވަހުން ނިންމާ ގޮތަށެވެ.

ދ.އަތޮޅު ހޮސްޕިޓަލް ހުންނަ ކުޑަހުވަދޫއަކީ އެއަރޕޯޓެއް އޮންނަ ރަށަކަށްވާތީ، އިމަރޖެންސީ ހާލަތްތަކުގައި ކޭޓަރ ކުރެވޭނެ އިމަރޖެންސީ އީއާރެއްވެސް ޤާއިމްކުރެވޭނެ ކަމަށް ސިއްޙަތާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މިހޮސްޕިޓަލަކީ، ކޮވިޑު ފަދަ ބަލިތައް ފެތުރޭ ހާލަތްތަކުގައި ހޮސްޕިޓަލުގެ އޮޕަރޭޝަން ނުހުއްޓި ކުރިޔަށް ގެންދެވޭ ގޮތަށް ފްލޫ ކްލިނިކަކާއި، އައިސޮލޭޝަން ފެސިލިޓީ ހިމަނައިގެން އިމާރާތް ކުރާ ހޮސްޕިޓަލެއް ކަމަށާއި، ހޮސްޕިޓަލުގެ ހުރިހާ އެނދަކަށް ޕައިޕްޑް އޮކްސިޖަންއާއި މެޑިކަލް އެއަރ އަދި ސަކްޝަން އަޅާފައިވާނެ ކަމަށްވެސް އެވުޒާރާއިން މަޢުލޫމާތު ދެއްވައެވެ.

ސިއްޙަތާ ބެހޭ ވުޒާރާއިން ވިދާޅުވީ، ހޮސްޕިޓަލުގައި ބޭނުން ކުރާ ހަކަތައަށް ކުރާ ޚަރަދު ކުޑަކުރުމުގެ ގޮތުން މިމަޝްރޫޢުގެ ދަށުން ހޮސްޕިޓަލުގައި ސޯލަރ ޕީވީ ސިސްޓަމެއް ހަރުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ހޮސްޕިޓަލުގެ އޮޕަރޭޝަންތައް ނުހުއްޓި ކުރިއަށް ގެންދިއުމަށް ޕަވަރ ބެކަޕް ސިސްޓަމެއްގެ އިތުރުން ވޭސްޓް މެނޭޖްމަންޓް ސިސްޓަމާއި، ހޮސްޕިޓަލް ގްރޭޑް އިންޑަސްޓްރިއަލް ލޯންޑްރީ ސެޓަޕެއްވެސް ޤާއިމްކުރެވޭނެއެވެ.

މީގެ އިތުރުން ހޮސްޕިޓަލަށާއި، އަތޮޅު ތެރެއަށް ބޭނުންވާ މެޑިކަލް އޮކްސިޖަން ޕްލާންޓުވެސް ޤާއިމްކުރެވޭނެ ކަމަށް ސިއްޙަތާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.