ޚަބަރު

އިންތިޚާބީ މައި މަރުކަޒާއި އީސީގެ މައި އޮފީސް ކައިރީ ކެމްޕޭން ބެނާތަކާއި ދިދަތައް ނުދެމުމަށް އަންގައިފި


  • ދަރުބާރުގެއާއި އީސީގެ މައި އޮފީސް ކައިރީ ހުރި ކެމްޕޭން ތަކެތި ނެގުމަށް ވަނީ އަންގާފައި

  • ޢާންމު ތަންތަނާއި އަމިއްލަ މީހުންގެ ޢިމާރާތްތަކުގައި ކެމްޕޭން ތަކެތި ހަރުކުރަންވާނީ ވެރިފަރާތުގެ ހުއްދަ ހޯދައިގެން

އިންތިޚާބީ މައި މަރުކަޒާއި، އިލެކްޝަންސް ކޮމިޝަންގެ މައި އޮފީސް ކައިރީ އެއްވެސް ސިޔާސީ ޕާޓީއެއްގެ އަދި ރިޔާސީ ކެންޑިޑޭޓެއްގެ ކެމްޕޭން ބެނާތަކާއި ދިދަތައް ނުދެމުމަށް އިލެކްޝަންސް ކޮމިޝަނުން އަންގަވައިފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާޢީލް ޙަބީބް ވިދާޅުވީ، އިންތިޚާބީ މައި މަރުކަޒުގެ ގޮތުގައި ބޭނުންކުރާ ދަރުބާރުގެއާއި، އިލެކްޝަންސް ކޮމިޝަނުގެ މައި އޮފީހުގެ ކުރިމައްޗަށްވާ ގޮތަށާއި، އިންވެގެންވާ މަގުތަކާއި، ގޯޅިތަކުގައި އެއްވެސް ޕާޓީއެއްގެ އަދި އެއްވެސް ކެންޑިޑޭޓެއްގެ ކެމްޕޭން ދިދައާއި ބެނާ ދެމުމާއި ޕޯސްޓަރު ހަރުކުރުން ފަދަ ކަންކަން ނުކުރުމަށް އެކޮމިޝަނުން ހުރިހާ ޕާޓީތަކަށް އަންގާފައިވާކަމަށެވެ. އަދި މިހާރު ހަރުކުރެވިފައިވާ މިފަދަ ތަކެތި ވީހާ އަވަހަކަށް ނެގުމަށްވެސް އަންގާފައިވާކަމަށެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގެ ފޯރި ވެރިރަށް މާލޭ ސަރަޙައްދުގައިވެސް ބޮޑުވެފައިވާ މި ދަނޑިވަޅުގައި، ޢާންމު ތަންތަނާއި، އަމިއްލަ މީހުންގެ ޢިމާރާތްތަކުގައި، ކެމްޕޭން މެޓީރިއަލްސް ދެމުން، ހަރުކުރުން ނުވަތަ ތަތްކުރުމުގެ ކުރިން ކައުންސިލްތަކުން ނުވަތަ އެ ޢިމާރާތެއްގެ ވެރިފަރާތުގެ ހުއްދަ ހޯއްދެވުމަށްވެސް އީސީ އިން ވަނީ ކެންޑިޑޭޓުންނަށާއި ޕާޓީތަކަށް އިލްތިމާސްކުރައްވާފައެވެ.