ރިޔާސީ އިންތިޚާބަށް ސަރުކާރުގެތެރެއިން ނުފޫޒު ފޯރުވުމަށް މަސައްކަތްކުރާކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންއިން ތުހުމަތުކޮށްފިއެވެ.
ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓްގެ ތަރުޖަމާނު އަދި ޕީޕިއެމްގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ޠަލާލު ވިދާޅުވީ، އިލެކްޝަން ކޮމިޝަނުން ވޯޓާސް ލިސްޓް ފައިނަލްކުރިފަހުންވެސް، ބައެއް މީހުން ވޯޓުލާ ތަން ބަދަލުވެގެން އެ ޝަކުވާ ލިބެމުންދާކަމަށެވެ. އަދި ލިސްޓުގައި މަރުވެފައި ތިބި މީހުންގެ ނަންތައް އަދިވެސް އެބަހުރިކަމަށާއި، މިއީވެސް އިންތިޚާބު އޮޅުވާލުމަށް މަގުފަހިވާނެކަމެއްކަމަށެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ އެކަން ދޮގުކުރައްވާފައެވެ. އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެފައިވަނީ އެ ކޮމިޝަންގެ މައްޗަށް އެއްވެސް ބައެއްގެ ނުފޫޒެއް ނެތްކަމަށާއި، ވޯޓާސް ލިސްޓަށް ބަދަލު ގެނައުމުގެ ފުރުޞަތެއްވެސް އެއްވެސް ބަޔަކަށް ނޯންނާނެކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ އިންތިޚަބާއި ގުޅޭ އެއްވެސް ޝަކުވާއެއް އޮތްނަމަ އެކަމަށް ކަނޑައެޅިފައިވާ ނިޒާމުގެ ތެރެއިން މައްސަލަ ހުށައެޅުއްވުމަށް އެދިވަޑައިގެންފައެވެ. އަދި މިހާތަނަށް އެފަދަ ޝަކުވާއެއް ނުވަތަ މައްސަލައެއް ހުށައަޅާފައި ނުވާކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.
"ކުންފުނީގެ މުވައްޒަފުން އެބަ ބުނޭ، އީސީގެ ޑޭޓަރބޭސްގައި ހުރި މަޢުލުމާތަށް ވަދެ އެޔަށް ބަދަލުގެނެސް ކަންކަން ކުރާކަމަށް. ވޯޓަރސް ރަޖިސްޓްރީއަށް ބަދަލުގެނައުން ފަދަ ކަންކަން މީގެތެރެއިން އެބަ ހިނގާ. މިފަދަ ކަންކަން ބަލާ ހުއްޓަންޖެހޭ." ތޮލާލު ވިދާޅުވިއެވެ.
ޠަލާލް ވަނީ އިލެކްޝަންސް ކޮމިޝަންގެ ޒިންމާއަކީ މިނިވަން ކަމާއިއެކު ނުފޫޒުން އެއްކިބާވެފައި އޮތް އިންތިޚާބެއް ބޭއްވުން ކަމަށްވާއިރު އެކަން ކަށަވަރު ކުރުމަކީ އިލެކްޝަންސް ކޮމިޝަންގެ ޤާނޫނީ ޒިންމާއެއް ކަމަށް ހަންދާންކޮށްދެއްވާފައެވެ.
މި ޕްރެސްގައި ވާހަކަ ދައްކަވަމުން ޠަލާލް ވަނީ، ޕީޕީއެމް ޕީއެންސީގެ މެނިފެސްޓޯއަކީ އެހެން ޕާޓީތަކުން ނަކަލުކޮށްފައިވާ މެނިފެސްޓޯއެއްކަމަށް ދެކެވޭ ވާހަކަ ރައްދުދެއްވާފައެވެ. އެގޮތުން އެ މެނިފެސްޓޯގެ އޭގެ އެއްވެސް ބަޔަކީ ވަކި ބަޔަކު ކޮޕީކޮށްގެން ހަދާފައިވާ އެއްޗެއް ނޫންކަމަށް ޠަލާލް ވިދާޅުވިއެވެ. އެއީ ކެންޑިޑޭޓާއި، ޕާޓީއާއި އަދި ކަމުގެ އެކްސްޕަރޓުންގެ ޚިޔާލާއެކު ތައްޔާރުކޮށްފައިވާ އަމިއްލަ މެނިފެސްޓޯއެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން ތޮޅާލު ވިދާޅުވީ، އިންތިޚާބާއި ގުޅިގެން މީޑިއާތަކުން ބޭއްވުމަށް ނިންމާފައިވާ ބަހުސްތަކުގައިވެސް ޑރ.މުޢިއްޒު ބައިވެރިވެވަޑައިގަންނަވާނެކަމަށް ވިދާޅުވެފައެވެ.