ޚަބަރު

ފިއްލަދޫން ފަތުރުވެރިކަމަށް ބޮޑެތި ބިންތަކެއް


  • 5000 އަކަފޫޓުން 115000 އަކަފޫޓާ ދެމެދުގެ ޖުމްލަ 99 ބިން

  • ބިމުކުލީގެ ގޮތުގައި ހުށައެޅޭނެ އެންމެ ކުޑަ އަގަކީ 50 ލާރި

ހއ.ފިއްލަދޫން ފަތުރުވެރިކަމުގެ ބޭޏުމަށް ބިން ދޫކުރުމަށް ހުޅުވާލައިފިއެވެ. ފިއްލަދޫން ފަތުރުވެރިކަމަށް ދޫކުރާ ބިންތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ، މިމަހުގެ 28 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ 04 ވަނަ ދުވަހުގެ ނިޔަލަށެވެ.

މިހާތަނަށް ލޯކަލް ޓުއަރިޒަމްގެ ވިޔަފާރި ނެތް ފިއްލަދޫއަކީ ބިމުގެ ގޮތުން ރާއްޖޭގެ އެންމެ ބޮޑު އެއް ރަށެވެ. އެރަށުން ބިންދޫކުރުމަށް ނިންމާފައިވަނީ މީހުން ދިރިއުޅޭ ސަރަހައްދާ ދުރުން، އެރަށާ ގުޅިފައި އޮންނަ ދައްޕަރު ކައިރިންނެވެ. ގުދުރަތީ ގޮތުން ރީތި އަދި މުއްސަނދިކަން ލިބިފައިވާ ފިއްލަދޫގައި ފަތުރުވެރިކަމަށް ބިންދޫކުރަނީ ލޭންޑް ޔޫސް ޕްލޭންގައި ކަނޑައަޅާފައިވާ "ޓޫރިސްޓް ވިލެޖް" ސަރަހައްދުންނެވެ.

ފަތުރުވެރިކަމަށް ބިންދޫކުރުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން އެރަށު ކައުންސިލުގެ ރައީސް ފަތުހުﷲ ޙަސަން ވިދާޅުވީ، ފަތުރުވެރިކަމަށް ބިންތައް ހުޅުވާލަނީ ރައްޔިތުންނަށް ގިނަގުނަ ފައިދާ ލިބިދޭނެ ގޮތަށް ފުޅާ ދާއިރާއެއްގައި ވިޔަފާރި ތަރައްގީކުރުމަށްކަމަށެވެ. އަދި ވިޔަފާރިބިންތަކުން ކައުންސިލަށް އާމްދަނީ ހޯދުމަށާއި، އެބިންތަކުން ވިޔަފާރިވެރިންނަށް މާލީފައިދާ ހޯދައިދިނުމުގެ ބޭނުމުގައިކަމަށް ކައުންސިލް ރައީސް ވިދާޅުވިއެވެ. މިކަން ކުރާނީ ދެހެއްޓެނިވި ގޮތެއްގައިކަންވެސް ފަތުހުﷲ ފާހަގަކުރެއްވިއެވެ.

"މިރަށުގެ އެންމެ ހިތްގައިމު އެއް ސަރަހައްދު މިކަމަށް ކަނޑައަޅާފައި މިއޮތީ އެއީ ގިނަބަޔަކު ޝައުގުވެރިކަންވެސް އުފެދިފައި އޮތް ސަރަހައްދެއް ފަތުރުވެރިކަމުގެ ވިޔަފާރިކުރުމަށް. އެސަރަހައްދުން މިދޫކުރާ ބިންތައް ވަރަށް ބޮޑުވާނެ އަދި އެކަމަށް އެންމެ އެކަށޭނެވަރަށް ކަނޑައަޅާފައި އޮންނާނީ" ފިއްލަދޫ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ފިއްލަދޫ ޓޫރިޒަމް ޒޯނުގައިހުރި 5000 އަކަފޫޓުން 1،15،000 އަކަފޫޓާ ދެމެދުގެ ޖުމްލަ 99 ބިން ޓޫރިޒަމް ވިޔަފާރިއަށާއި، އެވިޔަފާރިއާ ގުޅުންހުރި ވިޔަފާރިތައް ކުރުމަށް ވަނީ ހުޅުވާލާފައެވެ. ބިން ބަހާނީ ތިން ޒޯނަކަށެވެ. މި މިންތަކުގެ އަކަފޫޓަކަށް އެންމެ ކުޑަ އަގެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 50 ލާރިއެވެ.

ފިއްލަދޫ ކައުންސިލުން ބުނީ މި ބިންތައް ދޫކުރާއިރު އެންމެ ބޮޑަށް ބަލާނީ ބިމަށް ހުށައަޅާ އަގުތަކަށްކަމަށެވެ. މީގެ އިތުރުން ދިގު މުއްދަތައް ބިންނަގާ ފަރާތަތަކަށްވެސް އިސްކަން ދޭނެކަމަށް ކައުންސިލުން ވިދާޅުވިއެވެ. އެރަށުން ބިން ނެގޭނެ އެންމެ ކުރު މުއްދަތަކީ ހަ އަހަރު ދުވަހަށެވެ. މި ބިންތައް ދޫކުރުމުގައި މާލީ ގާބިލް ކަމަށްވެސް ބަލާނެކަމަށް އެރަށު ކައުންސިލުގެ ރައީސް ފަތުހުﷲ ވިދާޅުވެއެވެ.

"ވަރަށް ކުޑައަގެއް މިނަގަނީ އަކަފޫޓަކަށް އެހެން ނަމަވެސް ކަނޑައެޅޭ އެންމެ ބޮޑު އަގެއް އަބަދުވެސް އެއީ އެންމެ ބޮޑު އަގެއްގެ ގޮތުގައި ކަނޑައަޅާފައި އޮންނާނީ، އިންވެސްޓަރުންނަށް ވަރަށް ލުއިގޮތަކަށް. މިކަން މި ހުޅުވާލީ އެއީ ރައްޔިތުންނަށް ލާބަޔާ މަންފާ އެކަމުން ކުރާނެކަމެއް ކުރުމުގެ ބޭނުމުގައި" ފިއްލަދޫ ކައުންސިލުގެ ރައީސް ފަތުހުﷲ ވިދާޅުވިއެވެ،

ފިއްލަދޫން ފަތުރުވެރިކަމަށް ދޫކުރަ ބިން ހޯދުމަށް ފުރުޞަތު ހުޅުވާލިއިރު، އެރަށުގައި މީގެ ކުރިން އެވިޔަފާރި އާންމު ފަރާތްތަކުންވެސް ކުރަމުން އައިސްފައިނުވަނީ އަސާސީ ބައެއް ޚިދުމަތްތައް ފުރިހަމަވެފައި ނެތުމުންނެވެ. ނަމަވެސް ރައްކާތެރި ފެނާ ނަރުދަމާ ނިޒާމް ޤާއިމްކޮށް ކަރަންޓްގެ ޔަޤީންކަން ސަރުކާރުން މިހާރުވަނީ އެރަށުގައި ޤާއިމްކޮށްދެއްވާފައެވެ.

މިއީ ފިއްލަދޫގެ ކުރިއެރުމާ ގުޅިފައި އޮތް އެންމެ މުހިންމު އެއްވިޔަފާރިއެވެ. ފިއްލަދޫގެ ފަތުރުވެރިކަމުގެ މަޝްރޫޢޫއަށް ލިބޭ އެންމެ ބޮޑު އެއް އުންމީދަކީ ފަތުރުވެރިކަން ފުޅާކުރުމަށް ސަރުކާރުން އެސަރަހައްދުގެ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރުމެވެ. އެ މަސައްކަތާއެކު އެސަރަހައްދުގެ ފަތުރުވެރިކަމަށް އިންގިލާބީ ބޮޑެތި ބަލދަލުތަކެއް އަންނާނެކަމަށް އެރަށްތަކުގެ ރައްޔިތުން އުންމީދުކުރެއެވެ.