ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހްގެ ވެރިކަމުގައި އަންހެނުންނަށް ހޯދަވައިދެއްވި ކުރިއެރުންތައް ފާހަގަކުރުމަށް "އުފާވެރި އަންހެނުން" (ޓީ ވިތް އިބޫ) ގެ ނަމުގައި އަންހެނުންގެ ބޮޑު ކެމްޕެއިން ހަރަކާތެއް މާދަމާ ބޭއްވުމަށް އެމް.ޑީ.ޕީގެ އަންހެނުންގެ ރޫޙުން ނިންމައިފިއެވެ.
މި ހަރަކާތަކީ އެމްޑީޕީގެ އަންހެނުންގެ ރޫހުން އިންތިޒާމްކޮށްގެން، ގުޅިފައިވާ ކޯލިޝަންގެ އަންހެން ކައުންސިލްގެ އިސް ބޭފުޅުންނާއި އެކުގައި ކުރިއަށް ގެންދާ އަންހެނުންނަށް ހާއްސަ ހަރަކާތެކެވެ.
މާދަމާ ހަވީރު 16:00 ގައި ފަށާ މި ހަރަކާތާ ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އެމްޑީޕީ އަންހެނުންގެ ރޫޙުގެ ރައީސާ އަދި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ މި ހަރަކާތުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ބައިވެރިވެ ވަޑައިންނަވާނެކަމަށެވެ. އަދި މިހަރަކާތް މުޅި ރާއްޖެއަށް ލައިވް ކުރެވި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރައީސަށް ތާއީދު ކުރާ ހުރިހާ އަންހެނުން ކަނބަލުންނަށްވެސް ބައިވެރިވެވޭނެކަމަށެވެ.
މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މި ސައި ކުރިއަށްދާނީ އެއްވަގުތެއްގައެވެ. އަދި މާލޭގައި ރައީސް ބައިވެރިވެޑައިންނަވާ ހަފްލާ، ގުޅިފައިވާ ކޯލިޝަންގެ ހުރިހާ ހަރުގެތަކުގައި ލައިވްކޮށް ދައްކާނެކަމަށްވެސް ރޮޒައިނާ ވިދާޅުވިއެވެ. މި ހަރަކާތަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހްގެ ސަރުކާރުގައި އަންހެނުންނަށް ހޯއްދަވާދެއްވި ކުރިއެރުން ފާގަހަކުރުމަށް ބާއްވާ ހަރަކާތެއްކަންވެސް ރޮޒައިނާ ފާހަގަކުރެއްވިއެވެ. އަދި އަންހެނުން ބާރުވެރިކުރުވުމަށް ރައީސް ޞާލިހްގެ ދެވަނަ ދައުރުގައި ހުރި ފުރުޞަތުތައް މި ހަރަކާތުގެ ތެރެއިން ހާމަކުރައްވާނެކަމަށްވެސް ރޮޒައިނާ ވިދާޅުވިއެވެ.
" އެމްޑީޕީގެ އަންހެނުންގެ ރޫޙަކީ ސިޔާސީ ޕާޓީއެއްގައި އެންމެ ގިނަ އަންހެން މެމްބަރުން ހިމެނޭ އަންހެނުންގެ ގޮފި. މި ރޫޙުގެ އަމާޒަކީ ސިޔާސީ ހުރިހާ ހަރަކާތެއްގައާ ތަންފީޒީ މަރުހަލާ ތަކުގައި އަންހެން މެމްބަރުންގެ ބައިވެރިވުމާއި ހިއްސާ ފުޅާކޮށް އިތުރުކުރުން." އެމްޑީޕީ އަންހެނުންގެ ރޫޙުގެ ރައީސާ އަދި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވިއެވެ.
އެމްޑީޕީގެ އަންހެނުންގެ ރޫހުން އިންތިޒާމް ކުރާ ހަވީރުގެ ސައިގައި ބައިވެރިވުމަށް ކުރީބައިގައި ގޮނޑީ ބުކްކުރުމަށް ވަނީ ހުޅުވާލާފައެވެ. އަދި މިއަދު ބުކިން ހަދާފައިވާ އެންމެނަށް ދައުވަތު މެސެޖްފޮނުވާނެކަމަށާއި ހަރަކާތުގައި ބައިވެރިވުމަށް އަންނައިރު ދައުވަތު މެސެޖް ދެއްކުމަށް އެމްޑީޕީގެ އަންހެނުން ރޫހްގެ ގޮފިން އެދެއެވެ.
ބުކިން ނަހަދާ ތިބި މީހުންނަށްވެސް މި ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު އެބަ އޮތްކަމަށް އެމްޑީޕީން ބުނެއެވެ. މާދަމާ ހަވީރު އޮންނަ މިހަރަކާތުގައި ލައިވް މިއުޒިކްއާއި ބޮޑުބެރުގެ ހަރަކާތްތައްވެސް ކުރިއަށްގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.