ޚަބަރު

މަސީޙްގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ނޯޓިސް ފޮނުއްވައިފި


ރައްޔިތުން މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙް މުޙައްމަދުގެ އިތުބާރު ނެތްކަމަށް އިދިކޮޅު އެމްޑީޕީން ހުށައަޅުއްވާފައިވާ މައްސަލައިގެ ނޯޓިސް އެމަނިކުފާނަށާއި، މެމްބަރުންނަށް އިއްޔެ ފޮނުއްވައިފިއެވެ. ރައްޔިތުންގެ މަޖިލިހުގެ އަމީން އާންމު އަޙްމަދު މުޙައްމަދު ވިދާޅުވީ މަޖިލިހުގެ ޤަވައިދުގައިވާ ގޮތުގެ މަތިން އެފަރާތްތަކަށް ނޯޓިސް ދިނުމާ އެކު، އެމައްސަލަ މަޖިލިހަށް މި މަހުގެ ފަހުކޮޅުގައި އެޖެންޑާ ކުރެވޭނެކަމަށެވެ. 

މިމައްސަލާގައި މަޖިލިހުގައި ބަހުސް ކުރައްވާނެ ދިގުމިނަކީ ދެ ގަޑިއިރު ކަމަށް ޢާންމު ކޮމިޓީން މިއަދު ފާސްކޮށްފައިވެއެވެ. ދެ ގަޑިއިރުގެ ތެރެއިން ބައި ގަޑިއިރު، މަޖިލީހުގެ ރައީސަށް ދިނުމަށް ނިންމަވާފައިވާއިރު، އޭގެ ތެރެއިން ފުރަތަމަ 10 މިނެޓް މައްސަލަ އަށް ޖަވާބުދާރީ ވުމަށް މަޖިލީހުގެ ރައީސަށް ދިނުމަށް ވަނީ ނިންމަވާފައެވެ. އަދި ބަހުސްގެ މެދުތެރެއިން 10 މިނެޓާއި ބަހުސް ނިންމުމުގެ ގޮތުން 10 މިނެޓްގެ ފުރުޞަތެއް ދިނުމަށްވެސް ނިންމަވާފައިވެއެވެ. ދޮޅު ގަޑިއިރު، ހުރިހާ މެމްބަރުންގެ މެދުގައި ހަމަހަމައަށް ބަހައިލައިގެން ކުރިއަށް ގެންދިއުމަށް ޢާންމު ކޮމިޓީން މިއަދު ފާސްކުރައްވާފައިވެއެވެ. 

މަސީހުގެ އިތުބާރު ނެތްކަމުގެމައްސަލަ އެމްޑީޕީން ހުށައަޅާފައިވަނީ 19 މެމްބަރުންގެ ސޮޔާއި އެކުއެވެ. އިދިކޮޅު މެމްބަރުން ހުށައެޅުއްވި އިތުބާރު ނެތްކަމުގެ މައްސަލާގައި ވަނީ، ރައްޔިތުންގެ މަޖިލީހަކީ ދައުލަތުގެ އެއްބާރު ކަމަށް ވީހިނދު މަޖިލީހުގެ ރައީސްގެ ބާރުތަކާއި މަސްއޫލިއްޔަތުތަކާއި ވާޖިބުތައް މަޖިލީހުގެ ޤަވައިދުގައި ތަފްޞީީލްކޮށް ބަޔާންކޮށްފައިވާއިރު މަޖިލީހުގެ ރައީސް ތަކުރާރުކޮށް އެ ޤަވައިދާ ޚިލާފުވެފައިވާކަމަށެވެ. 

މިމައްސަލައާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ޕީ.ޕީ.އެމް ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރ އަޙްމަދު ނިހާނު ހުސެއިން މަނިކު ވިދާޅުވީ، އެޕާޓީން އެންޑޯޒްކޮށްފައިވަނިކޮށް މަޖިލީހުގެ ރައީސް މަޤާމުން ވަކިނުކުރެވޭނެކަމަށެވެ. ރައްޔިތުންގެ މަޖިލީހުގައި ޕީ.ޕީ.އެމް ތަމްސީލުކުރާ 47 މެންބަރުންނާއި، އެމް.ޑީ.އޭގެ 5 މެންބަރުންނާއެކު ޖުމްލަ 52 މެންބަރުން ތިއްބެވުމުން މަޖިލީހުގެ ރައީސް މަޤާމުން ވަކިނުކުރެވޭނެކަމަށް ނިހާން ވިދާޅުވިއެވެ. މަޖިލީހުގައި ތިއްބަވަނީ އެމްޑީޕީގެ 22 މެންބަރުންނެވެ.