ޚަބަރު

މަނަދޫ ފުޓްސަލް ދަނޑުގެ ޢަމަލީ މަސައްކަތް ފެށުން


ނ.މަނަދޫގައި ސަރުކާރުން ޤާއިމްކުރައްވާ ފުޓްސަލް ދަނޑުގެ ޢަމަލީ މަސައްކަތް ފަށްޓަވައިފިއެވެ.

މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގައި ނިންމަން ހަމަޖެހިފައިވަނީ ފުޓްސަލް ދަނޑު އަޅާ ބިމުގެ ވަށާފާރު ރޭނުމާއި ފެންސު ޖެހުމުގެ މަސައްކަތްކަމަށް މަނަދޫ ކައުންސިލުން މައުލޫމާތުދެއްވައެވެ. ދިގު މިނުގައި 145 ފޫޓް އަދި ފުޅާ މިނުގައި 93 ފޫޓް ހިމެނޭ ފުޓްސަލް ދަނޑު އަޅާ ބިމުގައި ވަށާފާރު ރާނާ ފެންސު ޖެހުމަށް ހަވާލުކޮށްފައިވަނީ މަނަދޫ އަމިއްލަ ފަރާތެއް ކަމަށްވާ ޑެއިލީ ނިޔު ކޮންސްޓްރަކްޝަން ކިޔާ ކުންފުންޏަކާއެވެ.

މަސައްކަތްފަށާތާ 55 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް އެއްބަސްވެފައިވާ މި މަޝްރޫއަށް ގާތްގަނޑަކަށް 6 ލައްކަ ރުފިޔާ ޚަރަދުވާނެކަމަށް މަނަދޫ ކައުންސިލުން ވިދާޅުވެއެވެ. ފުޓްސަލް ދަނޑު އަޅާ ބިމުގެ ވަށާފާރު ރާނާ ފެންސު ޖެހުމުގެ މަސައްކަތް ނިމުނުހާ އަވަހަކަށް ފުޓްސަލް ދަނޑު އެޅުމުގެ މަސައްކަތް ފެށިގެންދާނެކަމަށްވެސް ކައުންސިލުން މައުލޫމާތުދެއްވައެވެ.

800 އާއި ގާތްކުރާ އަދަދަކަށް ޒުވާނުން ދިރިއުޅޭ މަނަދޫގައި މިފަދަ ފުޓްސަލް ދަނޑެއް ޤާއިމްވެގެން ދިއުމަކީ ކުޅިވަރަށް ޝައުގުވެރިވާ ޒުވާނުން، ހާޢްސަކޮށް ފުޓްސަލް ކުޅެން ބޭނުންވާ ގިނަ އަދަދެއްގެ ޒުވާނުންނަށް ވަރަށްބޮޑު ފަސޭހައަކަށް ވެގެންދާނެ ކަމެއް ކަމަށް އެރަށުގެ ޒުވާނުން ދެކެއެވެ. ނޫނު އަތޮޅުގެ 2 ރަށެއްގައި މިދިޔަ އަހަރު ތެރޭގައި ފުޓްސަލް ދަނޑު އަޅާފައިވެއެވެ.