މާލެ ސަރަޙައްދުން ދިވެއްސަކު ހިމަބިއްސަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ހާމަކުރައްވައިފިއެވެ.
މިކޭސްއާއި ގުޅިގެން ބެލިބެލުމުން މީމީހާއަށް ހިމަބިހި ޖެހިފައިވަނީ ރާއްޖެއިން ބޭރުންކަން އެނގިފައިވާ ކަމަށް އެޗްޕީއޭއިން ހާމަކުރައްވައެވެ.
ހިމަބިހި ޖެހުނު މީހާގެ ހާލަތު ހުރި ގޮތުން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަ ކަމަށާއި އެމީހާގެ ހާލު ރަނގަޅުވަމުން އަންނަކަމަށް އެއެޖެންސީން ވިދާޅުވެއެވެ. އެޗްޕީއޭއިން ހާމަކުރެއްވި ގޮތުގައި މިމީހާއަކީ މީސްލްސް ވެކްސިންގެ ދެ ޑޯޒްވެސް ފުރިހަމަކޮށްފައިވާ މީހެކެވެ.
ހިމަބިއްސަކީ ރާއްޖެއިން ނައްތާލެވިފައިވާ ބައްޔަކަށްވުމާއެކު މިބަލީގެ ކޭސްއެއް ފެނުމުން އަމަލުކުރަން ކަނޑއެޅިފައިވާ އުސޫލްތަކުގެ މަތިން ކޮންޓެކްޓުން ދެނެގަތުމުގެ މަސައްކަތްވަނީ ފަށްޓަވާފައެވެ. އެގޮތުން ބައެއް ކޮންޓެކްޓުންނަށް އެކަން އަންގައި އޭގެ ތެރެއިން ވެކްސިން ފުރިހަމަނުވާ ފަރާތްތަކަށް ވެކްސިން ދިނުން ކުރިއަށް ގެންގޮސްފައިވާ ކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ.
ހިމަބިހި ޖެހިފައިވާ ފަރާތުން އެހެން މީހުންނަށް ބަލި ފެތުރުމުގެ ފުރުސަތު އޮންނަ މުއްދަތުގެ ތެރޭގައި ދަތުރުކޮށްފައިވާތީ ދަތުރުމަތީގައާއި، ގެއާއި ހޮސްޕިޓަލްގައި އޭނާއާ ކޮންޓެކްޓްވި މީހުންގެ މަޢުލޫމާތު މިހާރު އެއްކުރަމުން އަންނަ ކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ. އަދި މިފަރާތްތައް ދެނެގަނެ އެފަރާތްތަކުން އަމަލުކުރަންވީ ގޮތުގެ އިރުޝާދު ދީ އޭގެ ތެރެއިން މީސްލްސް ވެކްސިންގެ ޑޯޒްތައް ފުރިހަމަ ނުވެތިބި ފަރާތްތަކަށް ވެކްސިން ޖެހުން ކުރިއަށް ގެންދާނެއެވެ. މީގެ އިތުރުން ކަނޑައެޅިފައިވާ އުސޫލުގެ މަތިން ބަލިޖެހުނު ފަރާތް ދިރިއުޅޭ ސަރަހައްދުގައި ރިންގ ވެކްސިނޭޝަން ކުރިއަށް ގެންދަވާނެ ކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ.
ހިމަބިހީގެ މައިގަނޑު އަލާމާތްތަކަކީ ހުން އައުމާއެކު ހަމުގައި ރަތްބިހިތަކެއް ނެގުމެވެ. މީގެ އިތުރުން ކެއްސުމާއި ނޭފަތުން އަރިދަފުސް ފޭބުން އަދި ލޯ ރަތްވުން ފަދަ އަލާމާތްތައްވެސް ފެނުން އެކަށީގެންވެއެވެ. އެހެންކަމުން އެއްވެސް ފަރާތަކުން މިފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޞިއްހީ ޚިދުމަތްތެރިއެއްގެ ލަފާ ހޯއްދެވުމަށް އެޗްޕީއެންވަނީ އިލްތިމާސްކުރައްވާފައެވެ.
މީސްލްސް ވެކްސިންގެ ދެ ޑޯޒް ފުރިހަމަވުމުން ބަލިޖެހުމުގެ ފުރުސަތު %97އަށް ކުޑަކޮށްދެއެވެ. އެހެންކަމުން ވެކްސިން ޖެހުމުން ބަލި ޖެހުމުގެ ފުރުސަތު ވަރަށް ބޮޑަށް ކޮށްދެއެވެ. ނަމަވެސް މީސްލްސްއަކީ އެންމެ ހަލުވިކޮށް ފެތުރޭ އެއް ބަލިކަމަށްވުމާއެކު ބައެއް ފަރާތްތަކުން ބައްޔަށް ހުށަހެޅިއްޖެނަމަ ބަލިޖެހުމުގެ ފުރުސަތު ބޮޑު ކަމަށް އެޗްޕީެޢިން ވިދާޅުވެއެވެ.