ވިޔަފާރި

ފަތުރުވެރިކަމުގެ ވިޔަފާރިތަކަށް އީޔޫއިން 1.4 މިލިއަން ޔޫރޯގެ ހިލޭ އެހީ ދޫކޮށްފި


  • މި އެހީ ޖުމްލަ 406 ފަރާތަކަށް ފޯރުކޮށްދީފައިވޭ

  • މީގެތެރޭގައި ގެސްޓްހައުސްތަކާއި ސަފާރީތައް ހިމެނޭ

ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުދި ވިޔަފާރިއާއި މެދުފަންތީގެ ވިޔަފާރިތަކަށް ޔޫރަޕިއަން ޔޫނިއަނުން ހިލޭ އެހީގެ ގޮތުގައި 1.4 މިލިއަން ޔޫރޯ ދޫކޮށްފިއެވެ. މި އެހީ ފޯރުކޮށްދީފައިވަނީ "އީޔޫ ސަޕޯޓް ފޯރ އަ ރެޒީލިއަންޓް ރިކަވަރީ އޮފް އެސްއެމްއީ ޓޫރިޒަމް އިންޑަސްޓްރީޒް އިން ދަ މޯލްޑިވްސް" ޕްރޮޖެކްޓުގެ ދަށުންނެވެ.

މި ޕްރޮޖެކްޓުގެ މައިގަނޑު މަޤްސަދަކ،ީ ދިވެހިރާއްޖޭގައި ވިލުންވެރި އަދި ސިންދަފާތުކުރެވިފައިވާ އިޤްތިޞާދެއް ބިނާކުރުމަށް މަޤުފަހިކޮށް ދިނުންކަމަށް އީޔޫއިން ބުނެއެވެ. މި އެހީތެރިކަން އީޔޫއިން ފޯރުކޮށްދީފައިވަނީ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން މެދުވެރިކޮށެވެ.

މި ޕްރޮޖެކްޓު މެދުވެރިކޮށް ކޯވިޑް-19ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ދިމާވި ހީނާރުކަމުން އަރައިގަތުމަށް އެހީތެރިވުމުގެ ގޮތުން 2 މިލިޔަން ޔޫރޯގެ ހިލޭ އެހީ ހަދިޔާކޮށްފައިވެއެވެ. މި އެހީ ފޯރުކޮށްދީފައިވަނީ ފަތުރުވެރިކަމުގެ ސިނާއަތުގައި ޙަރަކާތްތެރިވާ ވިޔަފާރިތަކުގެ ތެރެއިން ގެސްޓްހައުސްތަކާއި ސަފާރީތަކަށެވެ.

މިޕްރޮޖެކްޓްގެ ފުރަތަމަ ކޮމްޕޮނެންޓުގެ ދަށުން ވިޔަފާރިތަކަށް ހިލޭ އެހީގެ ގޮތުގައި 1.4 މިލިއަން ޔޫރޯ ނުވަތަ 25،332،672 ދިވެހި ރުފިޔާ ވަނީ ދޫކޮށްފައެވެ. އަދި މިހާތަނަށް މި އެހީ ޖުމްލަ 406 ފަރާތަކަށް ފޯރުކޮށްދީފައި ވެއެވެ. މީގެތެރޭގައި ހިމެނެނީ 341 ގެސްޓްހައުސްއާއި، 65 ސަފާރީއެވެ. މި އެހީއަށް އެދުމުގެ ފުރުޞަތު ހަމަވީ މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ.

"އީޔޫ ސަޕޯޓް ފޯރ އަ ރެޒީލިއަންޓް ރިކަވަރީ އޮފް އެސްއެމްއީ ޓޫރިޒަމް އިންޑަސްޓްރީޒް އިން ދަ މޯލްޑިވްސް" 2 ވަނަ ކޮންޕޮނަންޓްގެ ދަށުން ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުދި ވިޔަފާރިތަކާއި މެދު ފަންތީގެ ވިޔަފާރިތަކަށް މައުލޫމާތު ދިނުމުގެ ސެސަންތަކެއް މިހާރު އަންނަނީ ކުރިއަށްގެންދަމުންނެވެ.

މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނުން ބުނީ މި މައުލޫމާތު ދިނުމުގެ ބައްދަލުވުންތައް މިހާރު ރާއްޖޭގެ 7 ރަށެއްގައި ބާއްވާފައިވާކަމަށެވެ. މީގެތެރޭގައި ހިމެނެނީ ހއ. ކެލާ، އއ. އުކުޅަސް، ބ. ދަރަވަންދޫ، އދ. ދިގުރަށް، ކ. މާފުށި އައްޑޫ ސިޓީ ހިތަދޫ، އަދި ހުޅުމީދޫއެވެ.

ކުރިއަށްއޮތް ތަނުގައި އޮންލައިންކޮށްވެސް މި ސެސަންތައް ބޭއްވުމަށް ހަމަޖެހިފައިވާކަމަށާއި، ގެސްޓްހައުސްތަކަށް ބައިވެރިވުމުގެ ފުރުޞަތު އޮންނާނެކަމަށް މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނުން ބުނެއެވެ.