މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 18 އިންސައްތަ އިތުރުކަމަށް ދައުލަތުގެ މާލީ ހިސާބުތަކުން ދައްކައިފިއެވެ.
ފިނޭންސް މިނިސްޓްރީން ނެރުއްވާފައިވާ ދައުލަތުގެ އާމްދަނީއާއި ހަރަދުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި ވަނީ 14.6 ބިލިއަން ރުފިޔާ ލިބިފައެވެ.
ފިނޭންސް މިނިސްޓްރީން ހަފްތާއަކު އެއްފަހަރު ނެރުއްވާ "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް" ރިޕޯޓުގައިވާގޮތުން އަހަރު މިހާތަނަށް ދައުލަތަށް ލިބިފައިވާ 14.6 ބިިލިއަން ރުފިޔާއަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވާ 12.3 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 18.6 އިންސައްތަ އިތުރު އަދަދެކެވެ. ފައިސާ ބަލާނަމަ އެއީ 2.3 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
ދައުލަތަށް ލިބޭ ޢާމްދަނީގެ ތެރޭގައި ހިމެނެނީ ޓެކްސްއިން ލިބޭ ޢާމްދަނީ އާއި ޓެކްސް ނޫން އާމްދަނީއެވެ. އެގޮތުން އާމްދަނީގެ ގޮތުގައި ލިބުނު 14.67 ބިލިއަން ރުފިޔާގެ ތެރެއިން 11.1 ބިލިއަން ރުފިޔާއަކީ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީއެވެ. އަދި 3.3 ބިލިއަން ރުފިޔާއަކީ ޓެކްސް ނޫން އާމްދަނީއެވެ. އެހީގެ ގޮތުގައި ލިބިފައިވަނީ 202 މިލިއަން ރުފިޔާއެވެ.
ޓެކްސް ޢާމްދަނީގެ ތެރޭގައި ހިމެނެނީ މައިގަނޑު ގޮތެއްގައި އިމްޕޯޓު ޑިއުޓީއާއި، ބިޒްނަސް އެންޑު ޕްރޮޕަރޓީ ޓެކްސް، ބީޕީޓީ އާއި، ޖީއެސްޓީގެ ގޮތުގައި ލިބިފައިވާ އާމްދަނީއެވެ.
ޓެކްސްގެ އާމްދަނީގެ ތެރެއިން ޓީޖީއެސްޓީގެ ގޮތުގައި 4.5 ބިލިއަން ރުފިޔާ، ބީޕީޓީގެ ގޮތުގައި 2.3 ބިލިއަން ރުފިޔާ، ޖީއެސްޓީގެ ގޮތުގައި 1.8 ބިލިއަން ރުފިޔާ، އިމްޕޯޓް ޑިއުޓީން 1.3 ބިލިއަން ރުފިޔާ، ގްރީން ޓެކްސްގެ ގޮތުގައި 485 މިލިއަން ރުފިޔާ އަދި އެއަރޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި 466 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
ޓެކްސް ނޫން އާމްދަނީގޮތުގައި ލިބިފައިވާ 3.3 ބިލިއަން ރުފިޔާގެ ތެރޭގައި ހިމެނެނީ އެކިއެކި ފީއާއި ޗާޖުގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ، ރަޖިސްޓްރޭޝަން އަދި ލައިސަންސް ފީގޮތުގައި 351 މިލިއަން ރުފިޔާ، އެކި ބިންތަކުން ކުލީގެ ގޮތުގައި 627 މިލިއަން ރުފިޔާއާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ސަރުކާރަށް އާމްދަނީގެ ގޮތުގައި ލިބިފައިވާ 843 މިލިއަން ރުފިޔާއެވެ.
ފުރަތަމަ 6 މަސްދުވަހު އާމްދަނީގެ ގޮތުގައި 14.6 ބިިލިއަން ރުފިޔާ ލިބުނުއިރު، ފުރަތަމަ 6 މަސްދުވަހުގެ ހަރަދު އުޅެނީ 19.8 ބިލިއަން ރުފިޔާގައެވެ. ދައުލަތުގެ ހަރަދަށް ހިނގި 19.8 ބިލިއަން ރުފިޔާގެ ތެރޭގައި ހިމެނެނީ ރިކަރަންޓް ހަރަދުގެ ގޮތުގައި 13.6 ބިލިއަން ރުފިޔާ އަދި ކެޕިޓަލް ހަރަދުގެ ގޮތުގައި 6.2 ބިލިއަން ރުފިޔާއެވެ.
ރިކަރަންޓް ހަރަދުގެ ތެރެއިން 8.4 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވަނީ އޮފީސްތައް ހިންގުމުގެ ހަރަދުގެ ގޮތުގައެވެ. 4.9 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވަނީ މުސާރައާއި އިނާޔަތްތަކަށެވެ. ކެޕިޓަލް ހަރަދު ނުވަތަ ތަރައްޤީގެ މަސައްކަތްތަކަށް ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި ވަނީ 6.2 ބިލިއަން ރުފިޔާ ހަރަދުކޮށްފައެވެ. އޭގެތެރެއިން 4.9 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި އުމްރާނީ ތަރައްޤީގެ އެކިއެކި މަޝްރޫޢުތައް ހިންގަމުންނެވެ.
ކޯވިޑާއި ގުޅިގެން ރާއްޖޭގެ އިޤްތިޞާދަށް ލިބުނު ހީނަރުކަމަށްފަހު އަނެއްކާވެސް އިޤްތިޞާދަށް ބޮޑެތި ކުރިއެރުންތަކެއް ލިބެމުންނެވެ. އެގޮތުން ސަރުކާރުން އަޅުއްވަމުން ގެންދަވާ ހަރުދަނާ ފިޔަވަޅުތަކާއެކު ރާއްޖެ ހިމެނެނީ ސަރަހައްދީގޮތުންވެސް އެންމެ ބާރަށް ކުރިއަރަމުން އަންނަ އެއް އިޤްތިޞާދަށެވެ.