ޚަބަރު

ޕީއެސްއެމް ފިއެސްޓަރ 2026 ކާމިޔާބު ކަމާއެކު ނިންމާލައިފި


  • 13 ޓީމު ބައިވެރިވި

  • މެޗުތައް ކުޅުނީ ހެންވޭރު ދަނޑުގައި

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ މުވައްޒަފުންނަށް ޙާއްސަކޮށްގެން ބޭއްވި ޕީއެސްއެމް ފުޓްސަލް އެންޑް ހޭންޑްބޯލް ފިއެސްޓާ 2026 ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ޕީއެސްއެމްގެ 200އަށްވުރެ ގިނަ މުވައްޒަފުން ބައިވެރިވި މި ފިއެސްޓާގައި ފިރިހެނުންނަށް ޙާއްސަކޮށްގެން ކުރިއަށް ގެންދިޔައީ ފުޓްސަލް މުބާރާތެކެވެ.

ފުޓްސަލް މުބާރާތުގައި ޖުމްލަ 8 ޓީމު ވާދަކުރިއިރު މުބާރާތް ކުރިއަށްދިޔައީ އެ 8 ޓީމު ދެ ގުރޫޕަކަށް ބަހާލައިގެން، ކޮންމެ ގުރޫޕެއްގައި 4 ޓީމު ހިމެނޭ ގޮތަށް، ގްރޫޕް ސްޓޭޖުގެ މެޗުތަކަށްފަހު ސެމީ ފައިނަލް އަދި ފައިނަލް ކުޅޭ ގޮތަށެވެ.

ފައިނަލުގައި އެޕްރައިޒަލްގެ މައްޗަށް ފަހަތުން އަރައި ހޯދި މޮޅާއެކު ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކީފްރޭމެވެ. ފައިނަލް މެޗު، ކީފްރޭމުން ކާމިޔާބުކުރީ 4-6 ގެ ނަތީޖާއަކުންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކީފްރޭމުގެ އަޙްމަދު ޒޫޝާނެވެ.

މުބާރާތުގެ ވަކިވަކި އެވޯޑުތަކަށް ބަލާލާއިރު ޓޮޕް ސްކޯރަރކަން ހޯދީ 13 ލަނޑު ޖެހި އަޙްމަދު ޖިނާނުއެވެ. އެންމެ ގިނަ އެސިސްޓުކޮށްދިނީ އެޕްރައިޒަލްގެ ކެޕްޓަން ޙުސެއިން އަމީނެވެ.

މުބާރާތުގެ ޑްރީމް ޓީމުގައި ހިމެނުނީ އެޕްރައިޒަލްގެ އަމީނާއި އަޙްމަދު އަކްރަމްގެ އިތުރުން ރަންޑައުންގެ އަބްދުﷲ ނައީމް އަދި ކީފްރޭމްގެ ކެޕްޓަން މުޙައްމަދު ޝާމް އާއި ޒޫޝާނެވެ. ކިންގް އޮފް ދަ ޓޯނަމަންޓުގެ މަގާމު ހޯދީ ފައިނަލް މެޗުގެ ވެސް މޮޅު ކުޅުންތެރިއަކަށް ހޮވުނު ޒޫޝާނެވެ.

މެޗަށްފަހު "ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަމުން ޒޫޝާން ބުނީ، މުބާރާތުގެ އެންމެހާ އިންތިޒާމްތަކެއް ވެސް ކުރިއަށްދިޔައީ ވަރަށް ފުރިހަމަކޮށް ކަމަށާއި، ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. އަދި ހޯދި ކާމިޔާބީގައި ޓީމުގެ ކުޅުންތެރިން ކުރި މަސައްކަތް ފާހަގަކުރަންޖެހޭ ކަމަށާއި ކިންގް އޮފް ދަ ޓޯނަމަންޓުގެ އެވޯޑަކީ އުއްމީދުކުރި އެވޯޑެއް ނޫން ކަމަށްވެސް އޭނާ ބުންޏެވެ.

މި ފިއެސްޓާގައި އަންހެނުންނަށް ޙާއްސަކޮށްގެން ބޭއްވި ހޭންޑްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ އޮފްލައިނުންނެވެ.

އޮފްލައިނުން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ޑީބީގެ މައްޗަށް 2-4 އިން ކުރިހޯދައިގެންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އޮފްލައިންގެ ކެޕްޓަން އައިޝަތު ނައީމާ (ކުޑޫ) އެވެ.

ނައީމާ ވަނީ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުގެ އިތުރުން، މުބާރާތުގެ ޓޮޕް ސްކޯރަރގެ އެވޯޑާއި، ކުއީން އޮފް ދަ ޓޯނަމަންޓުގެ އެވޯޑުވެސް ހޯދާފައެވެ. އަދި ޑްރީމް ޓީމުގައި ވެސް އޭނާ ހިމެނިފައިވެއެވެ.

ޑްރީމް ޓީމުގައި ދެން ހިމެނެނީ ހާޑް ޑާޓާގެ އައިޝަތު ނިޒާމާ، ޑީބީގެ ވަފީގާ ހާމިދު، ހައްވާ ފަސާނާ، ފްރިކުއެންސީގެ މަރިޔަމް އަލްޔާ، ލައިވް ފީޑުގެ އައިމިނަތު އަނާ ޠަލްހަތު އަދި އޮފްލައިންގެ ކީޕަރު ނާޝިދާ އަޙްމަދުއެވެ.

މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތަށްފަހު "ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަމުން ހޭންޑްބޯޅަ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ރާއްޖޭގައި ޤައުމީ ފެންވަރުގައިވެސް ހޭންޑްބޯޅަ ކުޅެފައިވާ ނައީމާ ބުނީ، މިދިޔަ އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ވެސް ހޯދާފައިވުމާއެކު މިފަހަރުގެ މުބާރާތާވެސް ކުރިމަތިލީ އެ އަޒުމުގައި ކަމަށެވެ.

ގުރު ނަގައިގެން ޓީމުގެ ކުޅުންތެރިން އެނގުނު ހިސާބުން، އެ ކުޅުންތެރިން ތަމްރީނުކުރުމަށް ދުރާލާ މަސައްކަތްތަކެއް ކުރިކަން އޭނާ ހާމަކުރިއެވެ.

މީގެއިތުރުން، މުބާރާތުގެ އިންތިޒާމުތައް ދިޔައީ ވަރަށް ފުރިހަމަކޮށް ކަމަށާއި، މި މުބާރާތުގެ ތެރެއިން މުވައްޒަފުންގެ މެދުގައި އޮތް ގުޅުން ބަދަހިވުމުގެ އިތުރުން، މި މުވައްޒަފުންގެ ހުނަރުތައްވެސް ފެނިގެންދިޔަކަން އޭނާ ފާހަގަކުރިއެވެ.

މުބާރާތާ ގުޅޭގޮތުން ވާހަކަދައްކަމުން މި މުބާރާތް އިންތިޒާމުކުރި މޯލްޑިވްސް މީޑިއާ ކުލަބުގެ ރައީސް މުޙައްމަދު ޝިފާއު ބުނީ، 200 އަށްވުރެ ގިނަ މުވައްޒަފުންނާއެކު ކުރިއަށް ގެންދިޔަ މި މުބާރާތް ނިންމާލެވުނީ ވަރަށް ކާމިޔާބުކަމާއެކުގައި ކަމަށެވެ. އަދި މި މުބާރާތުގެ ތެރެއިން ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔަ ރީތި އަޚްލާގާއި ދެއްކި ކުޅިވަރުގެ ރޫޙަށް ޝިފާއު ޝުކުރު އަދާކުރިއެވެ.

މި މުބާރާތަކީ މުވައްޒަފުންގެ މެދުގައި އޮތް ގުޅުން ބަދަހިކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދިޔަ މުބާރާތަކަށް ވާއިރު، އެ މަގްސަދު ވަރަށް ފުރިހަމައަށް ހާސިލްވިކަމަށް ޝިފާއު ވިދާޅުވިއެވެ. އަދި މުބާރާތް ކުރިއަށް ގެންދިއުމުގައި، ޕީއެސްއެމްގެ މެނޭޖްމަންޓުގެ ފަރާތުން ލިބިގެންދިޔަ އެއްބާރުލުމާއި އެހީތެރިކަމަށް ޝިފާއު ވަނީ ޝުކުރު އަދާކޮށްފައެވެ.

ފިރިހެނުންނަށް ހާއްސަކޮށް ބޭއްވި ފުޓްސަލް މުބާރާތުގައި އަށް ޓީމު އަދި އަންހެނުންނަށް ޙާއްސަ ހޭންޑްބޯޅަ މުބާރާތުގައި ފަސް ޓީމު ބައިވެރިވެފައިވެއެވެ.

ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވީ އޮފްލައިން، ޑީބީ، ހާޑް ޑޭޓާ، ފްރިކުއެންސީ އަދި ލައިވް ފީޑެވެ. ފުޓްސަލް މުބާރާތުގައި ވާދަކުރީ ކީފްރޭމް، އެޕްރެއިޒަލް، ވައިޓް ބެލެންސް، ރަންޑައުން، ލައިން ކްރޮސް، ރެންޑަރިންގެ އިތުރުން ބްރޭކިން ނިއުސްއާއި ފޯކަސް އައުޓެވެ.