ދުނިޔޭގެ ވިޔަފާރި

ފަގީރު ގައުމުތަކަށް ކާބޯތަކެތި އެތެރެކުރާ މިންވަރު މަދުވާތީ ކަންބޮޑުވޭ: އެފްއޭއޯ


ފަގީރު ގައުމުތަކަށް ކާބޯތަކެތި އެތެރެކުރާ މިންވަރު މިއަހަރު މަދުވާނެ ކަމަށް އދ.ގެ ދަނޑުވެރިކަމާއި ކާބޯތަކެއްޗާއި ބެހޭ ޖަމިއްޔާ،އެފްއޭއޯއިން ލަފާކޮށްފިއެވެ.

ކާބޯތަކެތީގެ މާކެޓްތަކާ ބެހޭގޮތުން މިދިޔަ ޖޫން މަހު އެފްއޭއޯ އިން ނެރުނު ބަޔާނަކާއި ހަވާލާދީ ހަބަރުތައް ބުނާގޮތުން އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުން އެތެރެކޮށްފައިވާ ކާބޯތަކެތީގެ ބިލް މިއަހަރު 1.5 އިންސައްތައަށް ދަށްވާނެއެވެ.

ކާބޯތަކެތީގެ އަގު އުފުލިފައިވާއިރު، މޭވާއާއި ތަރުކާރީ އަދި ކިރުގެ އުފެއްދުންތަކުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. މިއާއިއެކު މިތަކެއްޗަށް އޮތް ޑިމާންޑު ދަށްވާނެއެވެ. ހާއްސަކޮށް އިގްތިސާދީ ގޮތުން ނާޒުކު ގައުމުތަކުގައި މި ތަކެއްޗަށް އޮތް ޑިމާންޑު ދަށްވާނެ ކަމަށް އެފްއޭއޯއާ ހަވާލާދީ ހަބަރުތައް ބުނެއެވެ.

ފަގީރު ގައުމުތަކަށް ކާބޯތަކެތި އެތެރެކުރާ މިންވަރު މަދުނަމަވެސް ތައްގީވެފައިވާ ގައުމުތަކުން ކާބޯތަކެތި އެތެރެކުރާ މިންވަރު އަދިވެސް އިތުރުވަމުންދާ ކަމަށާ މީގެ ސަބަބުން އިމްޕޯޓު ބިލް ރެކޯޑު އަދަދަކަށް މަތިވާނެކަމަށް އެފްއޭއޯއިން ލަފާކޮށްފައިވާ ކަމަށް ހަބަރުތައް ބުނެއެވެ.

އެގޮތުން އިމްޕޯޓު ބިލް މިއަހަރު 1.98 ޓްރިލިއަން އެމެރިކާ ޑޮލަރަށް އިތުރުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މިއީ 2022 ވަނަ އަހަރު ބިލް އިތުރުވާނެ ކަމަށް ލަފާކޮށްފައިވާ މިންވަރަށްވުރެ 1.5 އިންސައްތަ އިތުރު އަދެކެވެ.

ބިލް އިތުރުވާނެ ކަމަށް ލަފާކުރި ނަމަވެސް، ތަކެތީގެ އަގު އުފުލުމުގެ ސަބަބުން ޑީމާންޑު ދަށްވެ، މިދިޔަ އަހަރާއި އަޅާބަލާއިރު ބިލް އިތުރުވާ ދުވެލި މަޑުވާނެ ކަމަށް އެފްއޭއޯ އިން ބުނެއެވެ. ކާބޯތަކެތީގެ އިމްޕޯޓު ބިލް މިދިޔަ އަހަރު 11 އިންސައްތައަށް އިތުރުވެފައިވާއިރު، 2021 ވަނަ އަހަރު ވަނީ 18 އިންސައްތައަށް އިތުރުވެފައެވެ.

ތަކެތީގެ އަގު އުފުލުމުގެ ސަބަބުން އިޖްތިމާއީ ހަމަނުޖެހުންތައް އިތުރުވެ،މާލީ ގޮތުން ދަތިތަކާ ކުރިމަތިލާންޖެހި އިންފްލޭޝަން މަތިވެގެންދާނެކަމަށް އެފްއޭއޯގެ އިގްތިސާދީ މާހިރު، އަލް މައުމޫން އަމްރޫކާ ހަވާލާދީ ހަބަރުތައް ބުނެއެވެ.

އަނެއްކޮޅުން ބައެއް ކާބޯތަކެތި އުފައްދާ މިންވަރު މިއަހަރު އިތުރުވާނެ ކަމަށް އެފްއޭއޯ އިން ވަނީ ލަފާކޮށްފައެވެ. އެގޮތުން 2023 އިން 2024 ގެ ނިޔަލަށް ހަނޑޫ އުފައްދާ މިންވަރު 1.3 އިންސައްތައަށް އިތުރުވެ 53.6 މިލިއަން ޓަނަށް އަރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. ހަނޑުލުލުގެ އިތުރުން، ހަކުރު،އެއްގަމު މަސް އަދި ކަނޑު މަހާއި ކަނޑުމަހުގެ ބާވަތްތައް އުފައްދާ މިންވަރުވެސް އިތުރުވާނެ ކަމަށް އެފްއޭއޯއިން ލަފާކުރެއެވެ.