ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޤައުމުތަކުގެ ލިސްޓުގެ 1 ވަނައަށް އަނެއްކާވެސް އިންޑިއާ އަރައިފިއެވެ.
މިދިޔަ އަހަރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ޤައުމަކީވެސް އިންޑިއާއެވެ. ނަމަވެސް މި އަހަރު ފެށުނުއިރު އިންޑިއާ އޮތީ މި ލިސްޓުގެ 3 ވަނައިގައެވެ.
ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޤައުމުތަކުގެ ލިސްޓުގެ އެއްވަނައަށް އިންޑިއާ އެރުމުގެ ކުރިން މިއަހަރުގެ މިހާތަނަށް އެ ލިސްޓުގެ އެންމެ ކުރީގައި އުޅުނީ ރަޝިޔާއެވެ.
ރާއްޖެއަށް ފަތުުރުވެރިން އެންމެ ގިނައިން ޒިޔާރަތްކުރާ ޤައުމަކަށް އިންޑިއާވެފައިވާއިރު، މިދިޔަ ހޯމަ ދުވަހާއި ހަމައަށް އެ ޤައުމުން ރާއްޖެއަށް 100915 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. އަދި މި މުއްދަތުގައި ރަޝިއާއިން ރާއްޖެ އައިސްފައިވަނީ 100247 ފަތުރުވެރިންނެވެ.
* އިންޑިއާ - 100915 ފަތުރުވެރިން
* ރަޝިއާ - 100247 ފަތުރުވެރިން
* އިނގިރޭސިވިލާތް - 75956 ފަތުރުވެރިން
* ޖަރުމަނުވިލާތް - 62861 ފަތުރުވެރިން
* އިޓަލީވިލާތް - 61960 ފަތުރުވެރިން
މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 854409 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރާއި އަޅާބަލާއިރު %14.4 އިތުރު އަދަދެކެވެ.
ރާއްޖެއަށް މިހާރު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 5242 ފަތުރުވެރިން އާދެއެވެ. އަދި ރާއްޖެ އަންނަ ފަތުރުވެރިން 7.7 ދުވަހުގެ ޗުއްޓީއެއް ރާއްޖޭގައި ހޭދަކުރެއެވެ.
ފަތުރުވެރިންނަށް ހިދުމަތްދިނުމަށް މިވަގުތު ރާއްޖޭގައި 1244 ތަނެއް ވަނީ ހުޅުވާފައެވެ. މިއީ މުޅި ޖުމްލަ 60،818 އެނދެވެ.
ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކޮށް، ރާއްޖެ އިޝްތިހާރުކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތައް ކުރައްވަމުންނެވެ. އެގޮތުން އެމްއެމްޕީއާރުސީއާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރައްވާ ފަރާތްތަކުން ދަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރާއްޖެ އިޝްތިހާރުކުރުމުގެ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. އެގޮތުން ފެއަރތަކާއި ރޯޑް ޝޯވތަކާއި، ޑިޖިޓަލް ކެމްޕޭންތަކާއި އަދި ފެމިލިއަރައިޒޭޝަން ދަތުރުތައް ބޭއްވުން ހިމެނެއެވެ.
2021 ވަނަ އަހަރު ރާއްޖެއަށް އައިސްފައިވަނީ 1.3 މިލިއަން ފަތުރުވެރިންނެވެ. އަދި މިދިޔަ އަހަރު ރާއްޖެ އައިސްފައިވަނީ 1.6 މިލިއަން ފަތުރުވެރިންނެވެ. ސަރުކާރުގެ އަމާޒަކީ މިއަހަރު ރާއްޖެއަށް 1.8 މިލިއަން ފަތުރުވެރިން ގެނައުމެވެ.