ވިޔަފާރި

މިދިޔަ މޭމަހަކީ 5 އަހަރުތެރޭގައި އެންމެ ބޮޑު އާމްދަނީއެއް ލިބުނު މެއި މަސް


ޓެކްސްއާއި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި މިދިޔަމަހު 1.71 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް ދައުލަތުގެ ޓެކްސް އިދާރާއިން ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، މީރާއިން ނެރުއްވާފައިވާ ތަފާސް ހިސާބުތަކުގައިވާ ގޮތުން، ދައުލަތަށް މިދިޔަމަހު ލިބުނު އާމްދަނީއަކީ އެ އިދާރާއިން އަންދާޒާކުރި ވަރަށްވުރެ އިތުރު އާމްދަނީއެކެވެ.

މިދިޔަމަހު މީރާއަށް ބަލައިގަނެފައިވާ އާމްދަނީގެ އެންމެ ބޮޑުަބައެއް ހިއްސާކުރަނީ މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކުސްއެވެ.

މޭމަހު އާމްދަނީ ލިބުނު ދާއިރާތައް

63.59% މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް - 1.09 ބިލިއަން ރުފިޔާ
12.41% އާމްދަނީން ނަގާ ޓެކްސް - 212.43 މިލިއަން ރުފިޔާ
6.68% އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ - 114.34 މިލިއަން ރުފިޔާ
5.91% ޑިޕާޗަރ ޓެކްސް - 101.20 މިލިއަން ރުފިޔާ
4.85% ގްރީން ޓެކްސް - 83.10 މިލިއަން ރުފިޔާ
6.5% އެހެނިހެން ޓެކުހާއި ފީ - 112.17 މިލިއަން ރުފިޔާ

މިދިޔަމަހު މީރާއަށް ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 72.78 މިލިއަން ޑޮލަރުވެސް ހިމެނެއެވެ.

މީރާއިން ވިދާޅުވީ މިދިޔަމަހު ބަލައިގަތް 1.71 ބިލިއަން ރުފިޔާގެ އާމްދަނީއަކީ މިދިޔަ އަހަރުގެ މޭމަހު އެ އިދާރާއަށް ބަލައިގަތް އާމްދަނީއާ އަޅާބަލާއިރު %30.4 އިތުރު އަދަދެެއްކަމަށެވެ. އަދި މިއީ މިދިޔަމަހު ލިބޭނެކަމަށް އަންދާޒާކުރިި އާމްދަނީއާ އަޅާބަލާއިރުވެސް %1.8 އިތުރު އަދަދެއްކަމަށެވެ.

މީރާގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ އެހެން މަސްތަކާއި އަޅާބަލާއިރު ނިމުނު މޭމަހު މީރާއަށް ބަލައިގަނެފައިވާ އާމްދަނީ ވަނީ ދަށްވެފައެވެ. މިއަހަރު މިހާތަނަށް އެއް މަހެއްގައި އެންމެ ގިނަ އާމްދަނީ މީރާއަށް ބަލައިގަތީ ޖެނުއަރީމަހުއެވެ. އެއީ 3.40 ބިލިއަން ރުފިޔާއެވެ.

މިހާތަނަށް އެންމެ މަދުން އާމްދަނީ ލިބުނީ މިދިޔަމަހު

ޖެނުއަރީމަހު 3.40 ބިލިއަން ރުފިޔާ
ފެބްރުއަރީމަހު 1.72 ބިލިއަން ރުފިޔާ
މާޗުމަހު 2.19 ބިލިއަން ރުފިޔާ
އޭޕްރީލްމަހު 1.86 ބިލިއަން ރުފިޔާ
މޭމަހު 1.71 ބިލިއަން ރުފިޔާ

މިއަހަރުގެ އެހެން މަސްތަކާއި އަޅާބަލާއިރު މޭމަހު ލިބުނު އާމްދަނީ ދަށްވިނަމަވެސް، ނިމުނު މޭމަހަކީ މިދިޔަ 5 އަހަރު ތެރޭގައި އެންމެ ބޮޑު އާމްދަނީއެއް މީރާއަށް ބަލައިގަތް މޭމަސްކަމަށް މީރާގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

މިދިޔަމަހަަކީ 5 އަހަރު ތެރޭގައި އެންމެ ބޮޑު އާމްދަނީއެއް ލިބުނު މޭމަސް

2019 މެއި - 1.08 ބިލިއަން ރުފިޔާ
2020 މެއި - 204.4 މިލިއަން ރުފިޔާ
2021 މެއި - 787.2 މިލިއަން ރުފިޔާ
2022 މެއި - 1.3 ބިލިއަން ރުފިޔާ
2023 މެއި - 1.7 ބިލިއަން ރުފިޔާ

މިދިޔަމަހު ބަލައިގަތް އާމްދަނީ އިތުރުވި ސަބަބުތަކުގެ ތެރޭގައި ޖީއެސްޓީގެ ރޭޓަށް ގެނެސްފައިވާ ބަދަލުތަކާއި، މިދިޔަ އަހަރުގެ މޭމަހާއި އަޅާބަލާއިރު މިދިޔަ މޭމަހު ފަތުރުވެރިންގެ ޒިޔާރަތް ކުރި އަދަދު 13.1 އިންސައްތަ އިތުރުވެ، ޓީ.ޖީ.އެސް.ޓީ އަދި އެއަރޕޯޓް ޓެކުހާއި ފީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުން ހިމެނެއެވެ.