ސިއްހަތު

"މޯލްޑިވްސް ބްރެއިން އެންޑް ސްޕައިން ކޮންފަރެންސް 2023" އަންނަ އޮކްޓޯބަރުގައި


އޭޑީކޭ ހޮސްޕިޓަލްއިން އިންތިޒާމުކޮށްގެން ބާއްވާ "ބްރެއިން އެންޑް ސްޕައިން 2023" ކޮންފަރެންސް އަންނަ އޮކްޓޯބަރު މަހު ބޭއްވުމަށް ނިންމައިފިއެވެ.

އޭޑީކޭ ހޮސްޕިޓަލްގެ ގުލްޗަންޕާ މާލަމުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ހޮސްޕިޓަލުން ވަނީ މިއަހަރުގެ ކޮންފަރެންސް ލޯންޗްކޮށް، ކޮންފަރެންސްގެ ޕާޓްނަރުންނާއެކު ސޮއިކޮށްފައެވެ.

މި ރަސްމިއްޔާތުގައި މީޑިއާއަށް މަޢުލޫމާތުދެއްވަމުން އޭ.ޑީ.ކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓާރ އަޙްމަދު އައްފާލު ވިދާޅުވީ، މި ކޮންފަރެންސް ކުރިއަށްދާނީ އަންނަ އޮކްޓޯބަރު މަހުގެ 23 ން 26 އަށް ކަމަށެވެ. އެގޮތުން ކޮންފަރެންސްގެ ފުރަތަމަ ދެ ދުވަހުގެ ބައިތައް ކުރިއަށްދާނީ އޭ.ޑީ.ކޭ ހޮސްޕިޓަލުގައެވެ. އަދި އޮކްޓޯބަރު 25 ން 26 އަށް ކޮންފަރެންސްގެ ބައިތައް ކުރިއަށްދާނީ ވިލާ ނޯޓިކާގައެވެ. މިއީ އޭޑީކޭ ހޮސްޕިޓަލުން މި ކޮންފަރެންސް ބާއްވާ 5 ވަނަ އަހަރެވެ.

މިކޮންފަރެންސަކީ ސިކުނޑި އާއި މައިބަދައިގެ މައްސަލަތަކަށް ދެވޭ ފަރުވާއާ ބެހޭގޮތުން މިކަމަށް ޚާއްޞަ ޑޮކްޓަރުންނާއި، ތަޖުރިބާކާރުންގެ މެދުގައި މަޝްރާކޮށް މަޢުލޫމާތު ޙިއްޞާކުރުމަށް ބާއްވާ ކޮންފަރެންސެކެވެ.

އައްފާލް ވިދާޅުވީ، މި ކޮންްފަރެންސްގައި ޕްރޮފެސަރުންނާއި ސާޖަރީތަކަށް ބޭނުންވާ އާލާތްތައް އީޖާދުކޮށްފައިވާ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. އެގޮތުން ރާއްޖެއިންނާއި ރާއްޖެއިން ބޭރުން 100-200 ދެމެދުގެ ބައިވެރިން މި ކޮންފަރެނަސްގައި ބައިވެރިވާނެ ކަމަށާއި، 60-70 އާ ދެމެދުގެ ޢަދަދެއްގެ ބޭރު ޑޮކްޓަރުން ރާއްޖެއިން ބައިވެރިވާނެކަމަށް އައްފާލު ވިދާޅުވިއެވެ.

"ވަރަށް ފަންނީ ކޮންފަރެންސެއް. އަދި މި ކޮންފަރެންސްގައި ދުނިޔޭގެ ތަފާތު ހިސާބުތަކުން ވަރަށް ގިނަ އަދަދެއްގެ ފަންނީ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ. ބައިނަލްއަޤްވާމީ ފެންވަރުގެ ޓީމެއް އަޅުގަނޑުމެންގެ ހުރިހާ ކޮންފަރެންސެއްގައިވެސް ވަނީ ބައިވެރިވެވަޑައިގެންފައި" އައްފާލު ވިދާޅުވިއެވެ.

މި ކޮންފަރެންސްގައި ޞިއްޙީ ދާއިރާއިން ކިޔަވާ ކުދިންނަށް ވެސް ބައިވެރިވެ ސުވާލުކުރުމުގެ ފުރުޞަތު ދެވޭނެކަން ފާހަގަކުރައްވައި އައްފާލު ވިދާޅުވީ، ކޮންފަރެންސްއަށް ރަޖިސްޓްރީވުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ. އަދި އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން މި އަހަރުވެސް ކޮންފަރެންސްގެ ތެރެއިން ލައިވް ސާޖަރީ ކުރުން ކުރިއަށްދާނެ ކަމަށް އައްފާލު ވިދާޅުވިއެވެ.

ބްރެއިން އެންޑް ސްޕައިންގެ މިއަހަރުގެ ކޮންފަރެންސްގެ ޑައިމަންޑް ސްޕޮންސަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ވޯލްޑިވްސް ޕްރައިވެޓް ލިމިޓެޑެވެ. އަދި ވެނިއު އެންޑް އެކޮމޮޑޭޝަން ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ ވިލާ ނޯޓިކާއެވެ.

މިކަމާގުޅޭ އެއްބަސްވުންތަކުގައި އޭ.ޑީ.ކޭ ހޮސްޕިޓަލުގެ ފަރާތުން ސޮއިކުރެއްވީ، މެނޭޖިންގ ޑިރެކްޓަރ އަޙްމަދު އައްފާލެވެ. ވޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ފަސީޙެވެ. ވިލާ ނޯޓިކާގެ ފަރާތުން ސޮއިކުރެއްވީ، އެތަނުގެ ސީ.އީ.އޯ މުޢާވިޔަތު ޢުމަރެވެ.

މިފަދަ މި ކޮންފަރެންސެއް ބޭއްވުމުގެ އެންމެ ބޮޑު ބޭނުމަކީ ރާއްޖެއަށް ޒަމާނީ ޞިއްޙީ ޚިދުމަތްތައް ގެނައުމަށް މަގުފަހިކޮށް، އެ ޚިދުމަތްތައް ރާއްޖޭގައި ތިބެގެން ދިވެހިންނަށް ލިބޭނެ މަގުފަހިކޮށްދިނުން ކަމަށް އޭ.ޑީ.ކޭ ހޮސްޕިޓަލުން ބުނެއެވެ.