ތަޢުލީމު ޙާސިލްކުރާ ދަރިވަރުންގެ ތެރެއިން ސެކަންޑްރީ ފެންވަރަށް ކިޔަވާ ދަރިވަރުންގެ މަޖުބޫރު ފަސް މާއްދާއިން ފާސްވާ ދަރިވަރުން ކުރިއާ އަޅާބަލާއިރު މާބޮޑަށްވެސް އިތުރުވެފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޢަލީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ މިދިޔަ އަހަރު ސެކަންޑްރީ އިމްތިޙާނު ހެދި ދަރިވަރުންގެ ތެރެއިން ފަސް މާއްދާއިން ފާސްވި ކުދިންގެ އަދަދު 50 އިންސައްތައަށްވުރެ ދަށްކަމަށް ބުނެ ދެކެވެމުންދާ ވާހަކަތަކާ ގުޅިގެން މެދުހެންވޭރު ދާއިރާގެ މެމްބަރު ޢަލީ ޢާޒިމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރ ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ހަވާލުވެވަޑައިގެންފަހުން މިނިސްޓްރީން ދަރިވަރުންގެ ތަފާސް ހިސާބުތައް ބަލަހައްޓަވަމުން ގެދަވަނީ އެއްވެސް ކުއްޖަކު ބާކީނުކުރައްވައި، ހުރިހާ ދަރިވަރުންގެ ހިސާބުތައްވެސް ފެންނަން ހުންނާނޭ ގޮތަށް ކަމަށެވެ. މިނިސްޓަރ ވަނީ މިނިސްޓްރީގެ ތަފާސް ހިސާބުތައް ޙިއްޞާކުރައްވައިފައެވެ. 2019 ވަނަ އަހަރުގެ ކުރިން ތަފާސްހިސާބު ހަދާއިރު 5 މާއްދާއިން ފާސްވާ ކުދިންގެ އަދަދު ކަލްކިއުލޭޓްކުރުމުގައި ބަލަމުން އައިސްފައިވަނީ ފަސް މާއްދާ މަޖުބޫރުވާ ގޮތަށް ނޫނެވެ.
މިނިސްޓަރ ވިދާޅުވީ ދަސްވާރު ހަދާ ދަރިވަރުންނަށް އޯލެވެލާއި އެސްއެސްސީގެ މާއްދާތަކުގެ ތެރެއިން އެކުއްޖަކު އިޚްތިޔާރުކުރާ ދެ މާއްދާ ފިޔަވައި އެހެން ހުރިހާ މާއްދާ ދޫކޮށްލެވޭ ކަމަށެވެ. އަދި ބީޓެކް ހަދާ ދަރިވަރުންނަށް އިމްތިޙާނުތަކުގައި ހަދާ މާއްދާތަކުގެ ތެރެއިން އެކުއްޖަކު އިޚްތިޔާރުކުރާ އެއް މާއްދާއެއް ފިޔަވައި އެހެން ހުރިހާ މާއްދާއެއް ދޫކޮށްލެވެއެވެ.
"އަސްލު އަޅުގަނޑުމެންނަށް ފެންނަނީ އަސްލު ރެޕްރެޒެންޓޭޝަނެއް ނޫން. ފަސް މާއްދާއިން ފާސްވާ ކުދިން ކަލްކިއުލޭޓް ކުރަން އޯފްރޯލް އެމީހުން ކުރަނީ. ފާސްނުވާނެހެން ހީވާ ކުދިން ބާކީކޮށްފަ ފާސްވާނެ ކުދިން ކަލްކިއުލޭޝަނަށް ލާފަ ސްޓެޓިސްޓިކް ކަލްކިއުލޭޓް ކޮށްފަ ހުންނަނީ. އެހެންވީމަ ތަންކޮޅެއް ބޮޑުކޮށް އެޕަސެންޓޭޖް ފެންނަމުންދިޔައީ." މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ މި ސަރުކާރުން ވެރިކަމަށް ވަޑައިގެން ބަދަލުތަކެއް ގެންނެވި ކަމަށެވެ. އެގޮތުން 2019 ވަނަ އަހަރުގެ ފަހުކޮޅު ނިންމަވައިފައިވަނީ ހުރިހާ ކުދިން ފަސް މާއްދާ ހަދަން މަޖުބޫރުވާ ގޮތަށެވެ.
މިނިސްޓަރ ވިދާޅުވީ ތަޢުލީމީ ދާއިރާއަށް ބަލާއިރު ކުރިން ފެނުނީ ދިވެހި އިސްލާމް އަދި އިނގިރޭސި ހިސާބުގެ މާއްދާތަކުގެ ނަތީޖާތައް ދައްވާތަން ކަމަށެވެ. އަދި މި މާއްދާތައް ހެދުމަކީ ދަރިވަރުންނަށް މަޖުބޫރު ކަމެއްގެ ގޮތުގައި މިނިސްޓްރީން ބާރު އަޅުއްވާކަމަށާއި، ވަރަށް މަޖުބޫރީ ޙާލަތެއްގައި ނޫނީ މި މާއްދާތައް ދޫކޮށްލުމުގެ ޖާގަ ނުދެއްވާ ކަމަށެވެ. މިހާރުގެ ހިސާބުތަކަށް ބަލާއިރު މި މާއްދާތަކުން ނަތީޖާތައް ފެންނަނީ ވަރަށް ބޮޑަށް ރަނގަޅުވަމުން އަންނަތަން ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.