ޚަބަރު

ދިވެހި ރުކުގެ މުޑުވައް އާލާކުރުމުގެ ޕްރޮގްރާމެއް ކުރިއަށްގެންދާނަން: މިނިސްޓަރ


ދިވެހި ރުކުގެ މުޑުވައް އާލާކުރުމުގެ ޕްރޮގްރާމެއް ކުރިއަށްގެންދަވަން ރާއްވަވައިފައިވާ ކަމަށް މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ.ޙުސައިން ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ. މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ރުއްތަކުގެ އެންމެ އުފެއްދުންތެރި ޢުމުރު ފަހަނައަޅައި ގޮސްފައިވާ ކަމަށެވެ.

ރުކުގެ އައު ޖީލެއް ބިނާކުރުމަށް ސަރުކާރުން ޤައުމީ ޕްރޮގްރާމެއް ފެށްޓެވީ މިމަހު ކުރީކޮޅު، ރާއްޖޭގެ އުތުރުންނެވެ. އެގޮތުން މިހާތަނަށް ހއ، ހދ، ނ، ރ އަތޮޅުގައި ވަނީ ރުއް އިންދަވައިފައެވެ. އަދި މިހާރު މިވަނީ މި މަސައްކަތް އއ އަދި އދ.އަތޮޅުގައި ފަށްޓަވައިފައެވެ.

އެގޮތުން އއ.އަތޮޅު ތޮއްޑޫގައިވެސް ރުއްއިންދުމުގެ ޕްރޮގްރާމް ފަށްޓަވައިދެއްވީ މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ.ޙުސައިން ރަޝީދު ޙަސަނެވެ. މި ޕްރޮގްރާމްގައި ޖުމްލަ 5000 ރުއް އިންދެވުމަށް ވަނީ ހަމަޖެހިފައެވެ.

ތޮއްޑޫގައި ރުއް އިންދުމުގެ ޙަރަކާތް ފަށްޓަވައި ވާހަކަފުޅުދައްކަަމުން މިނިސްޓަރ ޑރ.ޙުސައިން ރަޝީދު ޙަސަން ވިދާޅުވީ ރަނގަޅަށް ބަލަހައްޓާނަމަ ދެ އަހަރާއި ބައިގެ ތެރޭގައި ރުއްތައް ފޯދޭނެކަމަށެވެ. މިއިން ރުކެއްގައި 12 އާއި 14 އާ ދެމެދުގެ ޢަދަދަކަށް އިހާ ކުރުނބާ އަހަރަކު އަޅާއިރު، އެއިން ކޮންމެ އިހަލެއްގައި 30 އާއި 40 ދެމެދުގެ ޢަދަދަކަށް ކުރުނބާ ހުންނާނެއެވެ.

ރުކަކީ ރާއްޖޭގެ ފަތުރުވެރިކަމަށްވެސް މުހިންމު އެއްޗެއްކަން ފާހަގަކުރައްވައި ފަތުރުވެރިންގެ މެދުގައިވެސް އެންމެ މަޤުބޫލު ބުއިމަކީ ކުރުނބާ ކަމަށްވުމުން، މި ރުއްތަކުން އޭގެ މަންފާވެސް ރަށްތަކަށް ލިބޭނެއެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި ވޭތުވެދިޔަ އަހަރުތަކުގައި ރުއް އާލާކުރުން ކުރިއަށް ގެންގޮސްފައި ނުވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ރަށްރަށުގައި ހުރި ރުއްތަކުގެ އުމުރު ދޮށީވުމަކީ، ކާށި ލިބޭ މިންވަރު އެންމެ ބޮޑަށް ދަށަށްދާ އެއް ސަބަބުކަމަށެވެ.

"ރުކުގެ އެންމެ އުފެއްދުންތެރި އުމުރުފުރާ ފަހަނައަޅައިފި. މާހިރުން ބުނަނީ ރުކެއް އެންމެ އުފެއްދުންތެރިވާނީ އުމުރުން 10-15 އަހަރުގައި ކަމަށް. ރާއްޖޭގެ ރުކުގެ އާބާދީ 25 އަހަރުން މަތި. 60-70 އަހަރުގެ ރުއްތައް ގިނަ." މިނިސްޓަރ ވިދާޅުވިއެވެ.

މި ޕްރޮގްރާމްގައި އިންދާ ރުއްތަކަކީ ގާތްގަނޑަކަށް 15 ފޫޓަށް ދިގުވާ ރުއްތަކެކެވެ.

މިނިސްޓަރ ވިދާޅުވީ ކުރިއަށް އޮތްތާންގައި ވެސް މިފަދަ ގިނަ ޕްރޮގްރާމްތައް ހިންގަވާނެ ކަމަށެވެ. އެގޮތުން ދިވެހި ރުއް މުޑުވައްކޮށް އާލާކޮށް ހެއްދުމުގެ ޕްރޮގްރާމެއް ވެސް ކުރިއަށްގެންދަވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.