ޚަބަރު

ދެކުނު އޭޝިޔާގައި އެންމެ ބާރަށް މިއަހަރު ކުރިއަރާނީ ރާއްޖޭގެ އިޤްތިޞާދު


ފަތުުވެރިކަމުގެ ސިނާއަތުން ހޯދަމުންދާ ކުރިއެެރުންތަކާއެކު ދިވެހިރާއްޖޭގެ އިޤްތިޞާދަކީ ދެކުނު އޭޝިޔާ ސަރަހައްދުގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ އިޤްތިޞާދުކަމަށް ވޯލްޑް ބެންކުން ހާމަކޮށްފިއެވެ.

ވޯލްޑް ބެންކުން މިގޮތަށް ލަފާކޮށްފައިވަނީ މި ސަރަހައްދުގެ ޤައުމުތަކުގެ އިޤްތިޞާދީ އަދި މާލީ ހާލަތާއި ގުޅޭގޮތުން އެންމެފަހުން ނެރުނު ދިރާސާ ރިޕޯޓްތަކުގައެވެ.

މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި އިޤްތިޞާދީގޮތުން ރާއްޖެއިން ހޯދާފައިވާ ކުރިއެރުންތަކާއި ގުޅޭގޮތުން ވޯލްޑް ބެންކުން އެންމެފަހުން ނެރުނު "މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް، އެމްޑީޔޫ"ގައި ބުނީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރަމުންދިއުމުގެ ސަބަބުން ރިއަލް އެސްޓޭޓް، ޓްރާންސްޕޯޓް އަދި ޓްރޭޑްގެ ސިނާއަތަށްވެސް އޭގެ ހެޔޮ އަސަރުކުރަމުންދާކަމަށެވެ. އެގޮތުން އެ ސިނާއަތްތަކަށް ލިބުނު ކުރިއެރުންތަކުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް 12.3 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވާކަމަށްވެސް ވޯލްޑް ބެންކުން ބުނެފައިވެއެވެ.

ފަތުރުވެރިކަމުގެ ދާއިރާއަކީ ރާއްޖޭގެ އިޤްތިޞާދުގެ ތިންބައި ކުޅަ އެއްބައި ހިއްސާކުރާ ސިނާއަތްކަމަށާއި އަދި ކޯވިޑްގެ ކުރިން އޮތް ހިސާބަށް ގޮސްފައިވާކަމަށެވެ. އަދި އޭގެ މައިގަނޑު ސަބަބަކީ އިންޑިއާ، ރަޝިޔާ އަދި ގަލްފްުގެ ޤައުމުތަކުން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވުންކަމަށްވެސް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

ވޯލްޑް ބެންކުގެ ރިޕޯޓްގައިވާގޮތުން މިދިޔަ އަހަރު ތަކެތީގެ އަގުބޮޑުވާ މިންވަރު ނުވަތަ އިންފްލޭޝަން 2.3 އިންސައްތައިގެ އެވްރެޖެއްގައި އުފުލުނުކަމަށެވެ. މިއީ ކުރިއާ އަޅާބަލާއިރު ބޮޑު އަދަދެއްކަން ފާހަގަކުރަމުން ވޯލްޑް ބެންކުން ބުނީ މީގެމައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލުންކަމަށެވެ. އަގު އުފުލުނު ދާއިރާތަކުގެ ތެރޭގައި ކާބޯތަކެތި، ސިއްހީ ހިދުމަތް އަދި ރެސްޓޯރަންޓްގެ ހިދުމަތްތައް ހިމެނެއެވެ.

ސަރުކާުރުން ޓެކްސް ރޭޓަށް ގެންނެވި ބަދަލުތަކާއެކު ދައުލަތުގެ މާލިއްޔަތަށް ކުރިއެރުންތަކެއް ލިބޭނެކަމަށްވެސް ވޯލްޑް ބެންކުން ޤަބޫލުކުރެެއެވެ.

ވޯލްޑް ބެންކުން ރާއްޖޭގެ އިޤްތިޞާދު މިދިޔަ އަހަރެއްހާ ދުވަހު ކުރިއަށްދިޔަ ގޮތަށް ބެލުމަށްފަހު ބުނެފައިވަނީ ފަތުރުވެރިކަމުން ހޯދާ ކުރިއެރުންތައް އިތުރުވެ، މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރު 7.1 އިންސައްތައިގެ ކުރިއެރުމެއް ލިބޭނެކަމަށެެވެ. އެގޮތުން މިއަހަރު ރާއްޖެއަށް 1.8 މިލިއަން ފަތުރުވެރިން ގެނައުމަށް ކަނޑައަޅާފައިވާ އަމާޒަަށް ވާސިލުވެވޭނޭކަމަށްވެސް ވޯލްޑް ބެންުކުން ބުނެއެވެ.

އައު ރިސޯޓްތަކާއި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް އަންނަމުންދާ ތަރައްޤީއާއެކު ފަތުރުވެރިކަމުގެ ދާއިރާއަށް މިހާރު ލިބޭ ކުރިއެރުމަށްވުރެވެސް ބޮޑު ކުރިއެރުމެއް ލިބޭނެކަން ވޯލްޑް ބެންކުން ފާހަގަކޮށްފައިވެއެވެ.

ވޯލްޑް ބެންކުން ބުނީ ރާއްޖެއިން އެކި ސިނާޢަތްތަކުން ހޯދަމުންދާ ކުރިއެރުންތަކާއެކު އަންނަ އަހަރު ރާއްޖޭގެ އިޤްތިޞާދު 6 އިންސައްތަ ކުރިއަރާނެކަމަށެވެ. އަދި ދެކުނު އޭޝިޔާގެ އެހެން ޤައުމުތަކާއި އަޅާބަލާއިރު ރާއްޖެއަކީ މި ސަރަހައްދުގައިވެސް އެންމެ ބާރަށް ކުރިއަރަމުންދާ އިޤްތިޞާދުކަމަށްވެސް ވޯލްޑް ބެންކުން ބުނެއެވެ.