މިއަހަރުގެ ފުރަތަމަ ކުއާޓަރގައި ދިރާގަށް ސާފު ފައިދާގެ ގޮތުގައި 218.8 މިލިއަން ރުފިޔާ ލިބިއްޖެއެވެ.
ފުަރަތަމަ ކުއާޓަރުގައި ދިރާގަށް ލިބުނު ސާފު ފައިދާގެ ގޮތުގައި 218.8 މިލިއަން ރުފިޔާ ލިބުނުނަމަވެސް މިއީ އޭގެ ކުރީ ކުއާޓަރާއި އަޅާބަލާއިރު ދަށް އަދަދެކެވެ.
މިއަހަރުގެ ފުރަތަމަ ކުއާޓަރގައި ދިރާގުގެ މާލީ ތަފާސް ހިސާބު މިހާރު ވަނީ އާންމުކޮށްފައެވެ. މާލީ ހިސާބުތަކުން ދައްކާގޮތުން ފުރަތަމަ ކުއާޓަރގައި އާމްދަނީގެ ގޮތުގައި ދިރާގަށް ލިބިފައިވަނީ 653.9 މިލިއަން ރުފިޔާއެވެ. ނަމަވެސް މިދިޔަ އަހަރުގެ ފަހު ކުއާޓަރގައި ދިރާގަށް ލިބުނު އަމްދަނީ އުޅުނީ 698.7 މިލިއަނުގައެވެ. އެހެންކަމުން ސާފު ފައިދާއާއި އާމްދަނީވެސް މިއަހަރުގެ ފުރަތަމަ ކުއާޓަރގައި ވަނީ ދަށްވެފައެވެ.
ދިރާގަށް އާމްދަނީ ލިބެނީ މައިގަނޑު 3 ދާއިރާއަކުންނެވެ. އެއީ މޯބައިލް ޚިދުމަތްތަކުން ލިބޭ އާމްދަނީ އާއި، ފިކްސް ބްރޯޑްބޭންޑް، އެންޓަޕްރައިސްގެ ދާއިރާގެ އާމްދަނީއާއި އެހެނިހެން ދާއިރާތަކުން ލިބޭ އާމްދަނީއެވެ. މީގެތެރެއިން އެހެނިހެން ދާއިރާތަކުން ލިބުނު އާމްދަނީ ފިޔަވައި ދެން ހުރި 2 ދާއިރާގެ އާމްދަނީ ވަނީ އަހަރުގެ ފުރަތަމަ ކުއާޓަރގައި ދަށެވެފައެވެ.
މޯބައިލް ޚިދުމަތްތަކުގެ ވިޔަފާރިން ފުރަތަމަ ކުއާޓަރގައި ލިބިފައިވަނީ 342.9 މިލިއަން ރުފިޔާގެ އާމްދަނީއެއެވެ. އޭގެކުރީ ކުއާޓަރގައި މި އަދަދު އުޅުނީ 350.3 މިލިއަނުގައެވެ.
ފިކްސް ބްރޯޑްބޭންޑް އަދި އެންޓަޕްރައިސްގެ ދާއިރާއިން ފުރަތަމަ ކުއާޓަރުގައި ދިރާގަށް ލިބިފައިވަނީ 291.9 މިލިއަން ރުފިޔާއެވެ. އޭގެކުރީ ކުއާޓަރގައި މިއަދަދު އުޅުނީ 330.8 މިލިއަނުގައެވެ.
އެހެނިހެން ވިޔަފާރިން އަހަރުގެ ފުރަތަމަ ކުއާޓަރުގައި 19.1 މިލިއަން ރުފިޔާ ދިރާގަށް ވަނީ ލިބިފައެވެ. އޭގެކުރީ ކުއާޓަރުގައި ލިބިފައިވާ އާމްދަނީއަކީ 17.6 މިލިއަން ރުފިޔާއެވެ.
އާމްދަނީއާއި ސާފު ފައިދާ ދަށްވެފައިވާއިރު ހިންގުމުގެ ހަރަދުވެސް ފުރަތަމަ ކުއާޓަރގައި ދިރާގުން ވަނީ ވަރަށް ބޮޑަށް ދަށްކޮށްފައެވެ. އެގޮތުން ނިމުނު ކުއާޓަރގައި ހިންގުމުގެ ހަރަދުހުރީ 279.6 މިލިއަނުގައެވެ. އޭގެކުރީ ކުއާޓަރގައި މި އަދަދު އުޅުނީ 298.3 މިލިއަނުގައިކަމަށް ދިރާގުގެ މާލީ ތަފާސްހިސާބުތަކުން ދައްކައެވެ.
ދިރާގުގެ ހިދުމަތް ފުޅާކުރުމުގެ ގޮތުން މިދިޔަ ކުއާޓަރގައި ވަނީ ރާއްޖޭގެ އިތުރު 2 ރަށަކަށް ހައި ސްޕީޑް ފައިބަރ ބްރޯޑްބޭންޑްގެ ހިދުމަތް ތައާރަފްކޮށްފައެވެ. މިއާއިއެކު ދިރާގުގެ ހައި ސްޕީޑް ފައިބަރ ބްރޯޑްބޭންޑްގެ ހިދުމަތް ތައާރަފްކޮށްފައިވާ ރަށްރަށުގެ އަދަދު ވަނީ 105އަށް އިތުރުވެފައެވެ.