ވިޔަފާރި

ފުރަތަމަ ކުއާޓަރުގައި އެސްޓީއޯގެ އާމްދަނީ 4.4 ބިލިއަން، ފައިދާ 809 މިލިއަން


4.4 ބިލިއަން ރުފިޔާއާއެކު އެސްޓީއޯގެ އާމްދަނީއަށް 10 އިންސައްތައިގެ ކުރިއެރުމެއް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބިފައިވާކަމަށް ކުންފުނީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޖެނުއަރީން މާޗުމަހުގެ ނިޔަލަށް ހިނގި ފުރަތަމަ ކުއާޓަރުގައި އެސްޓީއޯއަށް ލިބުނު އާމްދަނީއާ ގުޅޭ ހިސާބުތައް މިއަދު ވަނީ ކުންފުނީގެ ވެބްސައިޓްގައި ޢާއްމުކޮށްފައެވެ.

އެސްޓީއޯގެ ފުރަތަމަ ކުއާޓަރގެ ޖުމްލަ އާމްދަނީގެ ގޮތުގައި ވަނީ 4.4 ބިލިއަން ރުފިޔާ ލިބިފައިވެވެ. މިއީ އޭގެ ކުރީ އަހަރުގެ ފުރަތަމަ ކުއާޓާރއާ އަޅާ ބަލައިއިރު 10 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެ މައިގަނޑު ސަބަބަކީ އެކުންފުނިން ކުރަމުންގެންދާ އެހެނިހެން ވިޔަފާރިތައް ކުރިއަރާ މި ވިޔަފާރިތަކުން ލިބުނު އާމްދަނީ އިތުރުވުންކަމަށް އެސްޓީއޯއިން ބުނެއެވެ. ނަމަވެސް ކުންފުނީގެ މައިގަނޑު ވިޔަފާރި ކަމަށްވާ ތެލުގެ އަގަށްއާއި ބަދަލާއިއެކު، މިދިޔަ އަހަރުގެ ހަތަރު ވަނަ ކުއާޓާރއާއި އަޅާބަލައިރު އާމްދަނީ ވަނީ 3 އިންސައްތައިން ދަށްވެފައެވެ.

އެސްޓީއޯގެ ޖުމްލަ އާމްދަނީ އިތުރުކުރެވުމާއިއެކު ޖުމްލަ ފައިދާގެ ގޮތުގައި ވަނީ 809 މިލިއަން ރުފިޔާ ލިބިފައެވެ. މިއީ އޭގެ ކުރީ ކުއާޓާރއާ އަޅާ ބަލައިއިރު 19 އިންސައްތައިގެ ކުރިއެރުމެކެވެ. ޖުމްލަ ފައިދާ އިތުރުވުމާއިއެކު ހިންގުމުގެ ފައިދާގެ ގޮތުގައި ވަނީ 503 މިލިއަން ރުފިޔާ ލިބިފައެވެ.

ޓެކްސްއަށް ކެނޑުމުގެ ކުރިން މިކުއާޓާރގެ ސާފު ފައިދާއަކީ 436 މިލިއަން ރުފިޔާއެވެ. ޓެކުހަށް ކެނޑުމަށްފަހު، މި ކުއާޓާރގެ ސާފުފައިދާގެ ގޮތުގައި ވަނީ 368 މިލިއަން ރުފިޔާ ލިބިފައެވެ. މިއީ އޭގެ ކުރީ ކުއާޓާރއާއި އަޅާބަލައިއިރު 37 އިންސައްތައިގެ ކުރިއެރުމެކެވެ.

އެސްޓީއޯއިން ބުނީ އާމްދަނީ ރަނގަޅުވެ ފައިދާ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ކުންފުނިން ކުރަމުން ގެންދާ ވިޔަފާރީތައް ރަނގަޅުކުރެވި ޖުމްލަ ފައިދާ އިތުރުކުރެވިފައިވުމާއި އަދި ހިންގުމުގެ ހަރަދު އޭގެ ކުރީ ކުއާޓާރއާއި އަޅާބަލާއިރު ދަށްކުރެވިފައިވުމެވެ.

ފުރަތަމަ ކުއާޓަރުގައި އެސްޓީއޯގެ ހިއްސާ އެންމެ މަތިން ޓްރޭޑްކުރެވިފައި ވަނީ 1450 ރުފިޔާއަށް އަދި އެންމެ ދަށުން 1200 ރުފިޔާއަށް ވަނީ ޓްރޭޑްކުރެވިފައެވެ. ފާއިތުވި ކުއާޓަރގައި ޖުމްލަ 56 ހިއްސާ މުއާމަލާތުކުރެވިފައިވާއިރު އެސްޓީއޯގެ މާކެޓް ކެޕިޓަލައިޒޭޝަން އުޅެނީ 1735 މިލިއަން ރުފިޔާގައެވެ. އަދި ކުންފުނީގެ ހިއްސާއަކަށް ޖެހުނު ފައިދާ ހުރީ 327 ރުފިޔާގައެވެ.