ޚަބަރު

ޤާނޫނަށް ބަދަލު ގެނައީ ނިޔާޒް ވަކި ކުރާކަށް ނޫން


އޮޑިޓް ޤާނޫނަށް އިޞްލާޙު ގެންނެވީ ކުރީގެ އޮޑިޓަރ ޖެނެރަލް ނިޔާޒް އިބްރާހީމް އެ މަޤާމުން ވަކިކުރަން ނޫންކަމަށް ދައުލަތުގެ ބަންޑާރަ ނާއިބްގެ އޮފީހުން މިއަދު ހައިކޯޓްގައި ވިދާޅުވެއްޖެއެވެ.

ދައުލަތުން މިހެން ވިދާޅުވީ އޮޑިޓަރ ޖެނެރަލް ޤާނޫނަށް ގެންނެވި އިޞްލާޙް ބާޠިލުކޮށްދެއްވުމަށް ނިޔާޒް އިބްރާހީމް ދައުލަތާ ދެކޮޅަށް ދަޢުވާކުރާ މައްސަލައިގައި މިއަދު ބޭއްވެވި އަޑުއެހުމުގައެވެ. މިއަދުގެ އަޑުއެހުމުގައި ވާހަކަ ދައްކަވަމުން ދައުލަތުގެ ވަކީލް ވިދާޅުވީ އޮޑިޓަރ ޖެނެރަލްގެ ޤާނޫނަށް އިޞްލާޙް ގެންނެވީ އޮޑިޓަރ ޖެނެރަލްގެ ޝަރުތުތައް ބަޔާންކޮށް ޤާނޫނެއް އޮންނަން ޖެހޭކަމަށް ޤާނޫނު އަސާސީގައި ބަޔާންކޮށްފައި އޮންނާތީކަމަށެވެ. އަދި އޮޑިޓަރ ޖެނެރަލްކަމަށް ނިޔާޒް ޢައްޔަންކުރެއްވީ އެ އިޖްރާޢަތުތައް ފުރިހަމަ ނުކުރައްވާ ކަމަށްވެސް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ.

ޤާނޫނަށް ގެންނެވި އިޞްލާޙުން ނިޔާޒްގެ މަޤާމު ގެއްލުނުކަމުގައި ވީނަމަވެސް އެ މަޤާމަށް ކުރިމަތިލެއްވުމުގެ ފުރުޞަތު އަލަށް ގެނެވުނު އިޞްލާޙްގެ ދަށުން ނިޔާޒަށްވެސް އޮތްކަން ދައުލަތުގެ ވަކީލް ފާހަގަކުރެއްވިއެވެ. ދައުލަތުގެ ވާހަކަތައް ރައްދުދެއްވަމުން ނިޔާޒްގެ ޤާނޫނީ ވަކީލް ވިދާޅުވީ އޮޑިޓަރ ޖެނެރަލްގެ މަޤާމު ނިޔާޒަށް ގެއްލޭގޮތަށް ޤާނޫނަށް އިޞްލާޙު ގެންނެވުމަކީ ކަނޑައެޅިގެން ޤާނޫނު އަސާސީއާ ޚިލާފްކަމެއްކަމަށެވެ. އަދި އޮޑިޓަރ ޖެނެރަލްގެ މަޤާމު ގެއްލޭގޮތް ޤާނޫނުގައި ބަޔާންކޮށްފައިވާއިރު އެ މަގާމު ނިޔާޒަށް ގެއްލުނީ އެއިން އެއްވެސް ޙާލަތެއް މެދުވެރިނުވަނީސްކަން ވެސް ނިޔާޒުގެ ޤާނޫނީ ވަކީލު ފާހަގަކުރެއްވިއެވެ.

އޮޑިޓަރ ޖެނެރަލް ޤާނޫނަށް ގެންނެވި އިޞްލާޙާއެކު އެ އިޞްލާޙުގެ ފަހުން ގެނެވުނު ބަދަލުތައްވެސް ބާޠިލްކޮށްދެއްވުމަށް ނިޔާޒު އިބްރާހީމްގެ ފަރާތުން ކޯޓްގައި އެދިފައިވެއެވެ.