ޚަބަރު

6 އަހަރުތެރޭގައި 16203 އެކްސިޑެންޓް، 42 މަރު!


ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، ޑަބްލިޔުއެޗްއޯއިން ޢާއްމުކޮށްފައިވާ ރަސްމީ މައުލޫމާތުތަކުގައިވާ ގޮތުން މަގުމަތީގައި ހިނގާ އެކްސިޑެންޓުތަކުގައި އަހަރަކު މަރުވާ މީހުންގެ އަދަދު ވަނީ 1.35 މިލިއަނަށް އަރާފައެވެ. އަދި މަގުމަތީގެ އެކްސިޑެންޓްތަކަކީ ދުނިޔޭގައި 8 ވަނައަށް އެންމެ ގިނައިން މީހުން މަރުވާ ސަބަބެވެ. މީގެއިތުރުން އެކްސިޑެންޓްތަކުގައި އަނިޔާ ލިބޭ މީހުންގެ އަދަދު ހުރީ 20 މިލިއަނާއި 50 މިލިއަނާއި ދެމެދުގައިކަމަށްވެސް ޑަބްލިޔުއެޗްއޯއިން މިކަމާއި ގުޅޭގޮތުން އެންމެފަހުން ނެރެފައިވާ ރިޕޯޓްތަކުގައިވެއެވެ.

ރާއްޖޭގައިވެސް މަގުމަތީގައި ހިނގާ އެކްސިޑެންޓްތަކުގެ އަދަދުތައް ދަނީ އިތުރުވަމުންނެވެ. އަދި އެ އެކްސިޑެންޓްތަކުގައި ބައެއް މީހުން މަރުވެފައިވާއިރު، އެތައް ސަތޭކަ ބަޔަކަށް އެކިވަރުގެ އަނިޔާތައް ވަނީ ލިބިފައެވެ. އޭގެތެރެއިން ބައެއް މީހުން ނުކުޅެދޭ ހާލަތަށް ނުވަތަ އުމުރުދުވަހު ތަކުލީފެއްގައި އުޅެންޖެހޭ ފަދަ ކަންކަން މެދުވެރިވެފައި އެބަހުއްޓެވެ.

2017އިން 2018އަށް 16203 އެކްސިޑެންޓް

  • 2017 - 2100 އެކްސިޑެންޓް
  • 2018 - 2387 އެކްސިޑެންޓް
  • 2019 - 3370 އެކްސިޑެންޓް
  • 2020 - 2237 އެކްސިޑެންޓް
  • 2021 - 2521 އެކްސިޑެންޓް
  • 2022 - 3588 އެކްސިޑެންޓް

2017އިން 2018އަށް 16203 އެކްސިޑެންޓްގައި 42 މަރު

  • 2017 - 13 މަރު
  • 2018 - 10 މަރު
  • 2019 - 6 މަރު
  • 2020 - 3 މަރު
  • 2021 - 5 މަރު
  • 2022 - 5 މަރު

ރާއްޖޭގައި މަގުމަތީގެ އެކްސިޑެންޓްތައް ހިނގަން މެދުވެރިވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ކަނޑައަޅާފައިވާ ދުވެއްޔަށްވުރެ ބާރަށް ދުއްވުމާއި، ދެ އުޅަނދު ދެމެދުގައި ރައްކާތެރި ދުރުމިން ނުބެހެއްޓުމާއި، ގޯޅިތަކުން ނުކުންނައިރު މައި މަގަށް ވިސްނާނުލައި ނުކުތުމާއި، ގޯޅި އެޅުމުގައި ގޯޅިއަޅަންވާ ލޭނުން ގޯޅި ނޭޅުމާއި، ފަހަތުން ދުއްވާފައި އަންނަ އުޅަނދުތަކަށް ދަތިވާގޮތަށް އެއްހަމައެއްގައި ވާހަކަ ދައްކަމުން ދުއްވުމާއި، ޓްރެފިކް ލައިޓާ ޚިލާފަށް ދުއްވުން ހިމެނެއެވެ. މީގެއިތުރުން މަގު މަރާމާތު ނުކޮށްހުރުމާއި ހަރުކުރަންޖެހޭ މަގުމަތީގެ ނިޝާންތައް ހަރުނުކޮށް ހުރުމަކީވެސް ރާއްޖޭގައި އެކްސިޑެންޓްތައް ހިނގަން މެދުވެރިވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

އެކްސިޑެންޓްތައް މަދުކޮށް، އަދި އެކްސިޑެންޓްތަކުން އަނިޔާލިބުން ނުވަތަ މަރުވުން މަދުކުރުމަށް ކުރެވޭނެ ކަންކަމުގެ ތެރޭގައި އެކްސިޑެންޓްތަކާ ގުޅިގެން ފަރުވާދިނުން އަވަސްކުރުމާއި، އެކްސިޑެންޓް ގައި ބޮޑުވަރު ވެފައި ވާނަމަ ޞިއްހީ އެހީތެރިންގެ އެހީތެރިކަމާއިއެކު ނޫނީ އެކްސިޑެންޓް ވެފައި އޮންނަ މީހާ ނުނެގުމާއި .ޤާނޫނާއި ޤަވާޢިދު އެއްވެސް ތަފާތުކުރުމެއް ނެތި ތަންފީޒުކުރުން ހިމެނެއެވެ. ކުށްކުރާ ފަރާތްތަކާ ދެކޮޅަށް ޤާނޫނު ތަންފީޒުނުކުރެވޭނަމަ ނުވަތަ ޤާނޫނު ތަންފީޒުނުކުރާކަން އާއްމުންނަށް ދޭހަވާނަމަ، ޤާނޫނަށް އެހެން މީހުންވެސް ބޯނުލެބުމުގެ ފުރުޞަތު ބޮޑެވެއެވެ. އެއާއެކު އަދަދު މަދުކުރަން މަސައްކަތްކުރާ އެކްސިޑެންޓްތަކުގެ އަދަދު އިތުރުވުމުގެ ފުރުޞަތުވެސް ބޮޑުވެއެވެ.

އެކްސިޑެންޓް މަދުކުރުމުގައި އެންމެ ބޮޑީ މަގުގައި ދުއްވާ ފަރާތްތަކާއި މަގުހިނގާ ފަރާތްތަކުގެ ޒިންމާއެވެ. މަގުމައްޗަކީ އެންމެން ބޭނުން ކުރާތަނަކަށްވެފައި މަގުމަތީގައި އުޅަނދު ދުއްވާއިރު މަގަށް ދޭންޖެހޭ ފުރިހަމަ ސަމާލުކަން ދިނުން އެއީ އެކްސިޑެންޓް މަދު ކުރުމަށް ކުރެވިދާނެކަމެކެވެ. ހަމަ އެއާއި އެކު މަގުގައި ދުއްވާއިރު ވީޙާވެސް ބޮޑަށް މަގަށް ޖާގަ އޮންނާނެހެން މަގުގެ ވާތްފަރާތުން ދުއްވުމާއި ގޯޅިއަކުން ނުކުންނަނަ ނަމަ ދުވެލި މަޑުކޮށް މަގަށް ދޭންޖެހޭ ސަމާލުކަން ދިނުމަށްފަހު ރަނގަޅު ލޭނުން ދުއްވުމާއި، ދުރާލާ ދަތުރަށް ތައްޔާރުވެގެން ރައްކާތެރި ދުވެލީގައި ދުއްވުމަކީ އެކްސިޑެންޓް ހިގުން މަދުކުރެވިދާނެ ސަބަބެކެވެ. ހަމަ އެހެންމެ ޤާނޫނާއި ޤަވާއިދުތަކަށް އަހުލުވެރި ވުމާއި ތިމާ ދުއްވާ އުޅަނދަކީ ރޯޑް ވާދިނަސް މިންގަނޑަށް ފެތޭ، މަގުމަތީގައި ދުއްވަން އެކަށިގެންވާ އުޅަނދެއްކަން ކަށަވަރު ކުރުމަކީވެސް އެކްސިޑެންޓްތައް މަދުކުރުމަށް ކުރެވެންހުރި ކަންނަމެވެ.

އެކްސިޑެންޓްތައް ހިނގުން އެއްކޮށް ހުއްޓުވުމަކީ އެންމެ ކުރިއަރާފައިވާ މުއްސަނދި ގައުމުތަކަށްވެސް ކުރެވޭނެ ކަމެއް ނޫނެވެ. ނަމަވެސް ބައިނަލްއަގްވާމީ މިންގަނޑުތަކާއި އެއްގޮތަށް މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ގައުމީ ފެންވަރެއްގައި ފިޔަވަޅުތަކެއް އެޅިއްޖެނަމަ އެކްސިޑެންޓްތަކާއި، އެ އެކްސިޑެންޓްތަކުގައި އަނިޔާ ލިބޭ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދުކުރޭވެނެކަމަށް ތަޖުރިބާކާރުން ބުނެއެވެ.

އެކްސިޑެންޓްތައް މަދުކުރުމަށް

  • ރައްކާތެރިކަމަށް ސަމާލުކަން ދީގެން މަގުތައް ތަރައްޤީކުރުމާއި،
  • ވެހިކަލްތަކުގެ ރައްކާތެރިކަން ސިޔާސަތުތަކުގެ ތެރެއިން ކަށަވަރުކުރުމާއި
  • އެކްސިޑެންޓްތަކުގައި އަނިޔާލިބޭ މީހުންނަށް އަވަހަށް ފަރުވާ ލިބޭނެ ނިޒާމެއް ޤާއިމްކުރުމާއި،
  • އެންމެ ބޮޑަށް ފާހަގަކުރެވޭ މައްސަލަތައް އަމާޒުކޮށް ޤާނޫނުތައް އިޞްލާޙްކޮށް ތަންފީޒުކުރުމާއި އަދި
  • މަގުމަތީގެ ރައްކާތެރިކަމަށް ޢާންމު ހޭލުންތެރިކަން އިތުރުކުރުން ހިމެނޭ

މިކަންކަމުގެ ތެރެއިން ބައެއް ކަންކަން ފުރިހަމަވެފައިވީނަމަވެސް، މުހިއްމު ބައެއް ކަންކަން އަދިވެސް ހުރީ ނުކުރެވިކަން މިކަމާއި ގުޅޭ ދިރާސާ ރިޕޯޓްތަކުގައި ފާހަގަކޮށްފައިވެއެވެ. އަދި މިކަންކަމަށް އެދެވޭ ބަދަލުތަކެއް ނުގެންނަނަމަ ރާއްޖޭގައި ހިނގާ އެކްސިޑެންޓްތަކާއި އެ އެކްސިޑެންޓްތަކުގައި މަރުވާ މީހުންނާއި އަނިޔާ ލިބޭ މީހުންގެ އަދަދުތައްވެސް ދަނީ އިތުރުވަމުންނެވެ. އެހެންކަމުން މިކަންކަމަށް ރިޔާޢަތްކޮށް މަސައްކަތްތަކެއް ފަށައި، އާއްމުންގެ ހޭލުންތެރިކަން އިތުރުކޮށްގެން ނޫނީ މަގުމައްޗަކީ އެންމެންނަށް ރައްކާތެރި ތަނަކަށް ހެެދޭކަށް ނޯންނާނެވެ.