މަސައްކަތްތައް ގިނަވެ، ކޮންޓްރެކްޓަރުންނަށް ނުކަތާވަރަށް މަސައްކަތްތައް ލިބިފައި އެބަހުރިކަމަށް މިނިސްޓަރ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ވޭމަންޑޫގެ ޒުވާނުންގެ މަރުކަޒުގެ މަސައްކަތް ނުފެށި ލަސްވެފައިވާ ސަބަބު ސާފުކުރެއްވުމަށް އެ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ޔޫތު މިނިސްޓަރ އަޙްމަދު މަޚްލޫފް ވިދާޅުވީ އެ މަސައްކަތް ޙަވާލުވި ކޮންޓްރެކްޓަރަށް މުއްދަތަށް އެކަން ނުވުމުން ކޮންޓްރެކްޓް ބާޠިލުކޮށް ކައުންސިލާ ޙަވާލުކުރެވިފައިވާކަމަށެވެ.
މިނިސްޓަރ ވިދާޅުވީ ކުޅިވަރުގެ ވަޞީލަތްތައް ތަރައްޤީކުރުމަށް މިވީ ހަތަރު އަހަރު ކުރަމުންދާ މަސައްކަތުގައިވެސް އަދި މިހާރުވެސް އޮތް ގޮންޖެހުމަކީ މިނިސްޓްރީ އާއި، ރަށްރަށުގެ ރައްޔިތުން އެދޭހާ ބާރު މިނުގައި ކޮންޓްރެކްޓަރުންނަށް މަސައްކަތްތައް ނުނިމި ލަސްވުންކަމަށެވެ. މިހެންވަނީ ކޮންޓްރެކްޓަރުންނަށް ވެސް މަސައްކަތް ގިނަވެ، ކުރަންޖެހޭ މަސައްކަތްތައް އިތުރުވުމުންކަމަށް މަޚްލޫފް ވިދާޅުވިއެވެ.
"މިނިސްޓްރީން ވަރަށް ބައިވަރު މަސައްކަތްތައް ކުރިއަށް އެބަ ގެންދަން. އަޅުގަނޑަށް ހީވަނީ މަސައްކަތްތައް ގިނަވެގެން ގޮސް މިހާރު މިއުޅެނީ ކޮންޓްރެކްޓަރުންނަށް ނުކަތާވަރަށް މީހުންނަށް މަސައްކަތް ލިބިގެން. އެހެން ވުމުން ކަނޑައެޅޭ މުއްދަތަށް ނުނިމި މިދަނީވެސް." މަޚްލޫފް ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ މިވީ ހަތަރު އަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުޅިވަރުގެ ވަޞީލަތްތައް ޤާއިމްކުރުމަށް ކުރި މަސައްކަތުން، ތާރީޚުގައިވެސް ކުރެވިފައިނުވާ މިންވަރަށް ކުޅިވަރުގެ ވަޞީލަތްތައް ޤާއިމްކުރެވިފައިވާ ކަމަށެވެ. މިނިސްޓްރީގެ އަމާޒަކީ ރަށްރަށުގައި ތަރައްޤީކުރެވޭ ވަޞީލަތްތައް ރައްޔިތުން އެދޭގޮތަށް ނިންމުން ކަމަށާއި، މިހާތަނަށްވެސް ގިނަ މަސައްކަތްތަކެއް އެގޮތުގައި ކުރެވެމުންދާ ކަމަށްވެސް ޔޫތު މިނިސްޓަރ އަޙްމަދު މަޚްލޫފް ވިދާޅުވިއެވެ.