ޚަބަރު

މަސައްކަތް ކުރަނީ ޤާނޫނާ އެއްގޮތަށް، ފެއިލެވްފައިވާކަމަށް ގަބޫލެއްނުކުރަން: މާރިޔާ


ޑިފެންސް މިނިސްޓަރުގެ މަޤާމާއި ހަވާލުވެ ޒިންމާތައް އަދާކުރައްވަނީ ޤާނޫނާއި އެއްގޮތަށް ކަމަށާއި، މިހާތަނަށް ކުރެއްވި މަސައްކަތުން ފެއިލެވްފައިވާކަމަށް ގަބޫލުފުޅު ނުކުރައްވާކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ޢަމާޒުކޮށް ދިން ބޮމުގެ ހަމަލާއާއި ގުޅޭގޮތުންނާއި، ރާއްޖޭގައި ބިދޭސީ ސިފައިން ބޭތިއްބުމާއިމެދު ވަޒީރު ދެކެވަޑައިގަންނަވާ ގޮތެއް ހާމަކުރެއްވުމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ޑިފެންސް މިނިސްޓަރ މާރިޔާ ވިދާޅުވީ ޤާނޫނު އަސާސީއާއި ޤާނޫނުތަކާއި ޚިލާފަށް އެއްވެސް ކަމެއް ކުރައްވާފައި ނުވާނެކަމަށެވެ.

މިނިސްޓަރ މާރިޔާވަނީ ޝިޔާމްގެ ސުވާލާއި ގުޅިގެން ދިފާއީ ވަޒީރުގެ މަސްއޫލިއްޔަތާއި ޒިންމާތައް ޤާނޫނުގައި އޮންނަގޮތް ސާފުކޮށްދެއްވާފައެވެ. މިނިސްޓަރުގެ ޒިންމާތަކުގެ ތެރޭގައި ހިމެނޭ ކަންކަން ކުރެއްވުމުގައި ޤާނޫނާއި ޚިލާފް އެއްވެސް ކަމެއް ކުރައްވާފައި ނުވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ފެއިލްވެފައިވާކަމަށްވެސް ގަބޫލުފުޅު ނުކުރައްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑު ޤާނޫނާއި ޚިލާފް އެއްވެސް ކަމެއް ކޮށްފައެއް ނުވާނެ. ސަރުކާރަށް އަދި ރައްޔިތުންނަށް ގެއްލުމެއް ލިބިދާނެފަދަ އެއްވެސް ކަމެއްވެސް ކޮށްފައި ނުވާނެ. އަޅުގަނޑު ވަރަށް ސާފުކޮށް މިދަންނަވަނީ ފެއިލްވެފައިވާކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން. ނަމަވެސް އެއްވެސް ވަޒީރަކު ކުރާކަމެއް ނުވަތަ ނުކޮށް ދޫކޮށްލާ ކަމަކުން މިމަޖިލީހުގެ އެއްވެސް މެމްބަރަކަށް، އެވަޒީރަކު ފެއިލްވީކަމަށް ގަބޫލު ކުރެވިއްޖެނަމަ އެވަޒީރަކާއި ދޭތެރޭ ފިޔަވަޅެއް އެޅުވުމަށް ޤާނޫނު އަސާސީގެ ޤާނޫނުތަކުން ފުރިހަމަ އިހުތިޔާރު ލިބިގެންވާކަމަށް ފުރިހަމައަށް އަޅުގަނޑު ގަބޫލުކުރަން." މިނިސްޓަރ ވިދާޅުވިއެވެ.

މެމްބަރުން ކުރެއްވި ސުވާލުތަކުގެ ތެރެއިން ރައީސްގެ މޮޓޯކޭޑަށް ހުރަސްއަޅައި ހިންގި ހާދިސާއާއި ގުޅޭގޮތުން ކުރެއްވި ސުވާލަށް މިނިސްޓަރ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ދަތުރުފުޅު ކުރެއްވި މޮޓޯކޭޑާއި ގުޅިގެން ހިނގައިދިޔަ ކަންކަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމެޓީން ބަލަމުން ދާކަމަށެވެ. އަދި ރައީސްގެ މޮޓޯކޭޑް ދަތުރުކުރައްވާ ރޫޓު ކަނޑައެޅުމަކީ މިނިސްޓަރުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ނޫންކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.