ވިޔަފާރި

3 މިލިއަނަށްވުރެ ގިނަ މީހުންނަށް ރާއްޖެ އިޝްތިހާރުކުރުމަށް ޑިޖިޓަލް ކެންޕެއިނެއް


އިންޑިއާގެ ފަތުރުވެރިކަމުގެ މާކެޓަށް އަމާޒުކޮށްގެން އެމްއެމްޕީއާރުސީން ޑިޖިޓަލް މާކެޓިން ކެންޕެއިނެއް ފަށައިފިއެވެ. މިކެންޕެއިން ކުރިއަށްގެންދަނީ ތްރިލޯފިލިއާ އާއި ގުޅިގެންނެވެ.

އެމްއެމްޕީއާރުސީން ބުނީ މިމަހުން ފެށިގެން މޭމަހުގެ ނިޔަލަށް މި ކެންޕެއިން ކުރިއަށްދާނެކަމަށެވެ. މި ކެންޕެއިންގެ އަމާޒަކީ އިންޑިއާ ފަތުރުވެރިން އެންމެ އިސްކަމެއްދޭ މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމެހެއްޓުމެވެ. އަދި އަގުހެޔޮ ޗުއްޓީ ޕެކޭޖްތަކަށް އަލިއަޅުވާލާ، ރާއްޖެއިން ލިބެންހުރި ތަފާތު ޕްރޮޑަކްޓްތަކާއި ތަޖުރިބާތައް އިޝްތިހާރުކޮށް، އިންޑިއާ އާއި ކައިރި ފަސޭހައިން ދަތުރުކުރެވޭ މަންޒިލެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓް ކުރުމެވެ.

މި ކެމްޕެއިންގައި ދިވެހިރާއްޖެއާ ބެހޭ މައުލޫމާތު އެކުލެވޭ ލިޔުންތަކާއި ވީޑިއޯ އިޝްތިހާރުތަކާއި ގައިޑްބުކްތަކާއި އެހެނިހެން ލިޔުންތައް ޝާއިއުކުރާނެއެވެ. މި ލިޔުންތަކުގައި ދިވެހިރާއްޖޭގެ ޕްރޮޑަކްޓްތަކާއި ތަޖުރިބާތަކާއި ސެގްމަންޓްތަކާއި ދިވެހިރާއްޖެއާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިމެނޭނެއެވެ.

މީގެއިތުރުން ސޯޝަލް މީޑިއާ ޕްރޮމޯޝަންތައް ކުރިއަށްގެންދާނެއެވެ. އެމްއެމްޕީއާރުސީން ބުނީ މި ކެންޕެއިންގެ ޒަރިއްޔާއިން 3 މިލިއަނަށްވުރެ ގިނަ މީހުންނަށް ރާއްޖެއާއި ބެހޭ މައުލޫމާތު ފޯރާނެކަމަށެވެ. އަދި ކެމްޕޭންގެ މުއްދަތުގައި 1000 ރޫމް ނައިޓް ވިއްކޭނެ ކަމަށް ވެސް އެމްއެމްޕީއާރުސީން އަންދާޒާކުރެއެވެ.

ތްރިލޯފިލިއާ އަކީ މަންޒިލްތަކާއި ދަތުރު ތަޖުރިބާތައް ހޯދައި ބުކިން ހެއްދުމަށް އިންޑިއާގައި ބޭނުންކުރާ އެންމެ ބޮޑު އެއް އޮންލައިން ޕްލެޓްފޯމެވެ. ތްރިލޯފިލިއާއިން 22000 ދަތުރު ބުކިން ހައްދައި އަހަރަކު 80 މިލިއަނަށް ވުރެ ގިނަ މީހުންނަށް ޚިދުމަތްދެއެވެ.

މިއަހަރުގެ މާރޗް މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް އިންޑިއާއިން 54,368 ފަތުރުވެރިން ވަނީ ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. އިންޑިއާއަކީ މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 2 ވަނައަށް އެންމެ ގިނަ ފަތުރުވެރިން އައި ޤައުމެވެ. އަދި މިދިޔަ އަހަރު އިންޑިއާ ވެފައިވަނީ ރާއްޖެއަށް 1 ވަނައަށް އެންމެ ގިނަ ފަތުރުވެރިން އައި ޤައުމުގެ ގޮތުގައެވެ.