ޚަބަރު

ބަދަވީންނަށް އަމާޒުކޮށް ޔަހޫދީން ދޭ ހަމަލާތައް ފުޅާކުރަނީ


  • []

އިސްތިޢުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގެ ދިރިއުޅޭ ބަދަވީންނަށް އަމާޒުކޮށް ޔަހޫދީންގެ ހަމަލާތައް ފުޅާކޮށްފިއެވެ. މިއީ ބަދަވީން އާބާދީ ދިރިއުޅޭ ބިންތައް ފޭރިގަތުމުގެ ނުބައި ރޭވުމުގައި ޔަހޫދީން ހިންގާ ޖަރީމާއެކެވެ.

ހުޅަނގު އައްސޭރީގެ ރާމަﷲގެ އިރުމަތީގައިވާ ދިރިއުޅޭ ބަދަވީންތަކެށް އެމީހުންގެ ވަޒަނުން މަޖުބޫރުން ނެރެލުމުގެ ރޭވުމުގައި ޔަހޫދީ ހައްދުފަހަނައެޅި ވަޒަންވެރިން ދޭ ހަމަލާތައް ވަރުގަދަކޮށްފައިވާކަމަށް ޙައްޤުތަކަށް މަސައްކަތްކުރާ ޖަމާޢަތަކުން ވަނީ ބުނެފައެވެ.

ބަދަވީންގެ ޙައްޤުތައް ދިފާޢުކުރުމަށް މަސައްކަތްކުރާ އަލް-ބައިދާރު ޖަމިއްޔާއިން ބުނެފައިވަނީ، ޔަހޫދީ އަސްކަރިއްޔާގެ ޙިމާޔަތުގައި ތިބެ ހައްދުފަހަނައެޅި ޔަހޫދީ ވަޒަންވެރިން ދަނީ ތަކުރާރުކޮށް ހުޅަނގު އައްސޭރީގެ އަވަށްތަކަށް އަރައިގަނެ އެތާ ދިރިއުޅޭ ބަދަވީންނަށް ދުއްތުރާކޮށް އަނިޔާކުރަމުންނެވެ.

"ތަކުރާރުކޮށް ދެމުންދާ މި ހަމަލާތަކަކީ ބަދަވީންގެ އާބާދީތައް މަޖުބޫރުން ނެރެލުމުގެ މަޤްޞަދުގައި ޔަހޫދީން ގެންގުޅޭ ސިޔާސަތުގެ ބައެއް،" އަލް-ބައިދާރު ޖަމްޢިއްޔާއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ފަލަސްޠީނުގެ ކޮލޮނައިޒޭޝަން އެންޑް ވޯލް ރެސިސްޓެންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، 2026 ވަނަ އަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި ޔަހޫދީން ވަނީ ހުޅަނގު އައްސޭރީގެ ފަލަސްޠީނުގެ ރައްޔިތުންނަށް އަމާޒުކޮށް 3,488 ފަހަރު ހަމަލާދީފައެވެ.

އެ ކޮމިޝަނުން ބުނި ގޮތުގައި، މި ހަމަލާތަކުގައި ފަލަސްޠީނުގެ 17 މީހުން ޝަހީދުވެފައިވެއެވެ. އަދި ޔަހޫދީންގެ އައު 42 ޣައިރުޤާނޫނީ ކޭމްޕު ޤާއިމުކޮށްފައިވާކަމަށްވެސް އެ ކޮމިޝަނުން ރިޕޯޓުކޮށްފައިވާއިރު، އޭގެ ތެރެއިން ގިނައީ ދަނޑުވެރިކަމަށް ޚާއްޞަ ތަންތަނެވެ.

2023ވަނަ އަހަރުގެ އޮކްޓޯބަރ މަހު ޣައްޒާއާ ދެކޮޅަށް ޔަހޫދީން ފެށި ގަތުލުޢާންމު ފެށީއްސުރެ، ޔަހޫދީ ބާރުތަކުންނާއި ޣައިރުޤާނޫނީ ވަޒަންވެރިން ދަނީ އިސްތިޢުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގައި ދޭ ހަމަލާތައް ވަރުގަދަކުރަމުންނެވެ.

ފަލަސްޠީނުގެ ރަސްމީ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ޔަހޫދީންގެ ހަމަލާތަކުގައި ފަލަސްޠީނުގެ 1,182 އަށްވުރެ ގިނަ މީހުން ޝަހީދުވެ، 13,000 އާ ގާތްކުރާ އަދަދަކަށް މީހުން ޒަޚަމްވެފައިވެއެވެ. އަދި 25000 މީހުން ވަނީ ހައްޔަރުކޮއްފައެވެ. މީގެ އިތުރުން އެތައް ބައެއްގެ ގެދޮރަށާއި މިލްކިއްޔާތުތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ.