ޚަބަރު

ރާއްޖޭގެ ފުރަތަމަ ޕޯޓް ސިޓީ އިހަވަންދިއްޕޮޅުގައި ތަރައްޤީކުރަނީ


ރާއްޖޭގެ އެންމެ އުތުރުން އިހަވަންދިއްޕޮޅުގައި ޕޯޓް ސިޓީއެއް ތަރައްޤީކުރަން ސަރުކާރުން ނިންމާފައިވާކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޟް އިސްމާއިލް ވިދާޅުވެއްޖެއެެވެ.

އިހަވަންދިއްޕޮޅުގައި ތަރައްޤީކުރަން ހަމަޖެހިފައިވާ މިތަނަކީ އްޖޭގައި ތަރައްޤީކުރެވޭ އެންމެ ފުރަތަމަ ޕޯޓް ސިޓީއެވެ.

ހޯމަދުވަހު ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށި ދާއިރާގެ މެމްބަރު އަޙްމަދު ސަލީމް އިހަވަންދިއްޕޮޅު ސަރަހައްދުން ދަތުރުކުރާ އާގުބޯޓުތަކަށް ޚިދުމަތްދޭން ފެށެމުގެ މަސައްކަތްތަކާއި ބެހޭގޮތުން ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޟް ވިދާޅުވީ ސަރުކާރުގެ މިހާރުގެ އެންމެ ބޮޑު އަމާޒަކީ އިހަވަންދިއްޕޮޅުގައި ޕޯޓް ސިޓީއެއް ތަރައްޤީކުރުންކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ޕޯޓް ސިޓީީގެ ފުރަތަމަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ފެށުމަށް މިހާރު ތައްޔާރުވެފައިވާކަމަށެވެ. އަދި އެ މަސައްކަތް ނިންމާ، ވަރަށް އަވަހަށް ޕޯޓް ސިޓީގެ ޚިދުމަތްދޭން ފެށޭނެކަމަށްވެސް މިނިސްޓަރ ފައްޔާޟް ވިދާޅުވިއެވެ.

އިހަވަންދިއްޕޮޅުގައި ޕޯޓް ސިޓީއެއް ތަރައްޤީކުރެވުމުން އެސަރަހައްދުގައި ތަރައްޤީކުރަން ނިންމާފައިވާ ޓްރާންސްޝިޕްމަންޓް ބަނދަރުން ދޭން ހަމަޖެހިފައިވާ ޚިދުމަތްތައް ލިބޭނެއެވެ. އޭގެތޭރޭގައި ކްރޫ ޗޭންޖުގެ ޚިދުމަތާއި، ބަންކަރިން ޚިދުމަތްތަކުގެ އިތުރުން ސަޕްލައިގެ ޚިދުމަތްތައް ހިމެނެއެވެ.

އިހަވަންދިއްޕޮޅުގައި ބައިނަލްއަޤުވާމީ ޓްރާންސްޝިޕްމަންޓް ބަނދަރެއް ތަރައްޤީކުރެވެންދެން، އެސަރަހައްދުން ދަތުރުކުރާ ޢާގުބޯޓުތަކަށް ޚިދުމަތް ދިނުމަށް އިކޮނޮމިކް މިނިސްޓްރީން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިހާރު އަމަލުކުރާ ޤަވާއިދުތައް އިސްލާހުކުރަންޖެހޭކަމަށް މިނިސްޓަރ ފައްޔާޟް ވިދާޅުވިއެވެ. އަދި މިމަސައްކަތުގެ ބޮޑުބައި މިޙާރު ނިމިފައިވާކަމަށްވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން އެސް.ޓީ.އޯއިން ބަންކަރިން ޚިދުމަތް ފެށުމަށް ބައިނަލްއަޤްވާމީ ތެޔޮ ކުންފުނިތަކާއި މަޝްވަރާކޮށް، އެ ޚިދުމަތް ފެށުމަށް ބޭނުންވާ އިންވެސްޓްމަންޓްތައް ހޯދުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އިހަވަންދިއްޕޮޅުގައި ބައިނަލްއަޤުވާމީ ޓްރާންސްޝިޕްމަންޓް މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގައި 900 މީޓަރުގެ މަގަތުފާލަމެއް ޤާއިމްކުރުމަށް ވަނީ ރާވާފައެވެ. އަދި އަހަރަކު 1.8 މިލިއަން ކޮންޓެއިނަރު ހެންޑްލް ކުރުމުގެ ކެޕޭސިޓީ ޤާއިމްކުރުމަށް އަމާޒު ހިފާފައިވާކަމަށާއި، މި މަޝްރޫޢުއަށް 466 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ބޭނުންވާނެކަމަށް އަންދާޒާ ކުރެވެއެވެ.