ޚަބަރު

ތެޔޮ ހޯދުމަށް ކުރެވޭ މަސައްކަތަށް އެދެވޭ ކުރިއެރުންތަކެއް


ރާއްޖެއިން ތެޔޮ ހޯއްދެވުމަށް ކުރައްވާ މަސައްކަތަށް ވަރަށް ރަނގަޅު އެދެވޭ ކުރިއެރުންތަކެއް ލިބެމުން އަންނަކަމަށް އިކޮނޮމިކް ކައުންސިލްގައި ހިމެނިވަޑައިގަންނަވާ، ފިޝަރީޒް މިނިސްޓަރ ޑރ. މުޙައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ވިދާޅުވީ މިމަސައްކަތް ނުހުއްޓޭކަމަށާއި، ރާއްޖެއިން ތެޔޮ ހޯދުމުގެ މަސައްކަތުގެ ދަށުން މިހާރު ކުރިޔަށްދަނީ މިމަސައްކަތް ކުރުމަށް ރާއްޖެއާއެކު ބައިވެރިވާ ކުންފުންޏާއެކު އެއްބަސްވުމަކާ ހަމައަށް އައުމަށް މިއީ އެންމެ އެކަށީގެންވާ ވަގުތުތޯ މަޝްވަރާކުރުމުގެ މަސައްކަތްކަމަށެވެ. މީގެއިތުރުން މި ވަގުތަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަރަށް ބޮޑަށް ދަށް ދުވަސްވަރަކަށްވެފައި މިދުވަސްވަރާ ދިމާކޮށް ލިބޭނެ އެންމެ ފުރިހަމަ މަންފާ ލިބޭނެތޯ މިމަޝްވަރާތައްވެސް ކުރިޔަށްދާކަމަށް ޝައިނީ ވިދާޅުވިއެވެ.

ރާއްޖެއިން ތެޔޮ ހޯދިދާނެކަން އެއްވެސް އޮޅުމެއް ނެތްމިންވަރަށް ރާއްޖެއާއެކު ތެޔޮ ހޯދުމުގެ މަސަތްކަތަށް ޝައުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކަށް ދެއްވާފައިވާ ކަމަށާއި، ރާއްޖެއިން ތެޔޮ ހޯދުމަށް ކުރާ މަސައްކަތުގައި ބައިވެރިވުމަށް ވަރަށް ގިނަ ފަރާތްތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިވާ ކަމަށްވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. ރާއްޖެއިން ތެޔޮ ހޯއްދެވުމަށް ކުރައްވާ މަސައްކަތުގެ ދަށުން އިނގިރޭސިވިލާތުގެ ކުންފުންޏެއްގެ އިތުރުން ނޯވޭގެ ކުންފުންޏަކުން ދިރާސާތަކެއް ކުރައްވާފައިވެއެވެ. އަދި އިނގިރޭސިވިލާތުގެ ކުންފުންޏަކުން ރާއްޖެއާއެކު މަސައްކަތްކޮށް ތެޔޮ ހޯދުމުގެ މަސައްކަތް ކުރިޔަށް ގެންދަވާނެގޮތުގެ ޕްލޭނާއެކު ޕްރޮޕޯޒަލްތައް ހުށަހަޅުއްވާފައިވެއެވެ.

ރާއްޖޭގައި ތެޔޮ ހުރިތޯ ބެލުމަށް ޖަރުމަނުގެ ސޮންނޭ ކުންފުނިންގ ކުރި ދިރާސާއިން ރާއްޖޭގެ ބައެއް ސަރަޙައްދުތަކުގެ ކަނޑުއަޑިން "ފުލުއިޑެއް ނުވަތަ ގޭސް" އަރާކަން އެނގިފައިވާކަން އެކުންފުނިންގ ހާމަކޮށްފައިވެއެވެ. ރާއްޖެއިން ތެޔޮހޯއްދެވުމަށް ކުރެވޭ މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމްގެ ރިޔާސީ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ މުހިއްމު ވަޢުދެކެވެ.