ޚަބަރު

4 ފުރޮޅުލީ އެއްގަމު އުޅަނދު އެތެރެކުރަން ހުއްދަ ނަގާކަށް ދެން ނުޖެހޭނެ


ރާއްޖޭގައި ބޭނުންކުރުމަށް އެތެރެކުރާ ހަތަރު ފުރޮޅުލީ އެއްގަމު އުޅަނދު އެތެރެކުރުމުގެ ކުރިން ހުއްދަ ހޯދުމަށް ލާޒިމްކޮށްފައި އޮތް އޮތުން އުވާލައިފިއެވެ.

އެއްގަމުގައި ދުއްވާ އިންޖީނު ލީ އުޅަނދު ރަޖިސްޓްރީކުރުމުގެ ޤަވާއިދުގެ ދަށުން 4 ފުރޮޅުލީ އުޅަނދު އެތެރެކުރާއިރު ހުއްދަ ނަގަން ލާޒިމްކޮށްފައިވަނީ 2009 ވަނަ އަހަރުން ފެށިގެންނެވެ. މި ހުއްދަ ހޯދުމަށްޓަކައި އެ އުޅަނދުގެ މަޢުލޫމާތު ހިމެނޭ ޑީ ރަޖިސްޓްރޭޝަން ފޯމު ނުވަތަ ރަޖިސްޓަރީ ނުކުރާ އުޅަނދެއްނަމަ އެ އުޅަނދު އުފެއްދި ކުންފުނިން ދޫކުރާ ލިޔުމެއް ހުށަހަޅަންޖެހެއެވެ. އަދި މި ލިޔުމަކީ އޮރިޖިނަލް ލިޔުމަކަށްވެސް ވާންޖެހެއެވެ. މި ލިޔުމުގައި ހުރުމަށް ލާޒިމްކުރާ ގިނަ މަޢުލޫމާތަކީ ބައެއް ގައުމުތަކުން ހޯދުމަށް ދަތިތަކެއް ދިމާވަމުން އަންނަ މަޢުލޫމާތުތަކެކެވެ. އަދި ހަމަ އެހެންމެ މި ލިޔުން ހޯދުމަށްޓަކައި ގަރާޖާބެހޭ މައުލޫމާތު ނުވަތަ ގަރާޖު ހުއްދަ ހުށަހަޅަންޖެހެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވީ 4 ފުރޮޅުލީ އުޅަނދުތައް އެތެރެކުރާއިރު ހުއްދަ ނަގަން ލާޒިމްކޮށްފައިވަނީ ރާއްޖޭގައި ރަޖިސްޓްރީ ކުރެވޭ އުޅަނދުގެ އުމުރުފުރާ ބަލައި އެކަން ޔަގީން ކުރުމަށެވެ. ނަމަވެސް، މިޤަވާއިދަށް އިސްލާހު ގެނެސް، 4 ފުރޮޅުލީ އުޅަނދު އެތެރެކުރާއިރު ހުއްދަ ނަގަންނުޖެހޭ ގޮތަށް ބަދަލުކުރުމުން އުޅަނދުގެ އުމުރުގެ ކަންކަން ބަލާނީ ލިޔުންތައް ރަޖިސްޓަރީ ކުރުމަށް ހުށަހެޅުމުންނެވެ. އަދި މިބަދަލާއިއެކު ކުރިން 2 ޕްރޮސެސްއެއްގެ ތެރެއިން ބަލަމުންދިޔަ ކަންކަން 1 ޕްރޮސެސްއަކުން ބަލައި ޔަގީން ކުރެވި، މަސައްކަތް އަވަސްވެގެންދާނެކަމަށްވެސް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެއެވެ.

މީގެއިތުރުން މިބަދަލާއެކު L10 ހުއްދަ ހޯދުމަކާ ނުލައި އުޅަނދު ފަހަރު ރަޖިސްޓްރީ ކުރުމަށް ހުށަހެޅޭނެއެވެ. އެގޮތުން، ހަތަރު ފުރޮޅުލީ އުޅަނދުފަހަރު ރަޖިސްޓްރީ ކުރުމަށްޓަކައި ފުރިހަމަކޮށްފައިވާ LR1 ގެ ފޯމާއެކު މުޅިން އައު އުޅަނދެއްނަމަ މެނިފެކްޗަރ ސެޓްފިކެޓް ނުވަތަ އުޅަނދު އުފެއްދި ފަރާތުން ދޫކުރާ ލިޔުން ނުވަތަ އިންވޮއިސް ނުވަތަ ޑީ ރަޖިސްޓްރޭޝަން ނުވަތަ އެކްސްޕޯޓް ސެޓްފިކެޓްގައި އެ އުޅަނދު އުފެއްދި ކުންފުނީގެ ނަން، މޮޑެލް ނަންބަރު، އިންޖީނު ނަންބަރު، ޗެސިސް ނަންބަރު އަދި އުޅަނދު އުފެއްދި އަހަރު ބަޔާންކޮށްފައި އޮތުމުން ފުދޭނެކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ.

ރާއްޖޭގައި ދުއްވާ 4 ފުރޮޅުލީ އުޅަނދުތައް އެތެރެކުރުމުގެ ކުރިން ނަގަންޖެހޭ ހުއްދަތައް ނެގުން ނިމުމަކަށް ގެނައުމުން ރައްޔިތުންނަށް އެކަމުގެ ސަބަބުން ފަސޭހަތަކެއް ލިބިގެންދާނެކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.