ޚަބަރު

އަކްޝޭ ދެން ފަށާނީ "ކޭލް ކޭލް މޭ"


ބޮލީވުޑް ތަރި އަކްޝޭ ކުމާރަކީ އަބަދުވެސް އެނާގެ ފިލްމުތައް ތާވަލުކޮށްފައިވާ ވަގުތަށް ނިންމާ ތަރިއެއްގެ ގޮތުގައި އޮންނަނީ ފާހަގަވެފައެވެ.

އަކްޝޭ މިހާރު މަސައްކަތް ކުރަމުންދާ ފިލްމު "ބަޅޭ މިޔާން ޗޯޓޭ މިޔާން" އަންނަ އޭޕްރީލް މަހުގެ ފުރަތަމަ ކޮޅު ނިންމާލާނެއެވެ. އޭގެ ފަހުން ދެން އޭނާ ފަށާނީ މުދައްސިރް އަޒީޒްގެ ކޮމެޑީ ފިލްމު "ކޭލް ކޭލް މޭ" ގެ މަސައްކަތެވެ.

ފިލްމު "ބަޅޭ މިޔާން ޗޯޓޭ މިޔާން" އަކކީ "ޓައިގާ ޒިންދާ ހޭ" އާއި "ބާރަތު" އަދި "ސުލްތާން" ފަދަ ފިލްމުތައް ގެނެސްދިން ޢަލީ އައްބާސް ޒަފަރު ޑައިރެކްޓްކުރާ އެއްޗެކެވެ.

"ބަޅޭ މިޔާން ޗޯޓޭ މިޔާން" އަކީ އަންނަ އަހަރުގެ ޑިސެމްބަރުގައި ރިލީޒްކުރަން ހަމަޖެހިފައިވާ ފިލްމެކެވެ. މި ފިލްމުގެ މުމްބާއީ ޝެޑިއުލް ނިންމާފައި ކާސްޓާއި ކްރޫ މިހާރު ތިބީ ސްކޮޓްލޭންޑްގައެވެ.

އަކްޝޭ ލީޑް ރޯލުން ފެންނަ މުދައްސިރުގެ "ކޭލް ކޭލް މޭ" ގެ ހުރިހާ މަންޒަރެއްވެސް ނަގާނީ އިނގިރޭސިވިލާތުގައެވެ.

މި ފިލްމަށްފަހު އަކްޝޭ ދެން މަސައްކަތް ފަށަން ހަމަޖެހިފައި ވަނީ ކާމިޔާބު ފިލްމުތަކެއް ގެނެސްދެމުން އަންނަ ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އިން އުފައްދާ އޭރިއަލް އެކްޝަން ފިލްމް "ސްކައި ފޯސް" ގެ މަސައްކަތެވެ.

މިއީ އަކްޝޭ ވައިގެ އަސްކަރީ އޮފިސަރެއްގެ ރޯލުން ފެންނަ ފިލްމެކެވެ. މީގެ މަސައްކަތް އަންނަ މެއި މަހު ފަށަން ވަނީ ތާވަލުކޮށްފައެވެ. "ސްކައި ފޯސް" ވާނީ މެޑޮކް އަށް އަކްޝޭ ކުޅޭ ފުރަތަމަ ފިލްމަށެވެ.

މި ފަހުން ރިލީޒްވި ހުރިހާ ފިލްމުތަކެއް ފްލޮޕްވި އަކްޝޭގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހުގެ 24 ގައި ރިލީޒްކުރި "ސެލްފީ" އެވެ. އަކްޝޭގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި އޯ މައި ގޯޑް (އޯއެމްޖީ) 2 "ކެޕްސޫލް ގިލް"، "ޗަތުރަޕަތީ ޝިވާޖީ މަހާރާޖް" އަދި "ހީރާ ޕޭރީ 4" ހިމެނެއެވެ.