ޚަބަރު

ކުރިޔަށްއޮތް ދުވަސްތަކުގައި ފަރުތައް ހުދުވުމުގެ ބިރު ބޮޑު


ކުރިއަށްއޮތް ދުވަސްތަކުގައި ރާއްޖޭގެ ކަނޑުތަކުގައި ގައު ހުދުވުމުގެ ހާދިސާތައް ހިނގާފާނެކަމަށް މޯލްޑިވްސް މެރިން ރިސާޗު އިންސްޓިޓިއުޓްއިން ލަފާކޮށްފިއެވެ.

ނޭޝަނަލް އެންވަޔަރަމެންޓަލް ސެޓްލައިޓް ޑޭޓާ އެންޑް އިންފޮރމޭޝަން ސަރވިސްއިން ދައްކާގޮތުގައި މިވަގުތު ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގެ ކަނޑުތައްވެސް އޮތީ ގާ ހުދުވުމުގެ ގިންތި ބައިނަލްއަޤުވާމީގޮތުން ގިންތިކުރާ މިންގަނޑުގެ "ނޯ ސްޓްރެސް" ލެވެލްގައިކަމަށެވެ. އަދި ކުރިއަށްއޮތް 1 ހަފްތާއާއި 8 ހަފްތާއާދެމެދު މި ލެވެލް "ވޮޗް ލެވެލްއަށް" އަރާނެކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ކުރިއަށްއޮތް 9 ހަފްތާއާއި 12 ހަފްތާގެ ދެމެދު މި ގިންތި އެލާޓް ލެވެލް 1 އަށް އަރާނެކަމަށްވެސް ވަނީ އަންދާޒާކޮށްފައެވެ.

މި އަހަރު ގާ ހުދުވެފައިވާ ތަންތަން މިހާރުވެސް ފެންނަން ފަށާފައިވާ ކަމުގެ ރިޕޯޓްތައް ލިބެމުންދާކަމަށް މޯލްޑިވްސް މެރިން ރިސާޗު އިންސްޓިޓިއުޓްއިން ވިދާޅުވެއެވެ. އެމްއެމްއާރްއައިން ވަނީ ގާ ހުދުވާކަން ފާހަގަވެއްޖެނަމަ، އެކަމަށް ހާއްސަކޮށްގެން އެ އިދާރާއިން ހަދާފައިވާ ގޫގުލް ފޯމާއި ވެބްސައިޓް މެދުވެރިކޮށް ރިޕޯޓްކުރުމަށް އެދިފައެވެ.

ގާ ހުދުވުމަށް މެދުވެރިވާ އެންމެ ބޮޑު ސަބަބަކީ މޫސުމަށް އަންނަ ބަދަލުތަކާއެކު، އާދަޔާ ހިލާފަށް ދުނިޔެ ހޫނުވުމެވެ. އެއިދާރާއިން ވިދާޅުވީ ކަނޑުފަޅުތަކާއި ފަރުތަކަކީ ސީދާ ގޮތުން ރާއްޖޭގެ އިޤްތިޞާދާއި ގުޅިފައިވާކަމަކަށްވާތީ ފަރުތަކުގެ ގާތައް ހުދުވުމުގެ ނޭދެވޭ އަސަރު ރައްޔިތުންނަށް ކުރާނެކަމަށެވެ. އެހެންކަމުން މިކަމުން އަރައިގަތުމަށް ފަރުތައް ހުދުވަމުންދާ ސަރަޙައްދުތައް ދެނެގަނެވި އިންސާނުންގެ ފަރާތުން ފަރުތަކަށް ކުރާ ނޭދެވޭ އަސަރު ހުއްޓުވިގެން ނޫނީ ފަރުތައް ހުދުވަމުންދިޔުމުގެ ސަބަބުން ލިބޭ ގެއްލުން އިޔާދަވުން ވަރަށް ބޮޑަށް ލަސްވެގެންދާނެކަމަށް މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓުން ވިދާޅުވެއެވެ.

މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓުން ވިދާޅުވީ މިދުވަސްވަރު ކަނޑުތަކުގެ ހޫނުމިން މަތިވުމުގެ ސަބަބުން 1998 ވަނަ އަހަރަށްފަހު މިފަދަ ކަންކަން ހިނގުން އަވަސްކަން ފާހަގަކުރެވިފައިވާކަމަށެވެ. އެ އަހަރުގެ ފަހުން ހިނގި އެންމެ ބޮޑު ހާދިސާއަކީ 2016 ގައި ކުރިމަތިވި ގާ ހުދުވުމެވެ.

ގާ ހުދުވުމުގެ ހާދިސާއެއް އެންމެ ރަނގަޅަށް ދިރާސާކުރެވުނީ އެ ފަހަރެވެ. އެ ދިރާސާއަށް ފަހު އެމްއެމްއާރްއައިން ނެރުނު ރިޕޯޓުގައިވާ ގޮތުން، 2016ގައި %73 މުރަކަ ހުދުވިއެވެ.