ޚަބަރު

ކޯލިޝަން މަޝްވަރާއަށް އެމްޑީޕީން، އެމްޑީއޭއާ ބައްދަލުކޮށްފި


ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ކޯލިޝަނާއެކު ވާދަކުރުމަށް އެމްޑީޕީން ކުރަމުންދަ މަސައްކަތުގައި އެޕާޓީން މިއަދު މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ލީޑަރޝިޕާއި ބައްދަލުކޮށްފިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ކެނޑިޑޭޓަކު ނުނެރުމަށް ނިންމައި، އެމްޑީއޭއިން ވަނީ ކޯލިޝަނެއްގެ ތެރެއިން އިންތިޚާބުގައި މަސައްކަތް ކުރުމަށް ނިންމާފައެވެ. މިއާއިއެކު އެޕާޓީން ވަނީ ކޯލިޝަން ހެދުމަށް ޝައުގުވެރިކަން ފާޅު ކުރެއްވި ޕާޓީތަކާއިއެކު މަޝްވަރާތައް ކުރިއަށް ގެންދިއުމަށްވެސް ނިންމާފައެވެ.

އެމްޑީއޭގެ ކައުންސިލްގެ އެ ނިންމުމާއި އެއްގޮތަށް އެޕާޓީގެ ލީޑަރޝިޕުން މިއަދު ވަނީ އެމްޑީޕީގެ ލީޑަރޝިޕާއި ބައްދަލުކޮށްފައެވެ. މިބައްދަލުވުމުގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޟް އިސްމާޢީލާއި، ޕާލިމަންޓްރީ ގްރޫޕްގެ ޑެޕިއުޓީ ޕީޖީ ލީޑަރު މުހައްމަދު ރަޝީދު ހުސެއިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިބައްދަލުވުމަށްފަހު މީޑިއާއާއި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޟް އިސްމާޢީލް ވިދާޅުވީ އެމްޑީއޭއަކީ މިހާރު ޤައުމުގައި އޮތް ހަމަޖެހުމުގެ ތެރެއިން ރާއްޖޭގެ ކުރިމަގަށް މުހިންމު މަސައްކަތްތަކެއް ކުރެވޭނެ ޕާޓީއެއްކަމަށެވެ. އެމްޑީޕީން މަސައްކަތް ކުރަމުންދަނީ ގިނަ ބަޔަކާއިއެކު އެއްބައިވެ އެއްބުރުން އިންތިޚާބު ކާމިޔާބު ކުރުމަށްކަމަށްވެސް ފައްޔާޟް ވިދާޅުވިއެވެ.

އެމްޑީއޭއިން ވަނީ ކޯލިޝަން ހެދުމަށް އެޕާޓީއަށް ލިބިފައިވާ ދައުވަތުގެ ތެރެއިން ޕީޕީއެމް، ޕީއެންސީއާއިވެސް މިއަދު ހަވީރު ބައްދަލު ކުރުމަށް ނިންމާފައެވެ. މިބައްދަލުވުމަށްފަހު އެޕާޓީން ކޯލިޝަން ހެދުމާއިމެދު މާދަމާ ބާއްވާ ކައުންސިލް ބައްދަލުވުމުގައި ގޮތެއް ނިންމުމަށް ވަނީ ހަމަޖެހިފައެވެ.

ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރެއްވުމަށް ސިޔާމް ނިންމެވިއިރު، ދާދިފަހުން ސިޔާމް ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ބައްދަލުކުރައްވާފައެވެ. ނަމަވެސް އެ ބައްދަލުވުމުގެ ތަފްސީލެއް ހާމަކުރައްވާފައެއް ނުވެއެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށްފަހު އެޕާޓީން ވަނީ، ކޯލިޝަން ހެދުމުގެ ބާރު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ދެއްވާފައެވެ. އަދި ރައީސް ވަނީ ކޯލިޝަން ހެދުމުގެ ދަޢުވަތު ބައެއް ސިޔާސީ ޕާޓީތަކަށް ދެއްވާފައެވެ.

އެމްޑީއޭއަކީ މީދޫ ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް އިސްވެ ހުންނަވާ 2012 ވަނަ އަހަރު އުފައްދާފައިވާ ޕާޓީއެކެވެ.