ޚަބަރު

އެމްޑަބްލިއުއެސްސީގެ މިސްރާބުވެސް އިޔާދަކުރަނިވި ހަކަތައާ ދިމާލަށް


އެމްޑަބްލިއުއެސްސީގެ އެންމެ ބޮޑު އަމާޒެއް މިހާރު ހުރީ ސިންގަލް ޔޫސް ޕްލާޓިކާ ދުރުވެ ތިމާވެއްޓާ ރައްޓެހި ގޮތަކަށް ފެން އުފެއްދުމަށް ކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހް ވިދާޅުވެއްޖެއެވެ. ޝާހް މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްއިން ގެނެސްދޭ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ޙަސަން ޝާޙް ވިދާޅުވީ ސިންގަލް ޔޫސް ޕްލާޓިކާ ދުރުވެ ތިމާވެއްޓާ ރައްޓެހި ގޮތަކަށް ފެނުގެ ޚިދުމަތް ފޯރުކޮށްދިނުމަށް މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރަމުންއަންކަމަށެވެ. އެގޮތުން ޖަޕާންގެ ހިޓާޗީ ޒޯސެން ކުންފުންޏާ ރިނިއުބަލް އެނަރޖީ މޯލްޑިވްސްއާ އެމްޑަލިއުއެސްސީ ގުޅިގެން 500 ކިލޯވޮޓްގެ ކަރަންޓް އުފެއްދޭ ވަރުގެ ސޯލާ ސިސްޓަމެއް ހަރުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް ޝާހް ވިދާޅުވިއެވެ. އެ ސޯލާ ސިސްޓަމަކީ 1450 ކިލޯވޮޓްގެ ބެޓެރި ސިސްޓަމަކާއެކު ޤާއިމް ކުރާ އިޔާދަ ކުރުވަނިވި ހަކަތައިގެ ސިސްޓަމެކެވެ.

ޝާޙް ވިދާޅުވީ ފެން އުފެއްދުމަށް އަހަރެއްގެ މައްޗަށް މިހާރު 400 މިލިއަން ރުފިޔާގެ ޑީސަލް ބޭނުން ކުރާކަމަށެވެ. އަދި ޑީސަލް އެންދުން ހުއްޓާލައި އިޔާދަ ކުރަނިވި ހަކަތައިން ފެން އުފައްދަން ފެށުމުން ކުންފުނީގެ މާލީ ހާލަތު ބޮޑުތަނުން ރަނގަޅުވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"މިހާރު ޑީސަލް ލިޓަރެއް މިހުރީ 20 ރުފިޔާއަށް ވުރެ މަތީގައި އެހެން ކަމުން މިހާރު އަހަރަކު 400 މިލިއަން ރުފިޔާ އެބަ ޚަރަދުވޭ ހަމައެކަނި ޑީސަލްއަށް އަދި އިޔާދަ ކުރަނިވި ހަކަތައިން ފެން އުފައްދަން ފެށުމުން ޑީސަލް ގަތުމަށް ކުރާ ހޭދައިން މި މަޝްރޫޢުގެ އަގަށް ނުވައެއް ނުވަތަ ދިހަވަރަކަށް އަހަރުތެރޭގައި ފައިސާ ދައްކާލެވޭނެ". ހަސަން ޝާޙް ވިދާޅުވިއެވެ.

ޝާޙް އިތުރަށް ވިދާޅުވީ، ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް އަމަލު ކުރުމުގެ ގޮތުން 300 އެމްއެލް ޕްްލާސްޓިކް ފުޅީގައި ފެން ބަންދު ކުރުން މިހާރު ހުއްޓާލާފައިވާކަމަށެވެ. އަދި މިއަހަރު ނިމޭއިރު ޕްލާސްޓިކް ފުޅީގައި މިހާރު ބަންދުކޮށް ވިއްކަމުން ގެންދާ 500 އެމްއެލްގެ ފުޅީގައި ފެންބަންދުކުރުން ހުއްޓާލާނެކަމަށެވެ. ނަމަވެސް މިކަން ކުރާނީ ރައްޔިތުންނަށާއި ވިޔަފާރިތަކަށާއި ކުންފުންޏަށް ގެއްލުން ނުވާނެ ގޮތަކަށް ބަލައިގެން ކަމަށް ޝާޙް ވިދާޅުވިއެވެ.

"މިކަމަށް އެބަ ތައްޔާރީތަކެއްވެސް ވަން. އެގޮތުން ފެން ބަންދުކުރުން ހުއްޓާލުމުން ކުންފުންޏަށް ގެއްލުންތަކެއްވެސް ވާނެ. އެހެން ނަމަވެސް އެކަން ހުއްޓާލުމުގެ ކުރިން ބާޒާރަށް 2 ލީޓަރު ނުވަތަ 2500 ލީޓަރުގެ ފެންފުޅި ނެރުމަށް މިހާރު މިދަނީ މަޝްވަރާތައް ކުރަމުން" ހަސަން ޝާޙް ވިދާޅުވިއެވެ.

އެމްޑަބްލިއުއެސްސީން 1500 އެމްއެލް އާއި 5 ލިޓަރުގެ ފެންފުޅި އުފައްދަނީ ހުޅުމާލޭގައި ހުންނަ ފެން ބަންދުކުރާ ކާރުޚާނާގައެވެ. އިޔާދަ ކުރުވަނިވި ހަކަތައިން ފެން އުފައްދާ ކާރުޚާނާ ޤާއިމް ކުރުމަށް ހަމަޖެހިފައިވަނީ ގުޅީފަޅުގައެވެ. މިތަން ނިމުމުން މާލެއާއި ހުޅުމާލޭގައި ފެންބަންދުކުރުން ހުއްޓާލާ ގުޅީފަޅަށް ބަދަލު ކުރެވިގެންދާނެއެވެ. މިމަޝްރޫއުގެ އަގު 23 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް އެކުންފުނިން އަންދާޒާކުރެއެވެ. އެމްޑަބްލިއުއެސްސީން އަންނީ މިހާރުވެސް ބިއްލޫރި ފުޅީގައި ފެން ބަންދުކޮށް ވިއްކަމުންނެވެ. މިއީ ރާއްޖޭގެ ތިމާވެއްޓާއި ރައްޓެހި ގޮތަކަށް އެކުންފުނިން ބިއްލޫރި ފުޅީގައި ފެން ބަންދުކުރަން ފެށި ފުރަތަމަ ފަހަރެވެ.

އެމްޑަބްލިއުއެސްސީން އަންނަނީ ރާއްޖެގެ އެކި ރަށްރަށުގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތްތައްވެސް ކުރަމުންނެވެ. އެގޮތުން މިހާރުވެސް ތިރީހަށް ވުރެ ގިނަ ރަށުގައި ފެނާއި ނަރުދަމާ ޤާއިމް ކުރުމުގެ މަސައްކަތް އެކުންފުނިން އަންނަނީ ކުރަމުންނެވެ.