ރާއްޖެއަކީ ޑިޖިޓަލް ވަޞީލަތްތައް މެދުވެރިކޮށް މަސައްކަތްކުރާ ފަރާތްތަކުގެ ޖަގަހައަކަށް ވަމުންއަންނަކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވީ ވޯލްޑް ގަވަރމަންޓް ސަމިޓް 2023 ގައި ކުރިޔަށްދިޔަ "ފިއުޗަރ އޮފް ވޯރކް" ފޯރަމްގައި ތަޤްރީރުކުރައްވަމުންނެވެ.
ވޯލްޑް ގަވަރމަންޓް ސަމިޓް 2023 ކުރިޔަށްދަނީ މި ފެބްރުއަރީ މަހުގެ 13 އިން 15 އަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ.)ގެ ދުބާއީގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ރަނގަޅު މުސްތަޤްބަލެއް ހޯދުމަށްޓަކައި ގުޅިގެން މަސައްކަތްކޮށް، އަވަސް ޙައްލުތަކެއް ހޯދަންޖެހޭ މައްސަލަތަކެއް، އަދުގެ ދުނިޔެއަށް ކުރިމަތިވެފައިވާކަން ފާހަގަކުރެއްވިއެވެ. އެގޮތުން އިޤްތިޞާދަށް އަންނަ ލޮޅުންތަކާއި، ޑިމޮގްރަފިކް ނުރަނގަޅު ޓްރެންޑްތަކާއި، މޫސުމަށް އަންނަ ބަދަލުތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ހިންގުމުގެ ނިޒާމު ހަރުދަނާކުރުމަކީވެސް ތަރައްޤީވެފައިވާ ޤައުމުތަކާއި ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ވެސް ކުރިމަތިވާ އެންމެބޮޑު އެއް ގޮންޖެހުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ނައިބު ރައީސް ވިދާޅުވީ، މި ސަރުކާރު ކުރިޔަށްދަނީ، ޑިމޮކްރެޓިކް އުސޫލުތަކާ އެއްގޮތަށް ކަންކަން ހިންގުމާއި މުއައްސަސާތައް އިޞްލާޙުކުރުމާއި، ޕަބްލިކް ސެކްޓަރ ޒަމާނީކޮށް ތަރައްޤީކުރުމަކީ ޤައުމުގެ ކުރިއެރުމާ ތަރައްޤީގެ މައިގަނޑު އަސާސްތައް ކަމުގައި ދެކިގެންކަމަށެވެ. އަދި މިކަން ހާޞިލުކުރުމަށްޓަކައި އިޖުތިމާޢީ އަދި އިންސާނީ ވަޞީލަތް ތަރައްޤީ ކުރުމާއި ދެމެހެއްޓެނިވި ތަރައްގީ ހޯދުމާއި އިޖުތިމާޢީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި ޒަމާނީ ދަތުރުފަތުރުގެ ނިޒާމެއް ޤާއިމުކުރުމާއި ސަރަޙައްދީ ގުޅުންތައް ރަނގަޅު ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަންތައްތައްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިއަހަރުގެ ވޯލްޑް ގަވަރމަންޓް ސަމިޓުގެ ޝިއާރަކީ "ޝޭޕިންގ ފިއުޗަރ ގަވަރމެންޓްސް" އެވެ. މި ސަމިޓް މި ބޭއްވެނީ ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން މުޅި ދުނިޔެއަށް އައި ބޮޑެތި ބަދަލުތަކަށްފަހުގައި ކަމުގައިވާތީ މިއީ މިފަދަ ސަމިޓަކަށް ވަރަށް މުނާޞަބު ވަގުތެއްކަންވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
އަދި ކޮވިޑުގެ ބަލިމަޑުކަމުގެ ސަބަބުން ކުރިމަތިވި ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި، ސަރުކާރުތަކުން ކަންކަން ހިންގަމުންއައި ގޮތްތައް އަލުން ތަރުތީބުކޮށް، ޚިދުމަތައް ހަލުވިކޮށް ދިނުމަށްޓަކައި އުފެއްދުންތެރި ސިޔާސަތުތައް އެކުލަވާލައި ޓެކްނޮލޮޖީތައް ތައާރަފްކުރަން ސަރުކާރުތަކަށް މަޖުބޫރުވެގެންދިޔަކަން އެމަނިކުފާނު ވިދާޅުވިއެވެ.
މި ބަލިމަޑުކަމުގެ ސަބަބުން މުޅި ޞިއްޙީ ނިޒާމަށް އައި އިންޤިލާބީ ބަދަލާ އަދި ވަރޗުއަލް ޚިދުމަތްތަކުގެ މުހިންމުކަން ވެސް ހާމަވެގެން ގޮސްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން ގޭގައި ތިބެގެން މަސައްކަތްކުރެވޭ އުސޫލުތަކަށް މީހުން ފަރިތަވެ އެގޮތަށް މަސައްކަތްކުރުން އާންމުވެގެން ދިޔަކަންވެސް ނާއިބު ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން އުމްރާނީގޮތުންނާއި ޓެކްނޮލޮޖީ ގޮތުންނާއި އަދި މި ނޫންވެސް އައި ބަދަލުތަކާއެކު ރާއްޖެއަކީ ޑިޖިޓަލް ވަޞީލަތްތައް މެދުވެރިކޮށް މަސައްކަތްކުރާ ފަރާތްތަކާއި ރިމޯޓްކޮށް މަސައްކަތްކުރާ ފަރާތްތަކުގެ ޖަގަހައަކަށް ވަމުން އަންނަކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ސިޔާސަތުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، 2023 ވަނަ އަހަރުގެ މާރޗް މަހުގެ ތެރޭގައި ރާއްޖެއިން "ވަން-ގަވް ޚިދުމަތްތައް" ތަޢާރަފްކުރައްވާނެކަމުގައި ވިދާޅުވިއެވެ. އަދި މިހާރު "ގަވްއެމްވީ" ޕްލެޓްފޯމަކީ، ސަރުކާރުގެ އިދާރާތަކާއި ޢާންމުންގެ މެދުގައި ޑިޖިޓަލް މުވާޞަލާތު ކުރުމުގެ މަގު ފަހިކޮށްދޭ ޕްލެޓްފޯމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެމަނިކުފާނު ވިދާޅުވީ ޑިޖިޓަލް ޑިވެލޮޕްމަންޓް އެޖެންޑާގެ އަމާޒަކީ ޑިޖިޓަލް ޑިވެލޮޕްމަންޓްގެ ބިންގާއަޅައި ކުރިއެރުވުންކަމަށާއި މި ޕްލޭންގެ މައިގަނޑު އަސާސަކީ ޑިޖިޓަލް މުޖުތަމައެއްގެ ބިނާކުރުމުގެ މައިގަނޑު އެއް އަސާސްކަމުގައިވާ، ޑިޖިޓަލް އައިޑެންޓިޓީ ތައާރަފްކުރުން ކަމުގައި ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ "ފިއުޗަރ އޮފް ވޯރކް" އަށް މަގުފަހިވާގޮތަށް އިންސާނީ ވަޞީލަތް ތަރައްޤީކުރުމަށް ސަރުކާރުން ކުރަމުންގެންދާ ބައެއް މަސައްކަތްތައް ފާހަގަކުރައްވާފައެވެ. އެގޮތުން އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާއި ކުދި ފަންތިއާ އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިވުމުގެ ގޮތުން އެސް.އެމް.އީ. ބޭންކް އުފެއްދުމާއި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް.) މެދުވެރިކޮށް އިތުބާރު ހިފޭ އަދި ދަތުރުފަތުރުގެ ނިޒާމެއް ޤާއިމުކުރުން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ވިޔަފާރި ކުރިއެރުވުމަށްޓަކައި އުފެއްދުންތެރި "ގްރީން ޓެކްނޮލޮޖީ"އަށް އިސްކަން ދޭންޖެހޭކަން ފާހަގަކުރެއްވިއެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ޓެކްނޮލޮޖީއާ ގާބިލުކަން އިތުރުކުރުމާއި އިއާދަކުރަނިވި ހަކަތައިގެ ވަޞީލަތްތައް ބޭނުންކުރުން އިތުރުކޮށް، ކާރިސާތަކުގެ ގެއްލުންތައް ކުޑަކުރުމަށް މަސައްކަތްކުރުމާއި، ނޫ އިޤްތިޞާދު ކުރިއެރުވުމާއި ބެހޭގޮތުން ވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވާހަކަފުޅު ދެއްކެވިއެވެ.