އައިކޮނިކް ސުޕަސްޓަރ، ސްރީދޭވީގެ ހަޔާތުގެ މައްޗަށް ނެރޭ ފޮތުގެ ނަމަކީ "ސްރިދޭވީ ދަ ލައިފް އޮފް އަ ލެޖެންޑް" ކަމުގައި ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.
މި ފޮތުގެ ރައިޓްސް ހޯދާފައި ވަނީ ވެސްޓްލެންޑް ބުކްސްއެވެ. "ސްރީދޭވީ - ދަ ލައިފް އޮފް އަ ލެޖެންޑް" ގެ ނަމުގައި ނެރޭ މި ފޮތުގައި ސްރީދޭވީގެ ހަޔާތުގެ ވާހަކަ ހިމެނޭނެއެވެ. ލިޔުންތެރިޔާ ދިރާޖް ކުމާރު ލިޔެފައިވާ މި ފޮތް މި އަހަރު، އޮންލައިންކޮށް އަދި ހުރިހާ ފޮތް ފިހާރަތަކުން ލިބޭނެއެވެ.
50 އަހަރަށްވުރެ ގިނަ ދުވަހުގެ ފިލްމީ މަސައްކަތްކަތުގައި ދެމިހުރި މަޝްހޫރު ބަތަލާ ވަނީ ތަމަޅަ، ތެލުގޫ، މަލަޔާލަމް، ކަނަޑާ އަދި ހިންދީ ބަހުން 300 އަށް ވުރެ ގިނަ ފިލްމުގައި މަސައްކަތްކޮށްފައެވެ. ޕަދްމާ ޝްރީ އާއި ނެޝަނަލް ފިލްމު އެވޯޑާއި ފިލްމްފެއާގެ ބައެއް އެވޯޑްތަކާއި ސްޓޭޓް ސަރުކާރުގެ އެވޯޑް އަދި ބައިނަލްއަގްވާމީ އެވޯޑްތައްވެސް ސްރީދޭވީ ވަނީ ހޯދާފައެވެ.
މި ފޮތާއި ބެހޭ ގޮތުން ވާހަކަ ދައްކަމުން ސްރިދޭވީގެ ފިރިމީހާ އަދި ޕްރޮޑިއުސަރު ބޯނީ ކަޕޫރު ބުނީ ބެލުންތެރިންނަށް ދޫކޮށްލި އޭނާގެ ފިލްމުތައް ދޫކޮށްލީ އުފަލުން ކަމަށާއި ސްރީދޭވީއަކީ ވަރަށް ޒާތީ ދިރިއުޅުމެއް އުޅުނު މީހެއް ކަމަށެވެ. އަދި ދިރާޖް ކުމާރަކީ ސްރީދޭވީ އޭނާގެ އާއިލާ މެންބަރެއްގެގޮތުގައި ދެކުނު މީހެއްކަމަށެވެ. އޭނާއަކީ ދިރާސާކުރާ މީހެއް، ލިޔުންތެރިއެއް އަދި ކޮލަމް ލިޔުންތެރިއެކެވެ. ސްރީދޭވީގެ ހަޔާތުގެ މައްޗަށް ފޮތެއް ލިޔާތީ އުފާވާ ކަމަށްވެސް ބޯނީ ބުންޏެވެ.
ބެލުންތެރިންގެ ބޮޑު މަޤުބޫލުކަމެއް ލިބިފައިވާ ބަތަލާ ސްރިދެވީ މަރުވީ 2018 ވަނަ އަހަރު ދުބާއީގައެވެ. އޭނާ ދުބާއީ އަށް ގޮސް އުޅުނީ ސްރިދޭވީއަށް ބޮޑު ދައިތަ ކިޔާ މޯހިތު މަރުވާހްގެ ކައިވެނީގެ ހަފްލާގައި ބައިވެރިވުމަށެވެ. ސްރީދޭވީއާއި ފިރިމީހާ އަދި ޕްރޮޑިއުސަރު ބޯނީ ކަޕޫރަށް ދެ އަންހެންކުދިން ވަނީ ލިބިފައެވެ. އެއީ ޖާންވީ ކަޕޫރާއި ހުޝީ ކަޕޫރެވެ. މި ދެ ކުދިންވެސް މިހާރު އަންނަނީ ފިލްމީ ދާއިރާގައި މަސައްކަތް ކުރަމުންނެވެ.