ޚަބަރު

ނަފްސާނީ ބަލިތަކަށް އަހަމިއްޔަތުދީ، ފަރުވާ ފުޅާކުރީ މިސަރުކާރުން: މެންބަރުން


ރާއްޖޭގައި އިތުރުވަމުންދާ ނަފްސާނީ ބަލީގެ ފަރުވާތަކަށް ޚާއްސަ އަހައްމިޔަތުކަމެއްދީގެން މާލެއާއި، އަތޮޅު ތެރެއިން މިބަލީގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް އެންމެބޮޑަށް ކުރަމުންދާ ސަރުކާރަކީ މިސަރުކާރު ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވިދާޅުވެއްޖެއެވެ.

ވަށައި ޖެހޭ ސިޔާސަތެއްގެ ތެރެއިން ނަފްސާނީ ސިއްހަތާ ގުޅޭ ޚިދުމަތްތައް ލިބޭނެ ގޮތް ހެދުމަށް ގޮވާލައި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ހުށަހެޅުއްވި ގަރާރުގެ ބަހުސް މަރުހަލާގައި ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އަޙްމަދު ޢަބްދުﷲ ވިދާޅުވީ ނަފްސާނީ ބަލިތަކުގައި ފަރުވާ ހޯދަމުންދާ މީހުންނަށް ޚާއްސަ އަހައްމިއްޔަތު ކަމެއްދީގެން، ފަރުވާގެ ޚިދުމަތް ސަރުކާރުން ފުޅާ ކުރަމުންދާކަމަށެވެ.

މިބަލީގައި ފަރުވާ ހޯދުމަށް އެދޭ މީހުންގެ ވެއިޓްލިސްޓު ކުޑަވާނޭގޮތަށް ފަރުވާގެ ކަންކަން ހަމަޖެހި، މެންޓަލް ހެލްތު ޔުނިޓެއް ގާއިމް ކުރެވި، އެޚިދުމަތްވެސް ދެވެމުންދާކަން މެންބަރު ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުން މިހާރު އަމާޒު ހިފާފައިވަނީ 2019 އިން 2023 އަށް ކަނޑައަޅާފައިވާ އެކްޝަން ޕްލޭންގައި ވާގޮތަށް މާލެއާއި އަތޮޅު ތެރޭގައިވެސް މިޚިދުމަތަށް އެދޭ މީހުންނަށް، ޚިދުމަތް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް އަހުމަދު ވިދާޅުވިއެވެ.

"މިފަދަ ބަލިތައް ތަހައްމަލު ކުރާ ފަރާތްތަކަށް އޮތް ހިތްހަމަ ޖެހުމަކީ، ކުރިން ނުލިބޭ ޚިދުމަތްތަކެއް މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުން އަތޮޅު ތަކުންނާއި، މާލެއިންވެސް ލިބެމުންދާކަން." މެމްބަރު އަހުމަދު ވިދާޅުވިއެވެ.

މިގަރާރަށް ވާހަކަ ދެއްކެވި މެމްބަރުންގެ ތެރެއިން ހަނިމާދޫ ދާއިރާ ޢަބްދުލްޣަފޫރު މޫސާ ވިދާޅުވީ ސިއްޙީ އެއްވެސް ކަމެއްގައި ސިޔާސީ މަންފާއެއް ހާސިލް ކުރެވޭގޮތަށް މަސައްކަތް ކުރުމަކީ އޭގެ ނަތީޖާ ރަނގަޅުވާނެ ކަމެއް ނޫންކަމަށެވެ. މި ސަރުކާރުން ވެރިކަމާއި ހަވާލުވި ދުވަހުން ފެށިގެން ރާއްޖޭގެ ސިއްޙީ ނިޒާމަށް ހެޔޮބަދަލުތަކެއް ގެނެސްފައިވާކަމަށް މެންބަރު ޣަފޫރު ވިދާޅުވިއެވެ.

އާސަންދައިގެ ހޭދަތަކާއި ގުޅޭގޮތުން ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް ރައްދު ދެއްވަމުން ޣަފޫރު ވިދާޅުވީ 2019 އިން ފެށިގެން 2022 ވަނަ އަހަރާއި ހަމައަށް ކޯވިޑާއި ގުޅިގެން އެތައް ބަޔަކު ރާއްޖެއިން ނުފުރި އާސަންދައިގެން ޚަރަދުތައް ކުރުން މަޑުޖެހުނު ކަމަށެވެ. ނަމަވެސް 2022 ވަނަ އަހަރުން ފެށިގެން އަނެއްކާވެސް އާސަންދައިން ކުރާ ހޭދަތައް އިތުރުވެ ކުރެވޭ ހޭދަތައް އިތުރުވެން ދިއުމުން އެކަންވެސް ސިޔާސީ މޤްސަދަކަށް ހަދައިގެން ވާހަކަދައްކަމުންދާކަމަށް މެންބަރު ތުހުމަތުކުރެއްވިއެވެ.

އައިޖީއެމްއެޗްގައި ނަފްސާނީ ބައްޔަށް ފަރުވާދޭނެ ޚާއްސަ ޑިޕާޓްމެންޓެއް ހުޅުވާފައިވާއިރު އެޑިޕާޓްމަންޓްގެ ޚިދުމަތްފުޅާކޮށް މިއަހަރުވަނީ އެޑްމިޓްކޮށްގެން ނަފްސާނީ ފަރުވާދެވޭނެ ހެން 9 އެނދުގެ ވޯޑެއް ޤާއިމުކޮށްފައެވެ.

މީގެއިތުރުން ހުޅުމާލޭ ހޮސްޕިޓަލުގައި ނަފްސާނީ ބައްޔަށް ފަރުވާދެވޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު އައްޑޫގައި ފަރުވާދިނުމަށް ބޭނުންވާ މަރުކަޒުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. އަދި އަތޮޅުތެރޭގައި ނަފްސާނީ ބައްޔަށް ދެވޭ ފަރުވާ ފުޅާކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން ލ.ގަމު ރީޖަނަލް ހޮސްޕިޓަލުން އަންނަނީ މުޅި ލ.އަތޮޅަށް އަމާޒުކޮށް ނަފްސާނީ ފަރުވާ އޮންލައިން ކޮންސަލްޓޭޝަން މެދުވެރިކޮށް ދެވޭނެ އިންތިޒާމު ހަމަޖައްސައި ޚިދުމަތް ދެމުންނެވެ.

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި އިއްވެވި ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެފައިވަނީ، އައިޖީއެމްޗްގައި ސެންޓަރ ފޮރ މެންޓަލް ހެލްތް، މި ސަރުކާރުން ޤާއިމްކުރީ އެކަމުގެ މުހިންމުކަން ބޮޑުވުމުންކަމަށެވެ. މިހާތަނަށް 60,000 އަށްވުރެ ގިނަ ކޮންސަލްޓޭޝަން، އެ ސެންޓަރުން ހަދާފައިވާކަމަށާއި، 3000 އަށްވުރެ މަތީގައި އޮތް ވެއިޓްލިސްޓް 400 އަށް ދަށްކުރެވިފައިވާކަމަށެވެ.