ޚަބަރު

މިމަހު 5 އިން ފެށިގެން ޑިޖިޓަލް ލައިސަންސް ބޭނުންކުރަން ފަށަނީ


މިމަހުގެ 5 އިން ފެށިގެން އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ގޮތުގައި ޑިޖިޓަލް ލައިސަންސް ބޭނުންކުރާގޮތަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުން ހަމަޖައްސަވައިފިއެވެ. އެއްގަމު ލައިސަންސްގެ ގޮތުގައި ޑިޖިޓަލް ލައިސަންސް ރާއްޖޭގައި ބޭނުންކުރަން މިފަށަނީ މުޅިން އަލަށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީއަކީ އާއްމު ރައްޔިތުންނާގުޅުންހުރި މުހިއްމު ގިނަ ޚިދުމަތްތަކެއް ފޯރުކޮށްދޭ މުއައްސަސާއެކެވެ. ވަކިން ޚާއްސަކޮށް އުޅަނދުފަހަރުގެ ރަޖިސްޓްރޭޝަނާއި ލައިސަންސާގުޅުން ހުރި ޚިދުމަތްތަކަކީ ދުވާލެއްގެ މައްޗަށް އެތައް ސަތޭކަ ބަޔަކު ހޯދަމުން އަންނަ ޚިދުމަތްތަކެކެވެ. މިއާއެކު މިނިސްޓްރީން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރުމަތިކޮށް ފަސޭހަކަމަކާއެކު އެ ޚިދުމަތްތައް ލިބޭނެ މަގު ފަހިކޮށްދިނުމަކީ ޓްރާންސްޕޯޓް މިނިސްޓްރީގެ އަމާޒެކެވެ.

ސަރުކާރު އޮފީސްތަކުން ޚިދުމަތް ލިބިގަތުމަށް ގިނަ ވަގުތުތަކެއް ބޮޑެތި ކިއުތަކުގައި އާއްމުން ހޭދަކުރަން ޖެހޭ ޖެހުމަކީ ރައްޔިތުންގެ ޒަމާންވީ ޝަކުވާއެކެވެ. މިކަން ބަދަލުކޮށް، ރައްޔިތުންނަށް ފަސޭހަކަމާއެކު އަވަސް ޚިދުމަތްތަކެއް ފޯރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ މުހިއްމު ސިޔާސަތެކެވެ. ޓްރާންސްޕޯޓް މިނިސްޓްރީންވެސް މިމަގަށް ކަންކަން ބައްޓަންކުރުމަށްޓަކާ މުހިއްމު މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.

އެގޮތުން މިނިސްޓްރީން މުޅިން އަލަށް އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ގޮތުގައި ޑިޖިޓަލް ލައިސަންސް މިމަހުގެ 5 ގައި ތަޢާރަފުކުރުމަށް މިވަނީ ތައްޔާރުވެފައެވެ. މިއީ ޓްރާންސްޕޯޓް މިނިސްޓްރީގެ ފަރާތުން އަލަށް ފަރުމާކޮށްފައިވާ ސޮފްޓްވެއަރގެ ބައިތަކުގެ ތެރޭގައި ހިމެނޭ މުހިއްމު ބައެކެވެ. މިއާއެކު ފުލުހުންގެ ޚިދުމަތުގެ ފަރާތުން ބޭނުންކުރަމުންދާ (Police Mv) އެޕްލިކޭޝަން އިން ފެންނަ ޑިޖިޓަލް ލައިސަންސްއަކީ އުޅަނދުތައް ދުއްވާ ފަރާތްތަކުގެ ލައިސަންސްގޮތުގައި ބަލައިގަނެ، އެޕްލިކޭޝަންއިން ފެންނަ ލައިސަންސްއަކީ މުއްދަތު އޮތް ލައިސަންސްއެއްނަމަ އެއީ ޞައްޙަ ލައިސެންސް ކަމުގައި ފުލުހުންވެސް ބަލައިގަންނާނެއެވެ.

ޑިޖިޓަލް ލައިސަންސް ތަޢާރަފުކުރުމުގެ މަސައްކަތް ކުރުމަށްޓަކާ 29 ޖެނުއަރީ 2023 ވަނަ ދުވަހުން ފެށިގެން 04 ފެބުރުއަރީ 2023 ވަނަ ދުވަހުގެ ނިޔަލަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ލައިސަންސްގެ އެންމެހާ ޚިދުމަތްތައް ވަގުތީގޮތުން ހުއްޓާލާފައެވެ. މިގޮތަށް ހަމަޖެއްސީ ޓްރާންސްޕޯޓުން ތައްޔާރުކޮށްފައިވާ ސޮފްޓްވެއަރގައި ހިމެނޭ ޚިދުމަތްތަކުގެ ތެރެއިން، އެއްގަމުގައި ދުއްވާ އުޅަނދު ދުއްވުމުގެ ލައިސަންސާބެހޭ ޚިދުމަތް ރޯލްއަޓް ކުރުމަށާއި، ޑޭޓާ މައިގްރޭޝަންގެ މަސައްކަތްތައް ކުރުމަށެވެ.

އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ޚިދުމަތަށް މިގެނެވޭ ޒަމާނީ ބަދަލާއެކު، ކިއުތަކުގައި ގިނަ ވަގުގުތަކެއް ހޭދަކޮށް، ކަރުދާސް ފޯމުތައް ފުރާ ހުށަހެޅުމުގެ ޒަމާން މާޒީވީއެވެ. ލައިސަންސަށް އެދި ހުށަހެޅުމާއި، އެންމެހާ މަސައްކަތްތައް ދެން ކުރެވިގެން ދާނީ ޑިޖިޓަލްކޮށެވެ. އަދި، ލައިސަންސް ދޫކުރެވޭނީވެސް ޑިޖިޓަލް ކޮށެވެ.

މިއާއެކު ޚިދުމަތުގެ ފެންވަރު ރަނގަޅުވެ ޒަމާނީވުމުގެ އިތުރުން ރައްޔިތުންނަށް އަވަސްކަމާއެކު ޚިދުމަތް ފޯރުކޮށް ދެވޭނެކަން ޓްރާންސްޕޯޓް މިނިސްޓްރީން ފާހަގަކުރައްވައެވެ. މިކަމުގެ ސަބަބުން ލައިސަންސް ކާޑު ހަނދާން ނެތިގެން ގޭގައި ބާއްވާފައި އާދެވުމުގެ ސަބަބުން ކުރިމަތިވާ އުނދަގޫތަކާ ދެން ކުރިމަތިލާކަށް ނުޖެހޭނެއެވެ. ތަންފީޒީ އިދާރާތަކަށްވެސް އެބޭފުޅުންގެ މަސައްކަތްތަކަށް އިތުރު އަވަސްކަމަކާއި ފަސޭހަކަމެއް ލިބެގެންދާނެއެވެ.

މި ބަދަލާއި ގުޅިގެން އެއްގަމު ލައިސަންސް ހެއްދުމަށް މިހާރު ޕްރިންޓިންގ އަށް ކުރާ ހޭދާވެސް ކުޑަކުރެވިގެންދާނެއެވެ. އަދި ޕާލްސްޓިކް ކާޑެއް ދޫކުރުމުގެ ބަދަލުގައި، ތިމާވެއްޓާ ރައްޓެހި ހައްލެއް ލިބިގެންދިޔައީއެވެ. ޑިޖިޓަލްކޮށް ލައިސަންސް ދޫކުރާ ގޮތަށް ބަދަލުކުރިނަމަވެސް ކޮންމެހެން ލައިސަންސް ކާޑު ޕްރިންޓް ކޮށްގެން ގެންގުޅުއްވަން ބޭނުންފުޅުވާ ފަރާތްތަކަށް އެ ފުރުޞަތުވެސް ފަހިކޮށް ދެވޭނެކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެއެވެ.