ޚަބަރު

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ބައިނަލްއަޤްވާމީ އެޑިއުކޭޝަން އެކްސްޕޯ ކުޅުދުއްފުށީގައި


ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ބައިނަލްއަގުވާމީ އެޑިއުކޭޝަން އެކްސްޕޯ ކުޅުދުއްފުށީ ސިޓީގައިއި މިމަހު ބާއްވަން ނިންމައިފިއެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ކުޅުދުއްފުށީ ސިޓީ ކައުންސިލުންގެ ޑެޕިއުޓީ މޭޔަރ ޢަލީ އަޙްމަދު ވިދާޅުވީ، މި އެކްސްޕޯއަކީ ކުޅުދުއްފުށީ ސިޓީ ކައުންސިލާ، ކިޔު ސްޓަޑީ ގުޅިގެން ކުރިއަށްގެންދާ އެކްސްޕޯއެއްކަމަށެވެ.

މި އެކްސްޕޯގައި ބައިނަލްއަޤްވާމީ ގިނަ ޔުނިވާސިޓީތަކުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މެލޭޝިއާ، ޔޫކޭ، ޔޫއެސްއޭ، ޔޫރަޕް، އިންޑީއާ އަދި އޮސްޓްރޭލިއާގެ ޔުނިވަރސިޓީތަކުން ބައިވެރިވާނެކަމަށް ޑެޕިއުޓީ މޭޔަރ ވިދާޅުވިއެވެ.

މި އެކްސްޕޯގެ ތެރެއިން ދަރިވަރުން ކުރިއަށްދާން ބޭނުންވާ ދާއިރާތަކުން އަދި ތަޢުލީމީ ފުރުޞަތުތަކުގެ މަޢުލޫމާތު ކަމުގެ ތަޖުރިބާ ކާރުން ހިއްސާކޮށްދޭނެއެވެ.


މިދިޔަ އަހަރު ސިޓީ ކައުންސިލާއި، ކިޔު ސްޓަޑީ ގުޅިގެން ކުރިއަށްގެންދިޔަ "އެޑިއުކޭޝަން މެލޭޝިޔާ އެކްސްޕޯ"އަށްވެސް ކުޅުދުއްފުށިން ބޮޑު ތަރުޚީބެއް ލިބިފައިވާކަން އަލީ އަހުމަދު ފާހަގަކުރެއްވިއެވެ.

"މިދިޔައަހަރު ވަރަށް ބޮޑު ތަރުޚީބެއް ލިބުނު. ސުޓޫޑެންސްގެ ފަރާތުން އެންމެ ބޮޑު ތަރުޚީބެއް ލިބުނީ. އެވަރު ބޮޑު ތަރުޚީބެއް އަސްލު ލިބުމުން މި ފަހަރު އެކްސްޕޯއާއި ގުޅުވައިގެން ކެރިޔާ ގައިޑަންސް ސެޝަންތަކެއް އެވެސް ވަކިން ހަމަ ކުރިއަތް ގެންދާ ގޮތަށް ހަމަޖެހިފައި ވަނީ" ޢަލީ އަޙްމަދު ވިދާޅުވިއެވެ.

މި އެކްސްޕޯގައި ރަޖިސްޓްރީވުމަށް ހުޅުވާލާފައިވާއިރު މި އެކްސްޕޯ އޮންނާނީ ކުޅުދުއްފުށީގައި ހުންނަ ހދ. އަތޮޅު ތައުލީމީ މަރުކަޒުގައި މި މަހު 30 ވަނަ ދުވަހުގެ 14:00 ން 18:00 އަށެވެ.

ކިއު ސްޓަޑީއަކީ މެލޭޝިއާގެ އެންމެ ގަދަ ނުވަތަ ޓޮޕް 10 ގައި ހިމެނޭ ހުރިހާ ޔުނިވާސިޓީއާއެކު ޕާޓްނަޝިޕް އޮންނަ ހަމައެކަނި ކޮންސަލްޓެންޓެވެ. އެކުންފުންޏަކީ މެލޭޝިއާގެ 40 އަށް ވުރެ ގިނަ ޕަބްލިކް އަދި ޕްރައިވެޓް ޔުނިވާސިޓީތަކާ ދެމެދު ޕާޓްނަޝިޕް އޮންނަ ކުންފުންޏެކެވެ.