ޚަބަރު

ދަތުރު ދާން ތައްޔާރުތަ؟ ރެޑީވޭ ކުޑަގިރި ހުޅުވާލަނީ


މާލެ ސަރަހައްދުން ދަތުރު ދިޔަ ރަށަކަށް މި ޖީލުގެ ޒުވާނުން ހަނދާން ހުންނާނީ ކުޑަ ބަނޑޮހެވެ. ދަރިންނާއި އެކު އާއިލާތައް، ޅަ ޒުވާނުންގެ ގްރޫޕް ގުރޫޕަށް މިރަށަށް ދަތުރުގޮސް ކުރަމުން ނަގަމުން އައި މަޖާ ނިމުމަކަށް އައީ މިދިޔަ ސަރުކާރުން މިރަށް އަމިއްލަ ވިޔަފާރިވެރިޔަކަށް ދޫކޮށްލުމުންނެވެ. އެހާ ހިސާބުން މި ސަރަހައްދުގެ މީހުން ހަފްތާ ބަންދުގައި ދިޔަ ދަތުރުތައް ނިމި ސިއްކަ ޖެހުނީއެވެ. ކުޑަ ބަނޑޮސް ދޫކޮށްލީ އެ ޝަކުވާތައް އެތައް ރައްޔިތުންނެއް ކޮށްކޮށް ތިއްބާ އަޑުއަހާލުމެއްވެސް ނެތިއެވެ.

ވެރިކަމަށް ވަޑައިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙްގެ އެއް ވައުދުފުޅަކަށް ވީ މާލޭ ސަރަހައްދުން ދަތުރު ދާނެ ރަށެއް ކަނޑައަޅާދިނުމެވެ. މިމަސައްކަތުގެ ދަށުން މާލެއާއި ދާދި ކައިރީގައި އޮތް ކުޑަގިރި ފަޅުން 8 ހެކްޓަރު ބިން ހިއްކާ މިއޮތީ ރަށެއް ހަދާފައެވެ. އަދި ރަށާއި އިންވެގެން 1.5 ހެކްޓަރުގެ ކުޑަ ފިނޮޅެއްވެސް މިއޮތީ ހަދާ ނިންމާފައެވެ.

މާލެ ކައިރިން ދަތުރުދާނެ ރަށެއް ނެތިގެން ކުރަމުން އައި ޝަކުވާތަކަށް ނިމުން އަންނާކަށް ދެން މާގިނަ ދުވަހެއް ނެތެވެ. ފަޅެއް ހިއްކައިގެން ހެދި ރަށެއްކަމުން ރަށް އޮންނާނެ ގޮތާމެދު ކުރެވޭ ސުވާލުތަކަށްވެސް މިހާރު މިއޮތީ ޖަވާބު ލިބިފައެވެ. ދަތުރު ދިޔުމަށް ޚާއްސަކުރި ޗާލު ނަލަ ކުޑަގިރީގެ ހިތްގައިމު ކުލަ މަންޒަރުތައް މިހިރީ ފެންނާށެވެ.

ކިތައް މިނެޓުން ދެވެނީ، ކިހިނެތް ދާނީ؟

މިރަށް އޮތީ މާލެއާއި ވަރަށް ކައިރީގައެވެ. ކުރިން ދަތުރު ދިޔަ ކުޑަބަނޑޮހަށްވުރެވެސް ކައިރިއެވެ. މާލެއިން ފުރައިގެން ރަށަށް ލަފަން ނަގާނީ އެންމެ 15 ވަރަކަށް މިނެޓްއެވެ. ހުޅުމާލެއިން ނައްޓާލިޔަސް ވަނީ ވިއްސަކަށް މިނެޓްއެވެ. ރަށަށް ދާން ބޭނުންވާ ފަރާތްތަކަށް ދަތުރުކުރުމަށް ބޭނުންވާ އިންތިޒާމުތައްވެސް އެޗްޑީސީން ދަނީ ހަމަޖައްސަމުންނެވެ. މާލެއިން ދާން ބޭނުންވިޔަސް ނުވަތަ ހުޅުމާލެއިން ދާން ބޭނުންވިޔަސް އެއްވެސް މައްސަލައެއް ނެތެވެ. މާލެއިންވެސް ހުޅުމާލެއިންވެސް ޓިކެޓް ގަންނަން ލިބޭނެއެވެ. އެޗްޑީސީން އެކަމަށް މިހާރު އެ އޮތީ ތައްޔާރަށެވެ.

ހަމަ ހުސް ފަސްގަނޑެއްތަ؟

ކުޑަބަނޑޮހަށް ދަތުރު ދިޔަ ދުވަސްވަރު އަވަސް އަރުވާލައިގެން ދާން ހަދައިގެން ކަންކަން ހަނދާންނައްތާލި މީހުންގެ އަދަދު މަދެއް ނުވާނެއެވެ. ކައްކަން ގަތް ހަނޑުކޮޅާއި ނޫޑްލްސް ކޭހާއި ގަތް ފެން ކޭސް މާލޭގައި ބަހައްޓާފައި ދެވިފައި އެބަހުއްޓެވެ. އެހިސާބުން މުޅި ދަތުރު ފަނިވެ އަލުން މާލެއަށް އެކަކު މިސްރާބު ޖަހަންޖެހެނީ އެތަކެތި ބަލައެވެ.

ފަޅެއް ހިއްކައިގެން ކުޑަގިރި ހެދިނަމަވެސް މިތަނުގައި ދަތުރުދާ މީހުންނަށް ބޭނުންވާ ގިނަ ޚިދުމަތްތައް ވަނީ ޤާއިމުކޮށްފައެވެ. ފާޚާނަބަރިތަކާއި ޗޭންޖިން ރޫމާއި ނާސިންގެ ރޫމްވެސް މިހިރީއެވެ. މިސްކިތަކާއި ކްލިނިކެއްވެސް އެބަހުއްޓެވެ. ފިހާރައާއި ކެފޭގެ ޚިދުމަތްވެސް މިހިރީ ތައްޔާރަށެވެ. ހަނދާންނެތިގެން ނުގެނުވުނު އެއްޗެއް ބަލާ އަނބުރާ މާލެ ދާކަށް ޤައިމުވެސް ދެން ނުޖެހޭނެއެވެ. ކަރަންޓާއި ފެނުގެ އަސާސީ ޚިދުމަތްތައްވެސް ހުރީ ޤާއިމުކޮށްފައެވެ.

މިވަރުން އަދި ނިންމާނުލާ

ދޯނި ބަނޑޮހަށް ގާތްކޮށްލުމާއި އެކު އެކަކު މޫދަށް ފުންމާލައިގެން އޭރު ދުއްވައިގަންނަނީ ގެނައި ތަކެތި ބަހައްޓާނެ މޭޒު ގަނޑެއް ހޯދާށެވެ. ހުންނާނީ ދެތިން މޭޒެވެ. ލިބޭނީ ކުރިން ރަށަށް އެރި ބަޔަކަށެވެ. އެހެންނަމަވެސް ކުޑަގިރިގެ ތަފާތުކަން ބުނެދޭން މިއީވެސް ކަމެކެވެ.

ދަތުރުދާން މީހުންނަށް ބޭނުންކުރެވޭ ގޮތަށް ހިޔާކޮށްފައިވާ ހަޓްތައް ވަނީ އެރަށުގެ ހުރިހާ ދިމާލެއްގައި ހަދާފައެވެ. ބޮޑެތި އާއިލާތަކަށް ބޭނުންކުރަން 4 ބޮޑު އަށި އެބަހުއްޓެވެ. 13 ކުޑަ އަށިވެސް އެބަހުއްޓެވެ. މި ތަންތަން ހަދާފައި ހުރީ ކައްކަން ވަކި ދިމާލެއް ބޭނުންކޮށް ކެއުމަށް ވަކި ދިމާލެއް ބޭނުންކުރެވޭ ގޮތަށެވެ. ކަރަންޓް ގުޅާ ސިންކުވެސް ހަރުކޮށްފައެވެ. ބަދިގެއަކާއި ހަމައެއްވެސް ތަފާތެއް ނެތެވެ.

ކުޅިވަރާއި ވޯޓަރ ސްޕޯޓްސްވެސް

ކުޑަގިރި އާއްމުންނަށް ހުޅުވާލާއިރު އާއްމުކޮށް ކުޅޭ ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމުވެސް ހުރީ އެއްވަނައިގައެވެ. ރަށުގައި ވޮލީ ބޯޅަ ކޯޓަކާއި ބާސްކެޓް ކޯޓަކާއި އައުޓްޑޯ މިނީ ފުޓްބޯޅަ ކުޅޭ ދަނޑެއް އޮންނާނެއެވެ. އަދި ކުޑަކުދިންނަށް ޚާއްސަކޮށް ޕްލޭ ގްރައުންޑެއްވެސް ހުރިތަން މަންޒަރުތަކުން އެބަ ފެނެއެވެ. މީގެއިތުރުން ހިދުމަތް ދިނުމަށް ޑައިވް ސެންޓަރަކާއި ވޯޓަރ ސްޕޯޓްސް ސަރަހައްދެއްވެސް ތައްޔާރުވަނީއެވެ.

މިރަށަށް ދެވޭނީ ދަތުރު އެކަނިތަ؟

އާއެކެވެ. މިއީ ދަތުރު ދާން ހެދި ރަށެކެވެ. އެހެންނަމަވެސް މިތަނަށް ދެވޭނީ ހަމައެކަނި ދަތުރުދާން ދާ ދިޔުމެއް ނޫނެނެވެ. ދަތުރުގެ މަޖަލުގެ ހަނދާންތަކުގެ އިތުރުން ހަޔާތުގއި އަންނަ އެހެނިހެން މުހިއްމު ހަނދާންތައްވެސް މިރަށާއި ގުޅުވާލުމުގެ ފުރުސަތު އެބައޮތެވެ. ކައިވެނި ޕާޓީތަކާއި އުފަން ދުވަސްވެސް ފާހަގަކުރަން ރަށް ލިބޭނެއެވެ. އަދި ކުންފުނިތަކާއި އޮފީސްތަކުން އެމީހުންގެ އެކި އިވެންޓްތައްވެސް ބާއްވަން ރަށް ނަގަންވީއެވެ. އަދި ޓޫރިޒަމްގެ ވިޔަފާރިކުރާ ފަރާތްތަކުން ފަތުރުވެރިން ގޮވައިގެންވެސް މި ރަށަށް ޒިޔާރަތްކުރަންވީއެވެ. މިކަމަށް ބޭނުންވާ އުސޫލްތައް އެޗްޑީސީން އަދި ހާމައެއް ނުކުރެއެވެ. އެހެންނަމަވެސް ރަށް ހުޅުވާއިރު މިކަންވެސް އޮންނާނީ ލިޔުމަށް ތިރިވެފައިކަން ޔަޤީނެވެ.

އަތްފޯރާ ފަށުގައި އިހުގެ ހަނދާންތައް އައުކޮށްލެވޭނެ


އެޗްޑީސީން މިހާރު އަންނަނީ ރަށުގެ މަސައްކަތްތައް ނިންމާ ދަތުރު ދިޔުމަށް ރަށް ހުޅުވާލުމުގެ އެންމެ ފަހުގެ މަސައްކަތް ކުރަމުންނެވެ. އެންމެ ބޮޑު ސުވާލަކީ މިރަށަށް ދަތުރުދާން ކިހާވަރެއް ހޭދަކުރަންޖެހޭނެތޯ އުފެދޭ ސުވާލެވެ. އޭގެ ޖަވާބެއް އެޗްޑީސީއަކުން އަދި ނުދެއެވެ. އެހެންނަމަވެސް އެކޯޕަރޭޝަނުން ދޭ ޔަގީންކަމެއް އެބައޮތެވެ. ރަށް ހުޅުވާއިރު މިރަށަކީ ދަތުރު ދިޔުމަށް އެންމެ ފުރިހަމަ ރަށެއްގެ ގޮތުގައި ވެގެންދާނެކަމުގެ ޔަޤީންކަމެވެ. އަދި މާލޭ ކައިރީ ރައްޔިތުން މިތަނަށް ދަތުރުދާން އެހާ ބޮޑު ހޭދައެއް ނުކޮށް އަތްފޯރާ ފަށުގައި އާއިލާ ގޮވައިގެން ގޮސް މަޖާކޮށްލެވޭނެކަމުގެ ޔަޤީންކަމެވެ. އަދި އެއަށްވުރެވެސް ބޮޑު ހިތްހަމަޖެހުމެއް ސަރުކާރާއި ކުޑަގިރީގެ މަސައްކަތުގައި ބައިވެރިވި ހުރިހާ ކުންފުންޏެއްގެ އެބައޮތެވެ. ކުޑަގިރި އަކީ އިހުގައި މި ސަރަހައްދު މީހުން ދަތުރު ދިއުމުގެ ހަނދާންތަކާއި އާދަތައް އަލުން އިޔާދަވާނެ ރަށަކަށް ކުޑަގިރި ވާނެކަމުގެ އުފަލާއި ހިތްހަމަޖެހުމެވެ.

ކޮންމެއަކަސް ރަށް ހުޅުވާލަން ދެން މާގިނަ ދުވަހެއް ނެތެވެ. ދަތުރު ދާން ތައްޔާރު ހެއްޔެވެ. އެހެންކަމަށްވާނަމަ އަވަހަށް ރޭޑީވެ އެކުގައި ދާނެ ގްރޫޕްތައް އެއްކޮށްލާ ދަތުރު ޕްލޭން ރާވާލާށެވެ.

މީމު

ވަރަށް ރަނގަޅު. އެޗްޑީސީއަށާއި ސަރުކާރަށް ޝުކުރު ދަންނަވަން.