ޚަބަރު

"އެވެޓާ 2" އަށް ބޮޑު އާމްދަނީއެއް


މިދިޔަ މަހު ރިލީޒްކުރި "އެވެޓާ: ދަ ވޭ އޮފް ވޯޓާ" ގެ އާމްދަނީ 1.7 ބިލިއަން ޑޮލަރަށް އަރައިފިއެވެ.

ޖޭމްސް ކެމެރޮން ޑައިރެކްޓުކޮށް 2009 ވަނަ އަހަރު ގެނެސްދިން "އެވަޓާ" ގެ ސީކްއެލް މިހާރު ވެފައި ވަނީ މިހާތަނަށް ބޮކްސް އޮފީހުގައި 7 ވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމަށެވެ. އެ ރެކޯޑް ކުރިން އޮތީ 2015 ވަނަ އަހަރު ރިލީޒްކުރި "ޖުރަސިކް ވޯލްޑް" އަށެވެ. ޖުމްލަ 150 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި އެ ފިލްމަށް ބޮކްސް އޮފީހުގައި ޖުމްލަ 1.672 ބިލިއަން އެމެރިކާ ޑޮލަރު ލިބިފައިވެއެވެ.

މީގެއިތުރުން މި ފިލްމުގެ އިތުރު ބައެއްގެ ގޮތުގައި މިދިޔަ އަހަރު ގެނެސްދިން "ޖުރަސިކް ވޯލްޑް ޑޮމިނަން" އަކީ މިދިޔަ އަހަރު ރިލީޒްކުރި ފިލްމުތަކުގެ ތެރެއިން ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހުރަސްކުރި ތިން ފިލްމުގެ ތެރެއިން އެއް ފިލްމެވެ.

މިދިޔަ މަހުގެ 16 ގައި ރިލީޒްކުރި "އެވެޓާ: ދަ ވޭ އޮފް ވޯޓާ" ގެ އާމްދަނީ އިއްޔެއާ ހަމައަށް ވަނީ 1.708 ބިލިއަން ޑޮލަރަށް އަރައިފަ އެވެ. މިއާއެކު މި ފިލްމުވީ މިދިޔަ އަހަރު ރިލީޒްކުރި ފިލްމުތަކުގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމަށާއި ކޮވިޑްގެ ބަލިމަޑުކަމުގެ ފަހުން ރިލީޒްކުރި އެންމެ ކާމިޔާބު ފިލްމަށެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނާ ގޮތުގައި "އެވެޓާ: ދަ ވޭ އޮފް ވޯޓާ" ގެ އާމްދަނީ ކުރިއަށް އޮތް މަދު ދުވަސްތަކުގެ ތެރޭގައި ދެ ބިލިއަނަށް ވެސް އަރާނެއެވެ. މީގެ ފުރަތަމަ ބަޔަކީ މިހާތަނަށް ބޮކްސް އޮފީހުގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމުކަމެވެ. ޖުމްލަ 237 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި "އެވެޓާ" އަށް ޖުމްލަ 2.923 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެއެވެ.

މި ފިލްމަށް މިހާރު ލިބެމުން އަންނަ ތަރުޚީބަށް ބަލާއިރު، "އެވެޓާ" ހަދާފައި އޮތް ރެކޯޑްވެސް މި ފިލްމު މުގުރާލާނެ ކަމަށް ބެލެވެއެވެ.

މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ހޯދި ދެވަނަ ފިލްމުގެ ރެކޯޑްވެސް އޮތީ ކެމަރޮންއަށެވެ. އެއީ އޭނަ 1997 ވަނަ އަހަރު ގެނެސްދިން "ޓައިޓޭނިކް" އާ އެކީގައެވެ. ޖުމްލަ 200 މިލިއަން އެމެރިކާ ޑޮލަރުގެ ބަޖެޓަކުން ހެދި އެ ފިލްމަށް 2.202 ބިލިއަން އެމެރިކާ ޑޮލަރު ލިބިފައިވެއެވެ.

އެންމެ ބޮޑު އާމްދަނީއެއް ހޯދި ދެވަނަ ފިލްމަކީ ރުސޯ ބްރާދާސް 2019 ވަނަ އަހަރު ގެނެސްދިން "އެވެންޖާސް: އެންޑް ގޭމް" އެވެ. ޖުމްލަ 400 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި ފިލްމުގެ އާމްދަނީ އަކީ 2.789 ބިލިއަން އެމެރިކާ ޑޮލަރެވެ.