ޚަބަރު

ކުޑަހުވަދޫގައި 50 ހައުސިން ޔުނިޓް އަޅާނެ ބަޔަކު ހޯދަނީ


ދ. ކުޑަހުވަދޫގައި 50 ހައުސިން ޔުނިޓް ޢިމާރާތް ކޮށްދޭން ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް ކުރިމަތިލުމުގެ ފުރުސަތު ފިނޭންސް މިނިސްޓްރީން ހުޅުވާލައިފިއެވެ. މިއަހަރުގެ ބަޖެޓްގައި ހިމަނައިގެން ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ މި މަޝްރޫއަށް 9.2 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.

ކުޑަހުވަދޫގައި ހައުސިން ޔުނިޓްތައް އިމާރާތްކުރުމަށް ޝައުގުވެރިކަން ފާޅުކުރަންޖެހޭނީ ޑިޒައިން އެންޑް ބިލްޑް އުސޫލުން އެ މަސައްކަތް ކޮށްދޭނެ ބަޔެކެވެ. މި ބީލަމުގައި ބައިވެރިވުމަށް -/500 ރުފިޔާ (ފަސްސަތޭކަ ރުފިޔާ) ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހެއެވެ. އަދި މި މަޝްރޫއުގެ ބިޑްސެކިއުރިޓީގެ ގޮތުގައި -/260,000ރ (ދެލައްކަ ފަސްދޮޅަސް ހާސް ރުފިޔާ) ހުށަހަޅަން ޖެހެއެވެ.

އާބަދީގައި 3000 ވުރެ ގިނަ މީހުން ދިރިއުޅެމުން އަންނަ ކުޑަހުވަދޫއަށް ބޭނުންވާ ތަރައްޤީގެ އެކި މަޝްރޫޢުތައް މި އަހަރުގެ ބަޖެޓްގައިވެސް ވަނީ ހިމަނާފައެވެ. އޭގެތެރޭގައި ހިނގަމުން އަންނަ ބައެއް މަޝްރޫއުތައްވެސް ހިމެނެވެ.

ކުޑަހުވަދޫގައި މިހާރު ކުރަމުން އަންނަ އެންމެ ބޮޑު މަސައްކަތަކީ އެރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމެވެ. މި މަސައްކަތުގެ ފޭސް 2 ގެ ދަށުން އެރަށުގެ މަގުތަކުން 5.85 ކިލޯމީޓަރުގެ ސަރަޙައްދެއްގައި ތާރުއަޅަން ވަނީ ހަމަޖެހިފައެވެ. މިހާރު ކުރިޔަށްދަނީ ޕޭމަންޓާއި ފެން ހިންދާ ނިޒާމުގެ ޤާއިމުކުރުމުގެ މަސައްކަތް ކަމަށް އެމަސައްކަތް ކުރަމުން އަންނަ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ވިދާޅުވެއެވެ. އެ ކުންފުންޏާއި މި މަސައްކަތް ހަވާލުކޮށްފައިވަނީ 122 މިލިއަން ރުފިޔާއަށެވެ.

މަގުތައް ޒަމާނީ ފެންވަރަށް ހެނދުމުގެ އިތުރުން ކުޑަހުވަދޫއަށް މިއަހަރަށް ބަޖެޓްކޮށްފައިވާ މަޝްރޫޢުތަކުގެ ތެރޭގައި އެރަށު ބޯޅަދަނޑު ތަރައްޤީކުރުމާއި އަތޮޅު ހޮސްޕިޓަލްގެ އައު އިމާރާތް އެޅުމާއި ފެން ހިންދާ ނިޒާމު ޤާއިމުކުރުމުގެ އިތުރުން ކުޑަކުދިންގެ ރެޒިޑެންޝަލް މަރުކަޒެއް ޤާއިމުކުރުން ހިމެނެއެވެ.

ކުޑަހުވަދޫ ފުޓުބޯޅަ ދަނޑު ތަރައްޤީކުރުމަށް ބަޖެޓްކޮށްފައިވަނީ 350،000ރ ( ތިންސަތޭކަ ފަންސާސް ހާސް ) ރުފިޔާއެވެ. އަތޮޅު ހޮސްޕިޓަލްގެ އައު އިމާރާތް އެޅުމަށް ބަޖެޓްގައި ހިމަނާފައިވަނީ 6.11 މިލިއަން ރުފިޔާއެވެ. ހޯމް މިނިސްޓްރީގެ ބެލުމުގެ ދަށުން ކުޑަހުވަދޫގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ކުޑަކުދިންގެ ރެޒިޑެންޝަލް މަރުކަޒަށް ބަޖެޓްކޮށްފައިވަނީ 756،453ރ ( ހަތްސަތޭކަ ފަންސާސް ހަ ހާސް ހަތަރު ސަތޭކަ ފަންސާސް ތިން ) ރުފިޔާއެވެ.

މި މަޝްރޫޢުތަކުގެ އިތުރުން ކުޑަހުވަދޫގެ ބަނދަރު އަޕްގްރޭޑްކުރުމަށްވެސް މިއަހަރުގެ ބަޖެޓްގައިވަނީ ހިމަނާފައެވެ.